ހަ ދުވަހަށް ފަހު ނ. މަނަދޫގެ މޮނިޓަރިން ހާލަތު އުވާލައި އާންމު ހާލަތަށް ބަދަލުކޮށްފި އެވެ.
މަނަދޫ މޮނިޓަރިން އަށް ގެންދިޔައީ އެ ރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު މިމަހުގެ 11 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެނެވެ. އެ މީހާ ވަނީ ކަރަންޓީނުގެ އުސޫލާއި ހިލާފަަށް އެ ރަށުގައި ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ގޮސްފަ އެވެ. އަދި ޕޮޒިޓިވް ކަން އެންގުމަށް ކަމާބެހޭ މުއައްސަސާތަކުން ދިޔައިރު ވެސް އޭނާ ހުރީ އިތުރު ބަޔަކާއެކު މަހަށް ގޮހެވެ.
މިކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަނަދޫއަށް އަރާ ފޭބުން މަނާކޮށް އެރަށް މޮނިޓަރިންއަށް ގެންދިޔައީ އެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދައި ނިންމައި އޭގެ ހަ ދުވަސް ފަހުން މިއަދު އެރަށް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެންދިޔައީ އެވެ.
އެޗްޕީއޭއިން ބުނީ މިހާރު މަނަދޫ މޮނިޓަރިންގައި ބާއްވާނެ ސަބަބެއް ނެތް ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެ ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 26 މީހަކު މިހާތަނަށް ވަނީ ކަރަންޓީނު ކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ތެރެއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ބަލި ފެތުރެމުންދާއިރު މިހާރު މޮނިޓަރިން ހާލަތުގައި އޮތީ ހަލުއި ކަމާއެކު މި ބަލި ފެތުރެމުންދާ ގދ. ހޯނޑެއްދޫ އާއި އެރަށާއި ގުޅިފައިވާ މަޑަވެއްޔެވެ.