ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުޅުމާލޭ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓު ކުރެވޭނެ

ހުޅުމާލޭ ހޮސްޕިޓަލުން މިއަދުން ފެށިގެން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާލޭ ސިޓީ އާއި އަތޮޅުތަކުގައި ކޮވިޑްގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި މިއަދުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ކޮވިޑްގެ ޕީސީއާރް ޓެސްޓު ހެދޭނެ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މީގެ ކުރިން ކޮވިޑް ހުރިތޯ ބަލަން މަދު ޓެސްޓުތަކެއް ކުރަމުން އައި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 2000 އާއި ގާތްކުރާ އަދަދަކަށް ޓެސްޓު ކުރުމުގެ ކެޕޭސިޓު އިތުރު ކޮށްފައިވާ ކަމަށެވެ.

ކޮވިޑް ހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ރާއްޖޭގައި ހަދަން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ ވެސް އިތުރު ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގްރޭޓާ މާލެ ސަރަހައްދާއި، ކ. އަތޮޅާއި އއ. އާއި އދ. އާއި ވ. އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 1000 އާއި 1300 އާއި ދެމެދު އަދަދަކަށް މިހާރު ވެސް ޓެސްޓު ކުރެ އެވެ. އަދި މި އަދަދު އިތުރު ކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވެސް މިމަހުގެ ތެރޭގައި ޕީސީއާރް މެޝިނެއް ބަހައްޓަން ނިންމާފައި ވެއެވެ.

މީގެ އިތުރުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު ހިމެނޭ ޒޯންގައި މިހާރު ދުވާލަކު 60 ޓެސްޓު ހެދޭއިރު އެ އަދަދު 200 އަށް އިތުރު ކުރުމުގެ މަސައްކަތް ކުރެ އެވެ. ނ. އަތޮޅާއި ރ. އާއި ބ. އަދި ޅ، އަތޮޅު ހިމެނޭ ޒޯންގައި ދުވާލަކު 80 ޓެސްޓު މިހާރު ހެދެ އެވެ. ދެކުނުގެ ފުވައްމުލަކާއި އައްޑޫ ހިމެނޭ ޒޯނުގައި ދުވާލަކު 60 ޓެސްޓު ކުރުމުގެ ކެޕޭސިޓީ ހުރި އިރު މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަދި ލ. އަތޮޅު ހިމެނޭ ޒޯނުގައި ދުވާލަކު 40 ޓެސްޓު މިހާރު ހެދެ އެވެ.

މާލެ ފިޔަވައި މިހާރު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ހުވަދު އަތޮޅުގެ ދެބުރި ހިމެނޭ ޒޯނުގައި ދުވާލަކު މިހާރު ހެދެނީ 40 ޓެސްޓެވެ. އެ ދަދުވެސް އިތުރު ކުރަން ވެސް މަސައްކަތް ފަށާފައި ވެއެ.

ރާއްޖެއިން މިހާތަނަށް 8،600 އަށްވުރެ ގިނަ މީހުން މި ބަލި ޖެހިފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ ދެ މީހަކު މި ބަލީގައި މަރުވެފަ އެވެ. މިއާއެކު މަރުވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފަ އެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 127 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ދަރުމަންތަ ހޮސްޕިޓަލް (ޑީއެޗް) ގެ 11 ވަނަ ފަންގިފިލާގައި ދެ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެ ދެ މީހުންވެސް ތިބީ ވެންޓިލޭޓަރަށްލާފަ އެވެ. އަދި މާބަނޑު މީހުންނަށް ހާއްސަ ކޮށްގެން ޑީއެޗް 16 ގައި ހަދާފައިވާ ސެންޓަރުގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި 20 ވަނަ ފްލޯގައި ވެސް ކޮވިޑްގެ ބަލި މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގެ 25 ރަށަކުން ޖުމްލަ 91 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.