އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިއްޔެ ބޭއްވި އެތުލެތީކޯގެ ފަރިތަކުރުންތަކުގައި ސިމިއޯނޭ ބައިވެރި ވެފައެއް ނުވެ އެވެ. ސިމިއޯނޭ ޕްރެކްޓިހުން އިއްޔެ ނެފެނުމުން މާބޮޑު ހައިރާން ކަމެއް ފުރަތަމަ ނުލިބުނެވެ. ފިޓްނަސް ކޯޗް ޕްރޮފޭ އޮޓޭގާ ބެލުމުގެ ދަށުން އެތުލެޓިކޯގެ ޓީމުން ގެންދަނީ ފިޓްނަސް ޕްރެކްޓިސްތަކެވެ.
ސްޕެއިންގެ ލޮސް އެންޖަލިސް ޑި ސެން ރަފޭލްއަށް، އެތުލެޓިކޯއިން ކުރި ޕްރީ ސީޒަން ކޭމްޕް ވެސް ކަނޑައެޅިފައިވާ ދުވަހަށް ވުރެ އަވަހަށް ނިންމާލަން ޖެހުނީ އެތުލެޓިކޯގެ ކޭމްޕުން ކޮވިޑް-19 ފެނުމުންނެވެ. ސިމިއޯނޭ އާއި ސްކޮޑުގެ އެހެން މެންބަރުން ވެސް ވަނީ ހުކުރު ދުވަހު ހެނދުނު ޕީސީއާރް ޓެސްޓް ހަދާފަ އެވެ.
އިއްޔެ ހެނދުނު ނަތީޖާ ލިބުނު އިރު، ސިމިއޯނޭ އިތުރަށް ޓެސްޓް ހަދަން ޖެހުނެވެ. އޭނާ ޕޮޒިޓިވް ވިކަން ކަށަވަރު ވީ ދެ ވަނަ ޓެސްޓުންނެވެ. އެ ކުލަބުން ބުނީ، ސިމިއޯނޭގެ ގައިން ބަލީގެ އެއްވެސް އަލާމަތެއް ފެނިފައި ނުވާ ކަމަށެވެ.
ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އެތުލެޓިކޯ ކުޅެފައި ވުމުން އެ ޓީމަށް ސީޒަން ނިމުނީ ލަހުންނެވެ. އިއްޔަ ފެށި ލަލީގާގެ ފުރަތަމަ ދެ ހަފުތަގައި އެތުލެޓިކޯއަށް މެޗެއް ނޯންނާނެ އެވެ.