ގދ. ހޯނޑެއްދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ.
މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ. އެޗްޕީއޭއިން ބުނީ މިއަދުވެސް އެ ރަށުން އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަަށެވެ.
އެޗްޕީއޭއިން ބުނީ އެ ރަށުގައި މިހާރުވެސް ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މީގެ އިތުރުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެ ގަތުމަށް އިންވެސްޓިގޭޝަނެއް ވަނީ ފަށާފަ އެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ. އެ ރަށައް ބަލި ދިޔައީ ކިހިނެތްކަން އަދި ހޯދިފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.