ޖޭއެސްސީ

ކޯޓް ހިންގުން ހަވާލުުކުރީ ރަނގަޅަށް: ޖޭއެސްސީ

ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކޮށްފައި ވަނީ ކޯޓްތަކުގެ ހިންގުން ހަވާލު ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ނިންމާފައި ވަނީ ޖޭއެސްސީން މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ބައްދަލްވުމުގަ އެވެ. އާދަމް މުހައްމަދާއި ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްުޔަން ކުރެއްވުމާއި ގުޅިގެނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ ކޯޓްތަކުގެ ހިންގުން ހަވާލު ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައި ވަނީ ކޯޓުގެ ހިންގުން ހަވާލު ކުރާނީ އެ ވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.

އެ މައްސަލަ ފެންމަތި ކުރައްވާ ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ގާޒީ އާދަމް މުހައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގާބިލް ގާޒީ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ދުރު ކުރުމަށް ފަހު ގާޒީ އަލީ ރަޝީދަށް އަދި އިއްޔެ ގާޒީ އާދަމް މުހައްމަދާއި ވެސް ކޯޓުގެ ހިންގުން ހަވާލު ކޮށްފައި ވަނީ ޖޭއެސްސީން ގެޒެޓް ކޮށްފައިވާ އުސޫލާއި ހިލާފަށް ކަމަށެވެ. އެކަން ކުރީގެ ބައެއް އެހެން ގާޒީންވެސް ފާހަގަކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓްގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ފަނޑިޔާރަކީ އިބްރާހިމް އަލީ އެވެ. ދެން އަލީ އާދަމެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯޓްގެ އިސް ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭ ހާލަތްތަކުގައި އާއި އިސް ފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާ އެ މަސްއޫލިއްޔަތު ހަވާލުކުރުމުގައި އެ ކޮމިޝަނުން އަމަލު ކުރަމުންދަނީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ. އެގޮތުން ވަގުތީ ގޮތުން ކޯޓުން ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލުކުރަނީ ކޯޓްގައި ނުވަތަ ދާއިރާގައި ތިއްބެވި ފަނޑިޔާރުންގެ ވަނަވަރު އަދި ރެކޯޑް ފައިލްގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި ތަޖުރިބާ އާއި އަހުލާގާއި ގާބިލުކަމަށް ބަލައި އިސްފަނޑިޔާރު ކަމަށް އެންމެ އެކަށޭނަ މީހެއް، ޖޭއެސްސީގެ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުގައި ވަނީ އެ ކޮމިޝަނުން މައްސަލަ ބަލާ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމުމުން އަމިއްލައަށް އިސްތިއުފާ ދެއްވި ބައެއް ފަނޑިޔާރުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށްވެސް ބުނެފައެވެ.