ލައިފްސްޓައިލް

ވަގަށް ނެގި ފޯނާ ކުޅެން ނޭނގުމުން ރައްދުކޮށްފި

މީހެއްގެ ފޯނެއް ގެއްލިއްޖިއްޔާ އެ ފޯނެއް ދެން އަނބުރާ ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނޯވެ އެވެ. ނަމަވެސް އިންޑިޔާގެ ބެންގާލްގެ މީހަކަށް ދިމާވީ މުޅިން ތަފާތު ގޮތެކެވެ. އޭނާގެ ފޯނު ވަގަށް ނެގިޔަސް ނަސީބަކުން އެ ފޯނު އޭނާއަށް އަނބުރާ ލިބޭ ގޮތް ވީއެވެ. ފޯނު ވަގަށް ނެގުން ވަގު ކަލޭގެ އަށްވީ ވަރަށް ބަދުނަސީބުކޮށް ކުރެވުނު ކަމަކަށެވެ. އެހެންވެ އޭނާ ފޯނު އަނބުރާ އޭގެ ވެރިމީހާ އަށް ރައްދުކުރީ އެވެ.

އެ ހިސާބުގެ ފުލުހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވެސްޓް ބެންގާލްގެ ބުރްޑްވަން ކިޔާ ސަރަހައްދެއްގައި އުޅޭ މީހެއްގެ ސްމާޓްފޯނެއް ފިހާރައެއްގެ ތެރެއިން ގެއްލިފައި ދުވަސްކޮޅަކުން އެ ފޯނު ވަނީ ފެނިފަ އެވެ. ފޯނު އެ މީހާ އާ ހަވާލުކުރީ އެ ފޯނު ފިހާރައިން ވަގަށް ނެގި މީހާ އެވެ. ސަބަބަކީ އެ ފޯނާ ކުޅެން ވަގަށް ނެގި މީހާ އަށް ނޭނގުނީމަ އެވެ.

މި ފޯނަކީ 45،000 އިންޑިޔާ ރުޕީސްގެ އަގުހުރި ފޯނެކެވެ. ފޯނުގެ ވެރިމީހާ މިމަހުގެ ހަތަރު ވަނަ ދުވަހު ފިހާރައަކަށް ވަދެ އެއްޗެހިތަކެއް ގަނެގެން ނުކުތްއިރު ހަނދާން ނެތި ފޯނު ފިހާރައިގައި ބާއްވާފައި ދެވުނީ އެވެ. ފިހާރައިގެ ކައުންޓަރު މަތީގައި ފޯނު އޮއްވާ އެ ފޯނު ވަގަށް ނެގީ އެ ވަގުތު ފިހާރަ ތެރޭގައި ހުރި 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ފޯނުގެ ވެރިމީހާ އޭނާގެ ފޯނު ގެއްލުނު ޝަކުވާ ފުލުހުންނަށް ހުށަހެޅި އެވެ. ފުލުހުން ގޮސް އެ ފިހާރަ ހޯދާ ހޯދާ އެ ފިހާރައިން ފޯނު ފެންނަ ގޮތެއް ނުވި އެވެ. ފޯނުގެ ވެރިމީހާ އާއި ފުލުހުން ވެސް އެ ފޯނަށް ވަރަށް ގިނަ ފަހަރަށް ގުޅި އެވެ. ނަމަވެސް ފޯނު އަބަދު ވެސް އޮތީ ނިވާލާފަ އެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކުއްލިއަކަށް އެ ފޯނަށް ގުޅާލިތަނުން ފޯނު ވަގަށް ނެގި މީހާ ފޯނަށް ޖަވާބު ދިނެވެ.
ފޯނާ ކުޅެން ނޭނގޭތީ އޭގެ ވެރިމީހާ އަށް އެ ފޯނު އަނބުރާ ރައްދުކުރަން ބޭނުން ކަމަށް އެ ދުވަހު ފޯނު ވަގަށް ނެގި މީހާ ބުނި ކަމަށް ފުލުހުން ބުންޏެވެ.

"އަހަރެން ފޯނަށް ގުޅާލުމުން އެ ވަގަށް ނެގި މީހާ ފޯނަށް ޖަވާބުދިން އަދި ބުނި އެ އަނބުރާ ރައްދު ކުރަން ބޭނުމޭ. އެއީ އެ ފޯނާ ކުޅެން އޭނާއަށް ނޭނގޭތީ އޭ. ފުލުހުންގެ އެހީތެރިކަމާއެކު އަހަރެން ވަގުތުން އެ މީހާ ބުނި ގެޔަށް ދިޔުމުން އޭނާ ވަނީ ފޯނު އަނބުރާ ދީފައި. އަދި އޭނާއަށް ކުރެވުނު ކުށަށް ވަރަށް ދެރަވެ މައާފަށް ވެސް އެދުނު،" ފޯނުގެ ވެރިމީހާ ބުންޏެވެ.

ފޯނުގެ ވެރިމީހާގެ އެދުމުގެ މަތިން ފޯނު ވަގަށް ނެގި މީހާގެ މައްސަލަ އިތުރަށް ނުބަލާ މައްސަލަ ދޫކޮށްލަން ފުލުހުން ނިންމާފައިވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. ސަބަބަކީ އެ މީހާ ފޯނު އަނބުރާ ރައްދުކޮށްދީފައި ވުމާއި އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ގަބޫލުކޮށް އެކަމަށް މައާފަށް އެދުނީމަ އެވެ.

އާއްމުކޮށް ފޯނު ވަގަށް ނަގާ މީހުން އެ ވިއްކާލަނީ ބްލެކް މާކެޓް ގައެވެ. އަދި ފޯނު ވަގަށް ނެގީ ކާކުކަން އެނގިދާނެތީ ވަގަށް ނެގުމަށްފަހު އޭގެ ސިމް ކާޑު ނުވަތަ އައިއެމްއީއައި ނަމްބަރު ނައްތާލަ އެވެ.