ދުނިޔެ

`އީރާންގެ ރެސްލިން ޗެމްޕިއަނަކަށް މަރުގެ އަދަބު ދީފި

އީރާންގެ ރެސްލިން ޗެމްޕިއަނެއް ކަމުގައިވާ 27 އަހަރުގެ ނާވިދް އަފްކަރީއަށް މިދިޔަ ހޮނިހިރު ދުވަހު މަރުގެ އަދަބު ދީފި ކަމަށް އީރާން ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ބުނެފި އެވެ. އީރާނުން މި ފަޔަވަޅު އެޅީ ބައިނަލް އަގުވާމީ ޖަމާއަތްތަކުން ނާވިދް އަފްކަރީއަށް މަރުގެ އަދަބު ނުދިނުމަށް ކެމްޕެއިނެއް ފަށާފައި ވަނި ކޮށެވެ.

އައިއާރްއެންއޭ އިން ބުނި ގޮތުގައި އަފްކަރީއަށް މަރުގެ އަދަބު ދިނީ ޝިރާޒްގެ ޖަލެއްގަ އެވެ. އަފްކަރީއަށް މި އަދަބު ދިނީ 2018 ވަނަ އަހަރު އީރާން ސަރުކާރާއި ދެކޮޅަށް ހިނގި ހަމަނުޖެހުންތަކުގައި ސަރުކާރު އޮފީހެއްގެ ސެކިއުރިޓީ އޭޖެންޓެއް ކަމުގައިވާ ހަސަން ތުރްކަމަން މަރާލުމުގެ ކުށް އޭނާގެ މައްޗައް ސާބިތު ވެގެނެވެ.

އިންޓަނެޝަނަލް އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ ނާވިދް އަފްކަރީއަށް މަރުގެ އަދަބު ދިން ހަބަރު އަޑުއެއްސެވީ ކުއްލި ސިހުމަކާއެކު ކަމަށެވެ.

ނާވިދް އަކީ 2018 އިގެ އިގްތިސޯދީ ދަތިކަމާއި ސިޔާސީ ހަލަބޮލިކަމާއި ހެދި އީރާން ސަރުކާރާއި ދެކޮޅަށް މުޒަހިރާ ކުރި އެތައް ހާސް މީހުން ގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. ޕްރޮފެޝަނަލް އެތްލީޓުން ތަމްސީލު ކުރާ ޖަމްއިއްޔާ ވޯލްޑް ޕްލެޔާޒް އެސޯސިއޭޝަނުން ބުނީ އަފްކަރީ މަރަން ހުކުމް ކުރީ އޭނަޔަށް އަނިޔާކޮށް މަޖުބޫރުކޮށް ދޮގު ބަޔާނެއް ނަގާ އެއަށް އެއްބަސް ކުރުވައިގެން ކަމަށެވެ.