ހަބަރު

ކޮޗިން ފެރީ ފުރަތަމަ ބޯޓު މިމަހު 26 ގައި

Sep 10, 2020
7

ރާއްޖޭގައި ގާއިމުގެ ތިބޭ އިންޑިއާ ސިފައިންގެ މައްސަލަ ހޫނުވެ އެމަކާ ދިވެހިންގެ ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށަން ޝެޑިއުލް ކޮށް މިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ބޯޓު ރާއްޖެ ބަނދަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފެރީގެ ހިދުމަތުގެ މަޝްވަރާތައް މިދިއަ އަހަރު ފެށިގެން ކުރަމުން އައިސް، އެ ހިދުމަތް ފަށާ ކަމަށް އިއުލާނު ކޮށްފައި ވަނީ، މިދިއަ މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން، އެ ކާގޯ ބޯޓު ތޫތުކުޅިން މިމަހުގެ 20 ވަނަ ދުވަހު ފުރައިގެން 22 ވަނަ ދުވަހު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށަން ވަނީ ހަމަޖެހިފަ އެވެ. މި ހިދުމަތުގެ ދަށުން އަންނަ ފުރަތަމަ ކާގޯ ފެރީ ރާއްޖެއަށް ވަންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ކޮންމެ މަހަކު މިފަދަ ދެ ތިން ދަތުރު ކުރަން ވަނީ ރާވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން، ފޮރިން މިނިސްޓްރީން އަވަސްއަށް މައުލޫމާތު ދެމުން ބުނީ މި މަހު ފަހުކޮޅު އެ ހިދުމަތް ފަށާނެ ކަމަށެވެ. ނަމަވެސް، ފުރަތަމަ ބޯޓު އަންނަ ތާރީހު ރަސްމީކޮށް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ފުރަތަމަ އަންނަ ކޮންޓެއިނަރު ބޯޓުގައި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކުރިން ވަނީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ކޮޗިން ފެރީއާއެކު ދެ ގައުމުގެ މެދުގައި މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރާ އިންޑިއާއާ ވަރަށް ކައިރި ބަދަހި ގުޅުމެއް އުފައްދައްފައި ވެއެވެ. އަދި އެ ގުޅުމާއެކު ރާއްޖޭގައި ގައިމުވެ ތިބޭ އިންޑިއާ ސިފައިން އިތުރު ކުރާ މައްސަލަ ހޫނުވެ، "އިންޑިއާ އައުޓު" ގެ ނަމުގައި ދިވެހިންގެ ގިނަ ބަޔަކާއި އިދިކޮޅު ފަރާތްތަކުން ވަނީ ކެމްޕޭނެއް ފަށާފަ އެވެ. އިންޑިއާ ފެރީ ދަތުރުތަކުން މި މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާ ކުރެ އެވެ.