މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ ކެޕްޓަން ކަމުގައި މެގްއާ ބަހައްޓަން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ކަމުގެ މަގާމުގައި ހެރީ މެގްއާ ބަހައްޓަން، އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ނިންމައިފި އެވެ.

އޮފް ސީޒަންގައި، ގްރީސްގެ ޖަޒީރާ ރަށެއްގައި ޗުއްޓި ހޭދަ ކުރަމުން ދިޔައިރު ފުލުހަކަށް ހަލަމާ ދިނުމުގެ ކުށް ސާބިތު ވުމުން. 21 މަހަށް ޖަލަށް ލުމުގެ ހުކުމެއް މެގްއާގެ މައްޗަށް ކުރި އެވެ. އެހެންނަމަވެސް އޭގެ މާޒީގައި ކްރިމިނަލް ރެކޯޑެއް ނެތުމުން ހުކުމް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް ކޯޓުން ނިންމި އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވުމުން، އިނގިރޭސި ސްކޮޑުން އޭނާ ވަކި ކުރި އެވެ. އެހެންވެ ޔުނައިޓެޑްގެ ކެޕްޓަން ކަމުންވެސް އޭނާ ވަކި ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ. މެގްއާ ވަނީ އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރަން ގްރީސްގެ ކޯޓަށް ހުށަހަޅާފަ އެވެ.

ޔުނައިޓެޑްގެ ކޯޗް ސޮލްޝަޔާ ބުނީ، ކެޕްޓަންގެ ގޮތުގައި މެގްއާ ހުންނާނެ ކަމަށާއި އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށް ދިއުމަށް އޭނާއަށް ޔުނައިޓެޑްގެ ލީވް ދޭނެ ކަމަށެވެ.

"އަހަންނަށް ހެރީ [މެގްއާ] އަކީ އެންމެ ރަނގަޅު މީހާ، ރަނގަޅު އުސޫލުތަކެއް ގަބޫލު ކުރާ ހެޔޮ މީހެއް،" އޭނާގެ ކެޕްޓަނާ ބެހޭގޮތުން ވާހަކަ ދައްކަމުން ސޮލްޝަޔާ ބުންޏެވެ. "އެހެންވީމަ އަހަރެމެން އުންމީދު ކުރަން ހެރީ އެންމެ ޓޮޕް ލެވަލްގައި ޕާފޯމް ކުރާނެކަމަށް."