ނ. މަނަދޫއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސްފި އެވެ.
މަނަދޫއިން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްއާ ގުޅިގެން މިއަދުން ފެށިގެން މަނަދޫ މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. އެހެން ކަމުން އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ.
މަނަދޫގެ އިތުުރުން އިތުރު ހަތް ރަށަކުން 8 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ބުނީ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވަނީ ތ. ވޭމަންޑޫ އާއި ނ. މަނަދޫ އާއި ޅ. ނައިފަރުގެ އިތުރުން ރ. ދުވާފަރާއި ހއ. ކެލާ އަދި ހއ. ދިއްދޫގެ އިތުރުން މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ހޯނޑެއްދޫއިންނެވެ.
ތ. ވޭމަންޑޫއިން ޕޮޒިޓިވްވެފައިވަނީ 54 އަހަރުގެ އަންހެނެކެވެ. އަދި ނ. މަނަދޫއިން ޕޮޒިޓިވްވީ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ފުރަބަންދަށްފަހު ކުރި ޓެސްޓުން ޕޮޒިޓިވްވީ ދެ މީހުންނެވެ.
ނައިފަރުން ޕޮޒިޓިވްވީ ބަންގަލްދޭޝްގެ ފިރިހެނެކެވެ. ދުވާފަރުން ޕޮޒިޓިވްވީ 23 އަހަރުގެ އަންހެނެކެވެ. ހއ. ކެލައިން 57 އަހަރުގެ ފިރިހެނެކެވެ. އަދި ދިއްދޫއިން 22 އަހަރުގެ އަންހެނެކެވެ. ހޯނޑެއްދޫއިން ޕޮޒިޓިވްވީ 18 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 38 އަށް އަރާފައެވެ.