ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޮކްސްފޯޑުގެ ވެކްސިން ނާކާމިޔާބުވީތަ؟

ކޮރޯނާވައިރަސް އަށް އޮކްސްފޯޑުން ތައްޔާރު ކުރި ވެކްސިންގެ ޓްރަޔަލްތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދިޔަ އަސްޓްރާޒެނެކާ އިން މި މަސައްކަތް މަޑުޖައްސާލީ ވެކްސިން ދިން ވޮލަންޓިއަރަކަށް ގޮތްނޭނގޭ ބައްޔެއް ޖެހުމާ ގުޅިގެންނެވެ. މިއީ ވެކްސިން ޓްރަޔަލްތަކުގައި އަމަލުކުރަން ހަމަޖެހިފައި އޮންނަ އުސޫލެވެ. އަޖުމަ ބެލުމުގެ ގޮތުން ވެކްސިން ދިން މީހުންނަށް ސީރިއަސް މައްސަލައެއް ދިމާނުވާކަން ވެކްސިން އުފައްދާ ފަރާތަށް ޔަގީން ވާން ޖެހޭތީ އެވެ.

މި ވެކްސިންގެ މަސައްކަތް އިތުރަށް ކުރިޔަށް ގެންދެވޭނީ މިހާރު ލިބިފައިވާ މައުލޫމާތުތައް ދިރާސާކޮށް ވެކްސިން ރައްކާތެރިކަމުގެ ފުރިހަމަ ޔަގީންކަން ލިބުމަށް ފަހުގައި ކަމަށް ސީއެންއެން އަށް ފޮނުވި ސްޓޭޓްމަންޓެއްގައި ވެކްސިން އުފައްދާ ފަރާތުން ބުނެފައި ވެއެވެ.
މި ކުންފުނިން އުފައްދާ ވެކްސިން އަށް އޮކްސްފޯޑް ވެކްސިން ކިޔަނީ އެ ވެކްސިން ތަރައްގީކޮށްފައިވަނީ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ކަމަށް ވާތީ އެވެ.

"މިއީ ވެކްސިންތަކުގެ ޓްރަޔަލްތަކުގައި އަމަލުކުރަން ޖެހޭ އާއްމު އުސޫލެއް. އެއްވެސް ޓްރަޔަލް އެއް ކުރިޔަށް ދަނިކޮށް ވޮލަންޓިއަރަކަށް ގޮތްނޭނގޭ ބައްޔެއް ޖެހިއްޖެނަމަ ޓްރަޔަލް މަޑުޖައްސާލާފައި އެމީހާއަށް ވީ ގޮތް ރަނގަޅަށް ތަހުލީލުކުރަން ޖެހޭ. ޓްރަޔަލްތަކުގެ އިންޓެގްރިޓީ ހިފެހެއްޓޭނީ މިގޮތަށް،" ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގިނަ މީހުން ބައިވެރިކޮށްގެން ފުޅާކޮށް ހަދާ ޓްރަޔަލްތަކުގައި ބައިވެރިކުރާ ވޮލަންޓިއަރުންނަށް އެކި ކަހަލަ ބަލިތައް ޖެހުމުގެ ޗާންސް އޮވެ އެވެ. މިފަހަރު މައްސަލައެއް ދިމާވީ އެންމެ މީހަކަށް ނަމަވެސް އެމީހާ ރަނގަޅަށް ރިވިއުކޮށް އެއީ ވެކްސިން ޖަހައިގެން ދިމާވި ކަމެއްތޯ ނުވަތަ ނޫންތޯ ފަރުވާތެރިކަމާއެކު ބަލަން ޖެހެ އެވެ. އަދި ޓްރަޔަލްތަކުގައި ބައިވެރިކުރާ މީހުންގެ ރައްކާތެރިކަމަކީ އެންމެ މަތީ ފެންވަރަށް ބަލަންޖެހޭ ކަންކަމެވެ.

