ދުނިޔެ

ބަގްދާދީ ދަތުރުކުރި އުޅަނދަށް ހަމަލާދީ އައިއެސް ލީޑަރުންތަކެއް މަރާލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ލީޑަރު އަބޫބަކުރު ބަގުދާދީ ދަތުރު ކުރަމުންދިޔަ އުޅަނދަށާއި އައިއެސްގެ ބައްދަލުވުމަކަށް އިރާގު ސިފައިން ދިން ހަމަލާތަކެއްގައި އައިއެސްގެ ލީޑަރުންތަކެއް މަރުވެއްޖެއެވެ.

މި ހަމަލާތަކުގައި ބަގްދާދީއަށް ގެއްލުމެއް ލިބުނުކަން އަދި ސާފުވެފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައިވަނީ އިރާގާއި ސީރިޔާގެ ބޯޑަރު ކައިރީގަ އެވެ. މި ހަމަލާދިން އިރު ބަގްދާދީ ދަތުރު ކުރަމުން ދިޔައީ އައިއެސްގެ ބައްދަލު ވުމުގައި ބައިވެރިވާށެވެ. މި ބައްދަލުވުން އޮތީ ކަރުބަލާގަ އެވެ. ކަރުބަލާ އޮންނަނީ ސީރިޔާ ބޯޑަރާ ފަސް ކިލޯ މީޓަރު ދުރުގައެވެ.

ބަގްދާދީގެ އުޅަނދަށް ބައްދަލުވުން އޮތް ތަނާ ހަމައަށް ނުދެވެނީސް އިރާގު ސިފައިން ވަނީ އެ ބައްދަލުވުމަށާއި ބަގްދާދީގެ އުޅަނދަށް ވައިގެ ހަމަލާތައް ދީފައެވެ.

މި ހަމަލާ ދިނުމާ ގުޅިގެން އައިއެސް ގެ ސަޕޯޓަރުން ދަނީ ޓްވޮތާ ގައި ޝުއޫރު ފާޅު ކުރަމުންނެވެ. އެފަރާތްތަކުން ބުނަނީ ބަގްދާދީ އާއި ނުލާ ވެސް އައިއެސް ދާނީ ކުރިއަށް ކަމަށާއި ކޮންމެ މިނެޓަކު އައިއެސް ގެ ލީޑަރެއް އުފަންވާނެ ކަމަށެވެ.

އިރާގު ސިފައިންނަށާއި ޕެންޓަގަން އިން ވެސް ބުނީ ބަގްދާދީގެ ސިއްހީ ހާލަތާމެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އަދި މި ހަމަލާ ތަކުގައި މަރުވި އައިއެސްގެ ލީޑަރުންނަކީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.