ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ކަމާއިގުޅޭ ވަޒީރުންނާއި ބައްދަލުކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވާ އެ ދާއިރާތަކަށް އިސްކަމެއް ދީގެން އިންސާނީ ވަސީލަތް ތަރައްގީކޮށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ.
އިންޖިނިއަރިން އާއި ޓެކްނިކަލް ދާއިރާތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ނައިބު ރައީސް އަލިއަޅުއްވައިލެއްވި އެވެ.