އަންގާރަ ދުވަހު އަސްޓްރާޒެނެކާ އިން ވަކީ ބޭސް އުފެއްދުމުގެ ރޮނގުން ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ބައޯފާމަސޫޓިކަލް އަށް ކުންފުންޏަކާ ގުޅިގެން ވަރަށް ވަރުގަދަ ވައުދެއް ވެފަ އެވެ. އެ ވައުދަކީ ކޮރޯނާވައިރަސް އަށް ތައްޔާރުކުރާ އެއްވެސް ވެކްސިނެއްގެ ޅަފަތުގައި އަދި އެ ވެކްސިންތަކުގެ ޓްރަޔަލްތައް ފުރިހަމަވެ އޭގައި އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ނުކޮށް އެ ވެކްސިނަކަށް ސަރުކާރުން ހުއްދަ ހޯދުމަށް ނޫޅުމަށެވެ.

އަދި ވެކްސިން އުފެއްދުމުގެ މަރުހަލާތަކުގައި އެއްކުރެވޭ ޑާޓާތަކުން އެ ވެކްސިންގެ ރައްކާތެރިކަމާއި ރަނގަޅަށް މަސައްކަތްކުރާ ކަން ކަށަވަރުވަންދެން ވެކްސިން އުފެއްދުމުގެ މަސައްކަތް ނުކޮށް މަޑުކުރުމަށް ވެސް އެ ކުންފުނިތަކުން ވަނީ ވައުދުވެފަ އެވެ. މި ވައުދުވި ކުންފުނިތަކުގެ ތެރޭގައި އަސްޓްރާޒެނެކާ، ބައޯއެންޓެކް، ގްލެކްސޯސްމިތުކްލައިން، ޖޯންސަން އެންޑް ޖޯންސަން، މާކް، މޮޑާނާ، ނޯވާވެކްސް، ފައިޒާ އަދި ސަނޯފީ ހިމެނެ އެވެ.

މި ގޮތަށް ވައުދުވުމުގެ ސަބަބުން އެކުންފުނިތަކުގެ އުފައްދާ ވެކްސިން އާ މެދު އާންމުން ކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށް ކުންފުނިތަކުގެ ޔަގީންކުރެ އެވެ.

އަސްޓްރާޒެނެކާ ވެކްސިން އަކީ ކޮރޯނާވައިރަހަށް މިހާތަނަށް ތައްޔަރުކޮށް ޓްރަޔަލް މަރުހަލާތަކުގައި އުޅޭ ވެކްސިންތަކުގެ ތެރެއިން އެންމެ ފަހުގެ މަރުހަލާގައި އުޅޭ ތިން ވެކްސިނުން އެއް ވެކްސިނެވެ. އާއްމުކޮށް ވެކްސިންތަކުގެ ޓްރަޔަލް މަރުހަލާގައި ކަންތައް ވަމުންދާގޮތް މޮނިޓާ ކުރަނީ އެމެރިކާގެ ޑޭޓާ އެންޑް ސޭފްޓީ މޮނިޓަރިން ބޯޑުންނެވެ. ޓްރަޔަލްގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަ ކުރެވިއްޖެނަމަ އެ ޓްރަޔަލްއެއް ހުއްޓާލަން މި ބޯޑުން އާއްމުކޮށް އަންގަ އެވެ. ނަމަވެސް އަސްޓްރާޒެނެކާގެ ޓްރަޔަލް މަޑުޖައްސާލީ ބޯޑުން އަންގައިގެން ކަމެއް ނުވަތަ އެ ކުންފުނިން އަމިއްލައަށް ކަމެއް ސާފެއް ނުވެ އެވެ.

އާއްމުކޮށް ވެކްސިން އެއް ދިނުމުން އޭގެ ސައިޑް އިފެކްޓްސްގެ ގޮތުގައި ފެންނާނީ ހުން އައުމާއި ބޮލުގައި ރިއްސުން އަދި އިންޖެކްޝަން ޖެހިތަން ދުޅަވެ ތަދުވުން އަދި ގައިގައި ރިއްސުމެވެ. މި ވެކްސިންގެ މަސައްކަތް އަލުން ފެށޭނީ މައްސަލަ ދިމާވި މީހާއަށް އެ މައްސަލަ ދިމާވި ގޮތެއް އެނގި އެއީ ވެކްސިނުން ދިމާވި ކަމެއް ކަން ނޫން ކަން ޔަގީންވީ ދުވަހަކުންނެވެ.