އިދިކޮޅު ފަރާތްތައް

ޖޫރިމަނާ ދައްކަން އިދިކޮޅުން "ހައްގުފޮށި" ހުޅުވަައިފި

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް "ހައްގު ފޮށި" ނަމުގައި ފަންޑު ފޮށްޓެއް ހުޅުވަައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ދެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 150،000 ރުފިޔާއިންނެވެ.

އިދިކޮޅު ދެ ޕާޓީ ޖޫރިމަނާ ކުރީ އެ ދެ ޕާޓީން އިސްވެ އޮވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ މާލެ އަތޮޅު މާފުށީ ބޭރުން ކަނޑުމަތީގައި ކުރި މުޒާހަރާ އާއި މާލޭގައި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ގޮތަށް ބޭއްވި ސައިކަލް ބުރުގައި އަމަލު ކޮށްފައިވާ ގޮތަށް ބަލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ޕީޕީއެމްއާއި ޕީއެންސީ ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައިވަނީ 75،000 ރުފިޔާއިންނެވެ.

މީގެ އިތުރުން ސައިކަލް ބުރާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުކޮށް 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައި ވެއެވެ.

"ހައްގުފޮށި" ހުޅުވުމަށް މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާ ކުރުމަކީ އެ ދެ ޕާޓީގެ ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ޖޫރިމަނާ ދެއްކުމުގައި އެހީތެރިވެދިނުމަށް އާންމު މެންބަރުން އެދެމުންދާތީ "ހައްގު ފޮށި" ނަމުގައި ފަންޑު ފޮށްޓެއް ހުޅުވުމަށް އެ ކޯލިޝަނުން ނިންމީ ކަމަށެވެ.

ފަންޑު ފޮށި ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވަނީ އެ ފަންޑަށް ފައިސާ ހަދިޔާ ކުރައްވާފައެވެ. އަދި ކޯލިޝަންގެ އިސް ބޭފުޅުންވެސް ވަނީ ފައިސާ ހަދިޔާ ކުރައްވާފައެވެ.

ހީނާ ވިދާޅުވީ ފަންޑު ފޮށި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ބެހެއްޓިފައި ހުންނާނެ ކަމަށެެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 ކުން ފެށިގެން ހަވީރު ހަޔަކަށް ފަންޑު ފޮށްޓަށް ފައިިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ. ހުކުރު ދުވަހު މެންދުރު ފަހުން ފެށިގެން ފައިސާ ހަދިޔާ ކުރެވޭނެ އެވެ. މީގެ އިތުރުން ގައުމީ ބެންކު، ބެންކު އޮފް މޯލްޑިވްސް އާއި ބެންކު އޮފް ސިލޯންގައި ހާއްސަ އެކައުންޓެއް ވަނީ ހުޅުވިފައެވެ.

"އާދިއްތަ ދުވަހުން ފެށިގެން ބެންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ. އަދި ބެންކު އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް މިހާރުން ފެށިގެންވެސް ފައިސާ ޖަމާ ކުރެވޭނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ފަންޑު ފޮށި ހުޅުވާފައިވަނީ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ފައިސާގެ ތަފްސީލު ކޮންމެ ދުވަހަކުވެސް ހާމަކުރަމުން ގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.