ދީން

އުފާވެރިކަން ހޯދާނޭ މަގު

އެ އިހުސާސެއް ލިބިގަތުމަށް ހުރިހާ މަޚުލޫޤުން އެންމެ އެދޭ އިހުސާސަކީ އުފާވެރިކަމެވެ. އެއީ ގަނެ ވިއްކޭ އެއްޗެއް ނޫނެވެ. ފައިސާއަކުން ތަނަވަސްކަމަކު ޙާޞިލުވާ އެއްޗެއް ނުމެނޫންމެއެވެ. ޙަޤީޤީ އުފާވެރިކަމަކީ މާތް ﷲ ގެ ޙަޞުރަތުން އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތެކެވެ. އުފާވެރިކަމުގެ މަގުތަކެއް ލައްވާފައިވުމީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އުފާވެރިކަން ހޯދުމަށާއި، މުނިފޫހި ފިލުވައިލުމަށް މާތް ﷲ ނަހީކުރެއްވި އެތައް ކަމެއް މީސްތަކުން ކޮށް އުޅެއެވެ. ނަމަވެސް އެއިން ކަމެއްގައި ބައެއްފަހަރު،ވަގުތީ ހިންހަމަޖެހުމެއް ނުވަތަ ހިނދުކޮޅެއްގެ އުފާވެރިކަމެއް އޮތަސް އާޚިރުގައި އެކަންކަން ވެގެންދަނީ އަނބައްޖަވެރި ކަމާއި އަނދިރިކަން ތިމާގެ ޙަޔާތަށް ގެނުވާ ކަންކަމަށެވެ. ޙަޤީޤީ ހިތްހަމަޖެހުމެއް އެދޭނަމަ އެހިތުގެ ވެރި ރައްބު ހަނދުމަކުރުމާއި އިއިލާހުގެ ދީންމަތީގައި ސާބިތުވުން ނޫން ގޮތެއް ނެތެވެ. އަދި އެފަދައިން މާތް ﷲ ގެ މަގުގައި ދެމިހުރެއްޖެ މީހައަކީ ނަފްސުގެ ފުދުންތެރިކަން ލިބިގެންވާ، ހިތް ހަމަޖެހުމާއި އުފާވެރިކަމުގެ އަހުލުވެރިއެކެވެ.

މި ލިޔުމުގައި އަޅުގަނޑު މި ބަލައިލާނީ އުފާވެރިކަން ލިއްބައިދޭ ބައެއް ކަންކަމުގެ މައްޗަށެވެ.

ޤަޟާޤަދަރަށް ރުހުން (މިންވަރަށް ޝުކުރު ކުރުން)

މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. މާތް ﷲ ގެ މިންވަރުފުޅަކީ އެންމެ ހެޔޮ ގޮތްކަމުގައި ތިމާގެ ހިތުގެ އަޑިން ޤަބޫލުކުރެވޭ މީހަކަށް ދުނިޔެމަތީގައި އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެހެނީ، މާތް ﷲ ދެއްވި އެއްޗަކަށް ހުރަސް އެޅޭނޭ ދެވަނަ އެހެން ފަރާތެއް ނެތެވެ. އަދި އެއިލާހު ނުދެއްވާ އެއްޗެއް، ހޯދައިދެވޭނޭ އެހެން ފަރާތެއްވެސް ނެތެވެ. މިސަބަބަށްޓަކައި ޤަޞާޤަދަރަށް އީމާންވުމަކީ ނަފްސާނީ ބަލިތަކުގެ އެންމެ ބޮޑު އެއް ފަރުވާއެވެ. މިންވަރަށް އީމާންވުމަކީ، އުފާވެރިކަމާއި ހިތާމައާއި ދެމެދުގައި ވަކި ކޮށްދޭ ފާހަގައެވެ.

ކޮންމެ އިންސާނަކުވެސް އޭނާގެ މައިމީހާގެ ބަނޑުގައި އޮވާއި، ފުރާނަ އެޅެއްވޭހިނދު ހަތަރުކަމެއް ލިޔުއްވޭނޭ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. އެއީ އޭނާގެ ޢުމުރާއި، އޭނާގެ ރިޒުޤާއި، އޭނާއަކީ ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއް ތޯއެވެ. ވީމާ، މިދުނިޔޭގައި ތިބާއަށް ލިބޭ ރިޒުޤަކީވެސް ދުނިޔެއަށް އައުމުގެ ކުރީގައި މާތް ﷲ ގެ މިންވަރުފުޅުންކަނޑައަޅުއްވާފައިވާ އެއްޗެކެވެ. އެމިންވަރު އުނިނުވެ ތިބާއަށް ލިބޭނެއެވެ.

މީސްތަކުންނަށް ހިނިތުންވުން

މީސްތަކުންނާ ބައްދަލުވާހިނދު ހިނިތުންވެލުމަކީ ދަރުމަޔާއި ސަވާބު ލިބޭ ހެޔޮ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "تَبَسُّمُكَ فِي وَجْهِ أَخِيكَ صَدَقَةٌ" رواه الترمذي މާނައީ: "ތިބާގެ އަޚާއާ ބައްދަލުވާހިނދު ހިނިތުންވެލުމަކީވެސް ސަވާބު ލިބޭ ހެޔޮ ޢަމަލެކެވެ."

