ދުނިޔެ

އިނގިރޭސިވިލާތުގައި ސިހުރު ހެދުން އިތުރުވަނީ

ލަންޑަން (ބީބީސީ) -- ކުޑަކުދިންނަށް ކުރާ އެކި އެކި އަނިޔާގެ މައްސަލަ ހުށަހެޅޭއިރު އެކަންކަން ސިހުރުހާހޫރަ އާއި ގުޅުވުން އިނގިރޭސި ވިލާތުގައި އިތުރުވަމުން އަންނަކަމަށް ބީބީސީން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ފުލުހުން ބުނީ މިއަހަރުގެ މިހާތަނަށް ލަންޑަންގައި ހުށަހެޅުނު 60 މައްސަލައެއްގައި ސިހުރުހާހޫރައިގެ ދައުރެއް ވާކަމަށް ރިޕޯޓް ކޮއްފައިވާ ކަމަށެވެ. މިއީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ.

ލަންޑަންގައި އަގީދާއާއި ސިހުރުހާހޫރައާއި ގުޅުންހުރި މިފަދަ މައްސަލަތަކަށް ހާއްސަ ފުލުހުންގެ ޓީމް "ޕްރޮޖެކްޓް ވައިލެޓުން" ބުނީ މިފަދަ ގިނަ މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ ކަމަށެވެ. "މިފަދަ މައްސަލައެއްގައި، އިބިލީހުގެ ދަރިއެއް ކަމަށްބުނެ ނުވަ އަހަރުގެ ކުއްޖެއްގެ މައިންބަފައިން އޭނާ ގެއިން ނެރެލި،" އެ ޓީމުން މިފަދަ މައްސަލަތައް ސިފަ ކޮށްދެމުން ބުންޏެވެ.

އިންގިރޭސިވިލާތުގެ ގިނަ ފުލުސް އޮފީސްތަކުން ސިހުރުހާހޫރައިގެ މައްސަލަތައް ބަލައިނުގަންނާތީ، ލިޔެކިޔުމުން މި އަދަދު ފެންނަން އޮތަސް ރިޕޯޓް ކުރެވޭ ސިހުރު ހާހޫރައިގެ މައްސަލަތައް މިއަށްވުރެ މާ ގިނަ ވާނެ ކަމަށް ބެލެއެވެ. ސިހުރުގެ ކަންތައް ބޮޑުވެ، މިފަދަ މައްސަލަތައް ފުލުހުންގެ ވަކި ސްޓޭޝަނަކަށް ހުށަހެޅުމަށް ވެސް އެގައުމުގެ ސަރުކާރުން މީގެ ކުރިން ނިންމި އެވެ.