ލިވަޕޫލް

ސަލާހްގެ ހެޓްރިކުން ލިވަޕޫލަށް ރަނގަޅު ފެށުމެއް

މުހައްމަދު ސަލާހް، ކާމިޔާބު ކުރި ހެޓްރިކާއެކު ލީޑްސް ޔުނައިޓެޑްގެ މައްޗަށް 4-3 ގެ މޮޅަކާއެކު މި ސިޒަންގެ ލިވަޕޫލުން ފަށައިފި އެވެ.

ސޯޅަ އަހަރު ފަހުން އިނގިރޭސި ޕްރިމިއާ ލީގްގައި ވާދަ ކުރަން ފެށި ލިޑްސް، ކުޅުނު ފުރަތަމަ މެޗުގައި އެންފީލްޑްގައި ލިވަޕޫލް ކޮޅަށް ތިން ލަނޑު ޖެހިދާނެ ކަމަށް މެޗު ފެށުމުގެ ކުރިން ގަބޫލު ކުރެވިފައެއް ނެތެވެ. ޕްރިމިއާ ލީގަށް އެނބުރި އައި ޓީމަކަށް އެންފީލްޑްގައި ލިވަޕޫލް ކޮޅަށް ތިން ލަނޑު މީގެ ކުރިން ޖަހާފައި ވަނީ 18 އަހަރު ކުރިންނެވެ.

މާސެލޯ ބިއެލްސާގެ ކޯޗްކަމުގެ ދަށުން އިނގިރޭސި ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި، ލީޑްސްއިން މެޗުގައި ދެއްކި ކުޅުމާއެކު އެ ޓީމަކީ ބަލި ކުރަން ފަސޭހެ ޓީމެއް ނޫންކަން ޔަގީންވި އެވެ. ޕްރިމިއާ ލީގްގެ ވަރުގަދަ ކުލަބުތަކަށް ވެސް ލީޑްސްއާ ދެކޮޅަށް ފަސޭހަ ނުވާނެކަން، މާސެލޯ ބިއެލްސާ ރާވާފައިވާ ގޭމް ޕްލޭނުން ހާމަ ކޮށްދެ އެވެ.

މެޗު 3-3 ން އެއްވަރުވާން ދަނިކޮށް، ލީޑްސް އަށް މެޗު ގެއްލުނީ މެޗުގެ ފަހު ކޮޅުގައި އެ ޓީމަށް ހެދުނު ގޯހަކުންނެވެ. ލީޑްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ރޮޑްރިގޯ މޮރޭނޯ، ލިވަޕޫލްގެ ފަބިއާނޯއަށް ފައުލު ކުރުމުން ދިން ޕެނަލްޓީން ސަލާހް ލިވަޕޫލް މެޗުން މޮޅުކޮށް ދިން ލަނޑު ކާމިޔާބު ކުރި އެވެ. ސަލާހްގެ ހެޓްރިކްގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުތަކެވެ. ލިވަޕޫލަށް މެޗުގެ ލީޑް ފުރަތަމަ ނަގައިދިނީ ވެސް ޕެނަލްޓީ އަކުންނެވެ.

ލިވަޕޫލަށް ދިން ފުރަތަމަ ޕެނަލްޓީއަކީ ސުވާލު އުފެދުނު ގޮތަކަށް ދިން ޕެނަލްޓީ އެކެވެ. ރެފްރީ ޕެނަލްޓީ ދިނީ ސަލާހް ފޮނުވާލި ބޯޅަ ލިޑްސްގެ ރޮބިން ކޮޗް އަތުގައި ސީދާ ޖެހުނު ކަމަށް ނިންމައިގެނެވެ. ނަމަވެސް ވީޑިއޯ ރިޕްލޭއިން ފެންނަނީ ކޮޗްގެ ފައިގައި ފުރަތަމަ ބޯޅަ ޖެހޭ ތަނެވެ. އަތުގައި ޖެހެނީ ފައިގައި ޖެހި މިސްރާބު އޮޅިގެންނެވެ. ވީއޭއާރު މެދުވެރިކޮށް ބަލައި އެ ނިންމުން ބަދަލު ކުރުމުގެ އިހްތިޔާރު އެފަދަ ހާލަތުގައި ރެފްރީއަށް އޮވެއެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފައި ސީދާ ލިވަޕޫލަށް ޕެނަަލްޓީ ދިނެވެ. ފުރަތަމަ ލަނޑު ސަލާހް ކާމިޔާބު ކުރީ އެ ޕެނަލްޓީން ހަތަރު ވަނަ މިނެޓްގަ އެވެ.

މެޗުގެ 12 ވަނަ މިނެޓްގައި ލީޑްސްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޖެކް ހެރިސަން އެވެ. ކަލްވިން ފިލިޕްސް ދިން ބޯޅަ ހަރިސަން ގޯލްގެ ތެރެއަށް ފޮނުވާލީ އޭރިއާގެ ބޭރުގައި ހުރެފަ އެވެ. މެޗުގެ 20 ވަނަ މިނެޓްގައި އެންޑޭ ރޮބަޓްސަން ނަގައިދިން ކޯނަރުން ބޮލުން ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ ވާޖިލް ވެންޑައިކް ލިވަޕޫލަށް އަނެއްކާ ލިޑް ނަގައިދިނެވެ. ލީޑްސްއަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޓްރިކް ބެމްފޯޑް އެވެ. އޭނާ ލަނޑު ކާމިޔަބު ކުރީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ. ތިން މިނެޓް ފަހު ސަލާހް ލިވަޕޫލަށް އަލުން ލީޑް ނަގައިދިނެވެ. ލިވަޕޫލަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން، ލީޑްސްގެ ޑިފެންޑަރުން ބޮޅުން ދިފާއު ކުރުމުން އެ ބޯޅަ ވެއްޓުނީ އޭރިއާގެ ތެރެއަށެވެ. ސަލާހް ވަނީ ގޯލްގެ މަތީ ކަނަށް އެބޯޅަ ވައްދާލަފަ އެވެ. ދެ ވަނަ ހާފުގައި ލީޑްސްއަށް ނަތީޖަ ހަމަހަމަ ކޮށްދިނީ މަޓެއުޝް ކްލިޗް އެވެ.

އެ ނަތީޖާއިން މެޗު ހަމަހަމަވާން ދަނިކޮށް ލިވަޕޫލްގެ ލަނޑު ޕެނަލްޓީން ސަލާހް ކާމިޔާބު ކުރީ 88 ވަނަ މިނެޓްގަ އެވެ.