މޫނުމަތިން ހިތާމަވެރިކަން ފާޅުކުރުމާއި، އަބަދު ކަންބޮޑުވެފައި ހުރުމަކީ އުފާވެރިކަން ގެއްލިދާ ކަމެކެވެ. އުފާވެރި މޫނަކައިގެން މީސްތަކުންނާ ބައްދަލު ވެލުމަކީ ތިމާގެ ޙަޔާތްތައްވެސް އުފާވެރިކަން ގެނުވާ ކަމެކެވެ. އަދި މާޔޫސީއާއި އުންމީދު ކެނޑުންމުން ސަލާމަތްކޮށްދޭ ކަމެކެވެ.

ސަލާމް ކުރުން

ސަލާމް ކުރުމަކީ އަނެކާއަށް ކޮށްދެވޭ ދުޢާ އެކެވެ. އަދި އުފާވެރިކަން ގެނުވައިދޭ މަގުތަކުގެ ތެރެއިން މަގެކެވެ. އަދި މުޖްތަމަޢުގެ އެކުވެރިކަން އާލާކޮށްދީ އަމަންއަމާން ތަނަކަށް ހަދައިދޭ ކަމެކެވެ.

ސަލާމް ކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. "والَّذِي نَفْسِي بِيَدِهِ ، لا تَدْخُلُوا الجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أوَلاَ أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أفْشُوا السَّلامَ بينكم " رواه مسلم. މާނައީ: "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ތިޔަބައިމީހުން އީމާންވުމަށްދާންދެން ތިޔަބައިމީހުންނަށް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކަށްވުމަށް ދާނދެން ތިޔަބައިމީހުންގެ އީމާންކަން ޞައްޙަ ނުވާހުއްޓެވެ. ތިޔަބައިމީހުން އެކަމެއް ކޮށްފިނަމަ، ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވެތިކަން އުފެދިދާނެ ކަމެއް ތިމަންކަލޭގެފާނު ވިދާޅުވެދެއްވަންހެއްޔެވެ؟ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ސަލާމް ކުރުން އާންމު ކުރާށެވެ." އެބަހީ: އެއް މުސްލިމަކު އަނެއް މުސްލިމަކީ ބައްދަލުވާ ހިނދު ސަލާމް ކުރުމަކީ އާދައެއް ކަމުގައި ހަދާށެވެ!

ހެޔޮ ކަންކަން ކޮށް، ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުން

ހެޔޮ ކަންކަން ކޮށް، އެއްވެސް ބަދަލަކަށް އެދުމަކާ ނުލާ، މީސްތަކުންނަށް އެހީތެރިވެދީ އުޅުމަކީ އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ހާލުގައި ޖެހިފައިވާ މީހާއަށް އެހީވެދީ، މަގު ގެއްލިފައިވާ މީހާއަށް މަގު ދައްކައިދީ، ބަލިމީހުންނަށް ޒިޔާރަތްކޮށް، އުމުރުން ދޮށީ މީހުންނަށް އެހީތެރިވެ، ބޭނުން ޖެހިފައިވާ މީހާގެ ބޭނުންތައް ފުއްދައިދީ ހެދުމަކީ، ތިމާގެ ހަޔާތުގެ ބަނަކަމާއި އަދިރިކަން ފިލުވައިދޭކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "أَحَبُّ النَّاسِ إِلَى اللَّهِ أَنْفَعُهُمْ لِلنَّاسِ وَأَحَبُّ الأَعْمَالِ إِلَى اللَّهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ أَوْ تَكْشِفُ عَنْهُ كُرْبَةً أَوْ تَطْرُدُ عَنْهُ جُوعًا أَوْ تَقْضِي عَنْهُ دَيْنًا" السلسلة الصحيحة (2/906) މާނައީ: "މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހާއަކީ އޭނާގެ ފައިދާ މީސްތަކުންނަށް އެންމެ ބޮޑު މީހާއެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ހިތާމަ ފިލުވައި ދިނުމެވެ. ނުވަތަ ހައިހުނުކަން ފިލުވައި ދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ."

ރަޙިމުގެ ގުޅުން ދެމެހެއްޓުން

އެންމެ ހެޔޮވެގެންވާ ޢަމަލުތަކުގެ ތެރޭގައި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުން ހިމެނެއެވެ. އަދި އެކަމަކީ ތިމާގެ ޢުމުރު ދިގުކުރައްވައި ރިޒުޤު ތަނަވަސް ކޮށްދެއްވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ أَوْ يُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ" رواه البخاري ومسلم މާނައީ: "ތިމާގެ ރިޒުޤު ތަނަވަސްވުމަށާއި، ޢުމުރު ދެންމެވުމަށް އެދޭ މީހާ، އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."

