ލިވަޕޫލްގެ ކާމިޔާބަށް، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗް އެލެކްސް ފާގަސަން ޝައުގުވެރި ނުވާނެ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ކްލޮޕް މިހެން އިޝާރާތް ކުރީ، މިދިޔަ ޖުލައި މަހު ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދުމުން ފާގަސަންގެ ފަރާތުން ލިބުނު މަރުހަބާގެ މެސެޖަށް އިޝާރާތް ކޮށެވެ. ކްލޮޕް ބުނީ އެރޭގެ އުފާފާޅު ކުރުންތަކަށް ފަހު އޭނާގެ ފޯން ބަލައި ލެވުނީ ވަރަށް ފަހުން ކަމަށެވެ. މަރުހަބާ ކިޔައި ފާގަސަން މެސެޖު ކޮށްފައިވާ ކަމަށް ކްލޮޕް ބުންޏެވެ.
ފާގަސަން ވެސް ކުރިން ބުނެފައިވަނީ ފަތިހުގެ ވަގުތުގައި ކްލޮޕްގެ މެސެޖެއް ލިބުނު ކަމަށެވެ. ފާގަސަންގެ ވީޑިއޯގައި އޭނާ ވަނީ ކްލޮޕަށް ތައުރީފް ކޮށްފަ އެވެ. އާ ސީޒަންގެ ޕްރިމިއާ ލީގްގެ ފުރަތަމަ މެޗަށް މިއަދު ނުކުތުމުގެ ކުރިން، ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ ފާގަސަން އާ ދެމެދު ކުރެވުނު މުއާމަލާތައް އިޝާރާތް ކޮށް ވާހަކަ ދައްކާފަ އެވެ. ކްލޮޕް ބުނީ އެހާ ފަތިސް ވަގުތު ފާގަސަންއަށް މެސެޖުކޮށް އޭނާ ނިދިން ހޭއްލެވުނީތީ އެކަމާ މާފަށް އެދޭ ކަމަށެވެ.
"އަހަރެން ހީ ނުކުރަން އޭނާ [އެލެކްސް ފާގަސަން] ގެ ފޯން އޭނާ ކައިރީގައި އޮންނާނެ ކަމަކަށް، އަހަރެން ބޭނުމެއް ނުވި އޭނާ ހޭލައްވާލާކަށް، އެހެންވެފައިވާ ކަމަށް ވާނަމަ އަހަރެން މާފަށް އެދެން، އޭގެ ފަހުން އަހަރެމެން ދެ މީހުން ކޮންޓެކްޓެއް ނުކުރަން،" ކްލޮޕް ބުންޏެވެ. "އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗް، އަދި އަހަންނަކަށް ހީއެއް ނުވޭ ލިވަޕޫލްގެ ކާމިޔާބާ ބެހޭގޮތުން މާބޮޑަށް އޭނާ ވާހަކަ ދައްކަން ބޭނުންވާނެ ހެނެއް، އޭނާ އިހްތިރާމް ކުރާނެ، އެހެންނަމަވެސް އަހަންނަކަށް ހީއެއްނުވޭ އެއީ ޓީވީ ކައިރީގައި އިނދެގެން އޭނާ އެންމެ ބަލާ ހިތްވާ ކަންތަކަށް ވާނެ ހެނެއް."
ކްލޮޕް ބުނީ، ޖަރުމަނާއި ފްރާންސްގައި ދަނޑަށް މަދުމަދުން ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެމުންދާއިރު އިނގިރޭސި ލީގްގައި ވެސް ޓެސްޓަކަށް ނަމަވެސް އެކަން ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އޮކްޓޯބަރު ނޮވެމްބަރުގައި ސަޕޯޓަރުން ދަނޑަށް ވެއްދޭނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.
ލިވަޕޫލް މިރޭ ނުކުންނާނީ، ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. ލީޑްސްގެ ކޯޗް މާސެލޯ ބިއެލްސާ ބުނީ ސަޕޯޓަރުންނާ ނުލައި އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭއިރު ލީޑްސްއަށް އެޑްވާންޓޭޖު ނެގޭނެ ކަމަށެވެ. ކްލޮޕް ބުނީ ސަޕޯޓަރުން ނެތި އެންފީލްޑްގައި ކުޅެން ޖެހުނަސް، އިދިކޮޅަށް ކުޅޭ ޓީމަށް އުނދަގޫ ކުރިމަތި ވާނެ ކަމަށެވެ.