ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަނަދޫގެ ކޮންޓެކްޓް ޓްރޭސިން ނިމި 11 މީހަކު ކަރަންޓިނަށް

ނ. އަތޮޅު މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 11 މީހަކު މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް އެރަށުން ބުނެފި އެވެ.

ހޯމް ކަރަންޓިނުގައި ހުރި މީހަކު ދޫކޮށްލުމަށް ހެދި ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެން ނަމަވެސް އެމީހާ ވަނީ ހޯމް ކަރަންޓީނާއި ހިލާފްވެ ހުކުރު ނަމާދަށާއި އަދިވެސް ރަށުގެ ގިނަ ތަންތަނަށް ގޮސްފަ އެވެ.

މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގް އަވަސް އަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެ މީހާ ޑައިރެކްޓް ކޮންތެކްޓްވި 11 މީހަކު މިހާރު ކަރަންޓިން ކޮށްފައިވާ ކަމަށެވެ.

ޝަފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިންމާ އެ ލިސްޓު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފޮނުވާފައިވާ ކަމަށާއި މި މީހުންގެ މައުލޫމާތު އިތުރަށް ބަލައި އަދަދު ފައިނަލްކުރާނީ އެތަނުން ކަމަށެވެ. އަދި މި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގައިން މިހާތނަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވެސް ވިދާޅުވި އެވެ.

މަނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާ ކަރަންޓީނާއި ހިލާފަށް ރަށުތެރޭގައި އުޅެފައިވާތީ އެރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.

ޝަފީގު އިތުރަށް ވިދާޅުވީ ޕޮޒިޓިވް ވި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނަގެ ފަރާތުންވެސް އެއްވެސް ކަހަލަ އަލާމާތެއްވެސް ނުފެންނަ ކަމަށެވެ. އަދި އެންމެ ބޮޑަށް ކަންބޮޑުވަނީ ރަށް މޮނިޓަރިން ހާލަތުގައި އޮތުމުން ކަމަށާއި ވީހާވެސް އަވަހަކަށް މޮނިޓަރުން ހާލަތުން ނަގައިދިނުމަށް އެޗްޕީއޭގައި އިލްތިމާސްކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަތޮޅުތެރޭޣެ ބައެއް ރަށްތަކުން ވަރަށް ގުނައިން ގުޅާ ޑޮކްޓަރަށް ދައްަން މި ރަށަށް ނާދެވިގެން. ބަލި މީހުން އެބަތިބި ބައިވަރު. އެކަމަކު މޮނިޓަރިން ހާލަތުގައި އޮތުމުން އަރާ ފޭބުން މި ވަނީ މަނާކޮށްފަ. އެހެންވެ ވަރަށް ކަންބޮޑުވޭ. އަޅުގަނޑު އިލްތިމާސްކުރަން ވީހާވެސް އަވަހަކަށް މިހާލަތުން ނަގައިދޭނެ." އޭނާ ބުންޏެވެ.

މަނަދޫ އިން ޕޮޒިޓިވް ވި މީހާގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ޓެސްޓުގެ ނަތީޖާ ރޭގެ ވަގުތެއްގައި ލިބުނު އިރު އޭނާ ވަނީ ކަރަންޓީނުގެ އުސޫލުތަކާއި ހިލާފަށް ގެއިން ބޭރަށް ގޮސްފަ އެވެ. ނަތީޖާ ޕޮޒިޓިުވް ވި ކަން އެންގުމަށް ސިްހީ އެހީތެރިން އެގެއަށ ްދިޔައިރުވެސް އޭނަ ގޭގައި ނޫޅެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލަކީ 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަަތީޖާ ލިބެންދެން މަޑުކުރުމެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ.

މީގެ ކުރިންވެސް މަނަދޫ އިން މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެފަހަރުވެސް މަނަދޫ މޮނިޓަރިން އަށް ލައި ކޮންޓެކްޓް ޓްރޭސިން ހެދުނު އިރު ނުވަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް އެ ހުރިހާ އެންމެން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު އެންމެ ފުރަތަމަ އެރަށުން ޕޮޒިޓުވް ވި 80 އަހަރުގެ މީހާ ވަނީ ޝޮކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މަރުވެފަ އެވެ.

މަނަދޫގެ އިތުރުން ގދ. ހޯނޑެއްދު އާއި އެރަށާއި ގުޅިފައިވާ މަޑަވެލިވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.