ދުނިޔެ

"އަހަރެމެން ގިނަ އަދަދަކަށް ރޮހިންޔާ މުސްލިމުން މެރިން"

މިއަންމާ ސިފައިން، ރޮހިންޔާ މުސްލިމުންގެ އެތައް ބަޔަކު ރޭޕްކޮށް މަރާފައިވާ ކަމަށް މިއަންމާގެ ސިފައިންގެ ތެރެއިން ފިލައިގެން ގޮސްފައިވާ ދެ މީހަކު އެއްބަސް ވެއްޖެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ "ފޯޓިފައި ރައިޓްސް" އިން ބުނެފި އެވެ.

އެ ޖަމާއަތަށް ލިބިފައިވާ ވީޑިއޯއެއްގައި ސިފައިންގެ އެ ދެ މީހުން ބުނާ ގޮތުގައި އެ މީހުންގެ ގްރޫޕުން އެ ނުބައި ޖަރީމާ ހިންގީ ސިފައިންގެ އިސް ފަރާތްތަކުގެ އަމުރަށެވެ. މި ވީޑިއޯ ނަގާފައި ވަނީ އަރަކާން އާމީންނެވެ. މި ޖަމާއަތަކީ މިއަންމާގެ ސަރުކާރުގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގްރޫޕެކެވެ

މިއަންމާގެ ސިފައިންގެ ބަޔަކު ރާކީން ސްޓޭޓްގައި ދިރިއުޅޭ ބައިމަދު ރޮހިންޔާ މުސްލިމުންނާއި މެދު މިފަދަ ލާއިންސާނީ އަމަލުތަކެއް ހިންގިކަމަށް އެއްބަސްވި މިއީ ފުރަތަމަ ފަހަރެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މީގެ ކުރިން ބުނެފައި ވަނީ ރޮހިންޔާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާފައި ވަނީ ގަތުލު އާންމެއް އެކަނި ކަމަށެވެ.

ކުރީގެ ސިފައިންގެ އެ ދެ މީހުން ބުނާ ގޮތުގައި އެމީހުންގެ ފައުޖުން ވަނީ ޓާއުންގް ބާޒާރު ކައިރީގައިވާ މުސްލިމު އެތައް ވިލެޖެއް ސުންނާފަތި ކޮށްފަ އެވެ. އެކަން އެގޮތަށް ކުރަން އެމީހުންނަށް އަމުރު އައީ ރޭގަނޑެއްގެ ދަންވަރު އެވެ. އެ އަމުރުގައި ވަނީ ރޮހިންޔާ މުސްލިމުންގެ ތެރެއިން ފެންނަ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖެހުމަށެވެ. އަދި އަނިޔާވެރި ސިފައިން ވަނީ މަރުވެފައިވާ 30 މީހުން އެއް ވަޅުގަނޑެއްގައި ވަޅުލައިވެސް ހުންނާނެ އެވެ.

ސީއެންއެން އިން ބުނީ މި ވީޑިއޯއަކީ ކިހާ ސައްހަ ވީޑިއޯއެއްކަން މުޅީން ޔަގީން ނުވާ ކަމަށެވެ. އަދި އެ ވީޑިއޯއަކީ ސިފައިންގެ އެ ދެ މީހުންނަށް މަޖުބޫރު ކޮށްގެން ނަގާފައިވާ ވީޑިއޯއެއް ނޫންކަން ވެސް ނޭނގޭ ކަމަށެވެ. ސީއެމްއެން އިން ބުނެފަަަަަައިވާ ގޮތުގައި ވީޑީއޯއަކީ އެއްޗެއްތޯ ބަލަން މިއަންމާ ސަރުކާރާއި އަދި އަރަކާން އާމިއާ ގުޅި އެވެ. އަދި އަރަކާން އާމީން އެ ވީޑިއޯއަކީ ސައްހަ އެއްޗެއްކަން އެމީހުން ތަހުގީގުތަކުތަކުން އެނގޭކަމަށް ބުނެ އެވެ.

"ފޯޓިފައި ރައިޓްސް" ގްރޫޕުގެ ޗީފް އެގްޒެކެޓީވް އޮފިސާ މެތޫ ސްމިތު ވިދާޅުވި ގޮތުގައި އެ ވީޑީއޯގެ ސަބަބުން ރޮހިންޔާ މުސްލިމުންނާއި އަދި އެނޫންވެސް މިއަންމާގެ ރައްޔިތުންނަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައިވާ ކަމަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މިއަންމާ ސިފައިން ހުޅަނގު ރާކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ބޮޑެތި އަދި އަނިޔާވެރި ޖަރީމާތައް ހިންގާފައި ވެއެވެ. އެ ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި ރޭޕް ކުރުމާއި އަދި މުދަލަށް ގެއްލުން ދިނުން ވެސް ހިމެނެ އެވެ. މި އަނިޔާވެރި އަމަލުތަކުން ސަލާމަތް ވާން 7،400،00 އަށް ވުރެ ގިނަ މުސްލިމުން ބަނގްލާދޭޝްގެ ބޯޑާ ހުރަސްކޮށް އެ ގައުމަށް ވަދެފައި ވެއެވެ.

މިއަންމާ އާއި އެ ގައުމުގެ ސިފައިންގެ މައްޗަށް ކުރާ ތުހުމަތުތައް ސަރުކާރުގެ އެންމެ އިސްފަރާތް އަދި އެ ގައުމުގެ ޑިމޮކްރަސީ ލީޑަރު އަންގްސަން ސޫޗީ ވަނީ ދޮގު ކުރައްވާފަ އެވެ. ސޫޗީއަކީ ސުލްހައިގެ ނޯބަލް ޕްރައިޒް ވެސް ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ.