އާސެނަލް

އާސެނަލްގެ ފުރަތަމަ މެޗުގައި ވިލިއަން ވިދާލައިފި

އާސީޒަނަށް އާސެނަލް އާ ގުޅުނު ވިލިއަން ބޯޖަސް އާއި ގެބްރިއަލް މެގާލޭސް ޕްރިމިއާ ލީގްގައި ކުޅުނު ފުރަތަމަ މެޗުގައި، އާސެނަލްގެ ޓީމުން ވިދާލައިފި އެވެ.

ވިލިއަން އާއި ގެބްރިއަލްގެ ބޮޑު ހިއްސާއާ އެކު އާސެނަލް މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ޗެލްސީގައި އަށް އަހަރު ހޭދަ ކުރުމަށް ފަހު، ވިލިއަން އާސެނަލްއަށް ބަދަލުވީ، ހިލޭ ޓްރާންސްފާއެއް ގެދަށުންނެވެ. އާސެލް އާ އެކު ތިން އަހަރުގެ އެއްބަސްވުމުގައި ސޮއި ކުރި ބްރެޒިލްގެ ފޯވަޑް ވަނީ އާސެނަލްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާގެ މުހިންމުކަން ޓީމަށް އިހްސާސް ކޮށްދިފަ އެވެ.

ވިލިއަންގެ ކުޅުން ފެނިފައި އެންމެ ހިތްހަމަޖެހޭނެ އެކަކީ، އާސެނަލްގެ ކޯޗް މިކަލް އާޓެޓާ އެވެ. ވިލިއަން އާސެނަލްއަށް ސޮއި ކުރުވުމުން އާޓެޓާ ބުނެފައި ވަނީ، ވިލިއަން އަކީ އާސެނަލްގެ ޓީމަށް ތަފާތު ގެންނާނެ ކުޅުންތެރިޔެއް ކަމަށެވެ.

"އަހަރެމެންގެ ޕްލޭންގައި އެބައޮތް އެޓޭކިން މިޑްފީލްޑް ވަރުގަދަ ކުރުމާއި ވިންގާގެ މަގާމު ވަރުގަދަ ކުރުމަށް. އޭނާއަކީ އަހަރެމެން ޓީމަށް ވަރަށް ރަނގަޅަށް ފެތޭނެ ކުޅުންތެރިޔެއް، ތިން ހަތަރު މަގާމަކަށް އޭނާއަށް ކުޅެވޭނެ." މިދިޔަ މަހު އާޓެޓާ ބުނެފައި ވެއެވެ.

ފުރަތަމަ މެޗުގައި ވިލިއަން ވަނީ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އާ ސީޒަނަށް އާސެނަލްއިން ސޮއި ކުރުވި އަނެއް ކުޅުންތެރިޔަކީ، ފްރާންސްގެ ލިއްލަ އަށް ކުލެމުން ދިޔަ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއަލް އެވެ.

މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގަށް އެނބުރި އައި ފުލަހަމްގެ ކުޅުން ގޯހެއް ނޫނެވެ. އެހެންނަމަވެސް ޕްރިމިއާ ލީގްގެ ޓީމުތަކުގައި ހުންނަ ތޫނުފިލި ކަމެއް ފުރަތަމަ މެޗުގައި ފުލްހަމްގެ ޓީމަކުން ނުފެނުނެވެ.

އާސެނަލްގެ އެލްގެޒެންޑާ ލަކެޒެޓް ވަނީ މެޗު ފެށިގެން އަށް ވަނަ މިނެޓްގައި ފުލަހަމްގެ ގޯލް ހުޅުވާފަ އެވެ. ވިލިއަން ފޮނުވާލި ބޯޅަ ރީބައުންސްވެގެން ނުކުތުމުން، ދެ ވަނަ ފަހަރަށް ލަކެޒްޓް އެ ބޯޅަ ފޮނުވާލައި އާސެނަލްއަށް ލިޑް ނަގައިދިނެވެ. މެޗުގެ 49 ވަނަ މިނޓްގައި ވިލިއަން ތަނަވަސް ކޮށްދިން ފުރުސަތަކުން ގެބްރިއަލް އާސެނަލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. ތިން ވަނަ ލަނޑު ޕިއާ އެމްރިކް އޮބާމެޔެންގް ކާމިޔާބު ކުރީވެސް ވިލިއަން ދިން ފުރުސަތަކުންނެވެ.