ކޮވިޑްގެ ރޯގާ ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި، އާއިލާގެ މީހުންނަށް ފޯނުކޮށް ހާލުބަލައި އުޅުމަކީ ދާދި ފަސޭހަ، އަދި އެހާމެ ދަރުމަޔާއި ސަވާބު ގިނަގުނަވެގެންވާ ކަމެކެވެ.

މި ޙަދީޘްފުޅުގައި ރިޒުޤު ތަނަވަސްވުމޭ އޮތް ބަސްފުޅުގެ މުރާދަކީ، ލިބެމުންދާ މިންވަރު އިތުރު ކޮށްދެއްވުމާއި، ރޯދީގައި ބަރަކާތް ލެއްވުމެވެ. އުމުރު ދެއްމެވުމަކީ، ފުރިހަމަ ޞިއްޙަތެއްގައި އޭޏާގެ ދިރިއުޅޭ ދުވަސްތައް އިތުރުކޮށްދެއްވައި އެމީހާގެ ޢުމުރުގައި ބަރަކާތް ލެއްވުމެވެ.

މާތް ﷲ ޒިކުރު ކުރުންމަތީ ދެމެހުރުން

ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމާއި،ގެއަށް ވަންނަ ހިނދުގައްޔާއި ނުކުންނަ ވަގުތުގައި ކިޔާ ދުޢާއާއި، ސަވާރީއަށް އަރާ ކިޔާ ދުޢާއާއި، މަޖިލިސް ކޮށްނިމިގެން ކިޔާ ދުޢާއާއި، އިންސާނާއަށް ކުރިމަތިވާ އެކި ޙާލަތްތަކުގައި ކުރާނޭ ދުޢާތައްވެސް ސުންނަތުގައި ވާރިދުވެގެންވެއެވެ. މާތް ﷲ ޛިކުރު ކުރުމާއި، ދުޢާ ކުރުމަކީ ހިތް ތަނަވަސްވެ، ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴾ [الرعد: 28] މާނައީ: "ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟" ހިތާމަ ފިއްލަވައި ދެއްވުން އެދި ކުރާނޭ ދުޢާވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް އުނގަންނަވައި ދެއްވާފައެވެ. އެދުޢާއަކީ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالجُبْنِ وَالبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ»

އިސްތިޣުފާރު ކުރުން (ފާފަ ފުއްސެވުން އެދި ދުޢާ ކުރުން)

ފަ ފުއްސެވުން އެދި ދުޢާ ކުރުމަކީ ތިމާގެ ކިބައިގައި ބަރަކާތް ލައްވައި، ދިރިއުޅުން ބާޖަވެރި ކުރައްވައި ހިތާމަތައް ފިއްލަވައި ދެއްވާ ކަމެކެވެ. ދަންނަށެވެ! މާތް ﷲ އީ އޯގަންވަންތަ އިލާހެވެ. އަދި އެކަލާނގެ އަޅުތަކުންގެ ދުޢާ އަޑުއެއްސެވުމުގައި ވޮޑިގެންވާ އިލާހެވެ. އެއިލާހުއަށް ގިނަގިނައިން ދަންނަވާ އަޅުތަކުންދެކެ އެއިލާހު ލޯބިވެވޮޑިގެންވެއެވެ.

އިސްތިޣުފާރު ކުރަމަށް ކިޔާނޭ ދުޢާތަކުގެ ތެރޭގައި އަންނަނިވި ޒިކުރު ހިމެނެއެވެ. "اسْتَغْفِرِ اللَّهَ وَتُبْ إِلَيْهِ"

ކިތަންމެ މަދު މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުން

ކިތަންމެ މަދު މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުމަކީ ތިމާގެ މުދަލާއި ދިރިއުޅުމުގައި ބަރަކާތް ލައްވާ ކަމެކެވެ. ކަދުރު އޮށެއްގެ މިންވަރުންނަމަވެސް ޞަދަޤާތް ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބާރުއަޅުއްވާފައެވެ. އަދި ނަރަކައިގެ އަލިފާނުން ތިމާ ރައްކާތެރިވާން އެދޭނަމަ، އާޚިރަތް ދުވަހުގައި ކިތަންމެ ކުޑަމިންވަރެއްގެ ރައްކާތެރިކަމަކީވެސް އޭގެ އަގު ނުކުރެވޭވަރު ބޮޑު ނިޢުމަތެކެވެ. ވީމާ، ނިކަމެތި ފަޤީރުންނާއި މިސްކީނުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އަބަދުވެސް އެހީތެރިވެދީ، ކިތަންމެ ކުޑަ މިންވަރަކުންނަމަވެސް ޞަދަޤާތްކޮށް ހަދާށެވެ.

އަދި މިނޫނަސް ހެޔޮ ކަމުގެ މަގުތަށް ގިނަގުނައެވެ. މިއިން ކޮންމެ މަގެއްގައި ތިމާގެ ފައިތިލަ ސާބިތު ކުރިނަމަވެސް، އެކަމުން ހިތުގެ ހަމަޖެހުން ލިއްބައިދީ ނަފްސަށް ވެރިވެފައިވާ ބުރަކަމާއި ހިތާމަތަށް ފުލުވައިލަދޭނެތެވެ.