މި ސީޒަންގައި ލަލީގާގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ފޭވަރިޓް ޓިމަކީ، އެތުލެޓިކޯ މެޑްރިޑް ކަމަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މެޑްރިޑް ޑާބީގައި، މިއަދު އެތުލެޓިކޯ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ، މި ސީޒަންގައި އެތުލެޓިކޯ ދައްކަމުން އަންނަ ކުޅުމާ ބަލައި ލަލީގާގެ ތަށި ހޯދުމުގެ ފޭވަރިޓް ޓީމަކީ އެތުލެޓިކޯކަން ބުނަން ޖެހޭ ކަމަށެވެ.
ލީގްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެތުލެޓިކޯ ބަލިވެފައެއް ނުވެ އެވެ. އެ ޓީމު ތާވަލުގެ އެއް ވަނައިގައި އޮތީ، 26 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް އޮތީ އެތުލެޓިކޯއަށް ވުރެ ހަ ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގަ އެވެ.
"އާނ ހަމަ ޔަގީން،" އެތުލެޓިކޯ އަކީ ލީގްގެ ފޭވަރިޓްތޯ ސުވާލު ކުރުމުން ޒިދާން ބުންޏެވެ. "އެއީ އެ ޓީމުން ދަނޑު މަތީގައި ދައްކާ ކަމަކީ، އެ ޓީމުން ރަނގަޅަށް ކަންކަން ކޮށް އަދި ދަނީ ވާދަ ކުރަމުން. އެ ޓީމު އަބަދުވެސް ފެންނަނީ ވަރަށް ވާދަވެރި ޓީމެއްގެ ގޮތުގައި.
ޒިދާން ބުނީ، އޭނާއަށް އެންމެ މުހިންމީ އޭނާގެ ޓީމު ދަނޑުމަތީގައި ކުރާ މަސައްކަތް ކަމަށާއި މިރޭގެ މެޗު ވެގެންދާނީ ރަނގަޅު ފުޓްބޯޅައެއް ފެނިގެންދާނެ މެޗެކަށް ކަމަށެވެ.
މިރޭ ގެ މެޗު ވެގެންދާނީ، ރެއާލްގެ ކުރީގެ މިޑްފީލްޑާ އެތުލެޓިކޯގެ މިހާރު ދެ ވަނަ ސްޓައކަރު މާކޯސް ޔުރެންޓޭ އަލްފްރެޑޯ ޑިސްޓެފާނޯ ސްޓޭޑިއަމަށް އަންނާނެ މެޗަށެވެ. ޒިދާން ދޫކޮށްލި ޔޮރެންޓޭ ދަނީ އެތުލެޓިކޯގައި އާ މަގާމެއްގައި މޮޅަށް ކުޅެމުންނެވެ. ޒިދާން ބުނީ، ޔުރެންޓޭގެ ކޮލިޓީއާ މެދު އޭނާ ހައިރާން ނުވާ ކަމަށެވެ.
"އޭނާގެ ކުޅުމާ މެދު އަހަރެން ހައިރާނެއް ނުވޭ،" ޔޮރެންޓޭ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "އޭނާ އަކީ ޓޮޕް ލެވަލް ކުޅުންތެރިޔެއް. އޭނާ މިހާރު ދައްކަނީ މެޑްރިޑްގައި އޭނާ ނުކުޅޭ މަގާމެއްގައި. އޭގެ މާނައަކީ އޭނާގެ ކިބައގައި ގިނަ ކޮލިޓީތަކެއް އެބަހުއްޓޭ. އޭނާ އާ މެދު އަހަރެން އުފާވޭ."
އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނީ، ކޮންމެ އަހަރެއްގައި ތައްޓަށް ވާދަ ކުރާ ޓީމެއްގެ ގޮތުގައި ރެއާލް އޮތުމަކީ އޭނާ ބަލައިގަންނަ ކަމެއް ކަމަށާއި އެއްވަރެއްގައި ކޮންމެ އަހަރަކު ދެމެހެއްޓޭނީ ގިނަ ކޮލިޓީތަކެއް އެ ޓީމުގައި ހުރުމުން ކަމަށެވެ.