ރެއާލް މެޑްރިޑްގެ ޒުވާން ފޯވަޑް ވިނީސިއުސް ޖޫނިއާއަށް ރައްދުވާ ގޮތަށް، ރެއާލްގެ ކަރީމް ބެންޒެމާ ދެއްކި ވާހަކަތައް އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ދިފާއު ކޮށްފި އެވެ.
ޗެމްޕިއަންސް ލީގްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ، ބުރޫޝިއާ މެންޗެންގްލެޖްބާކް އާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ހާފް ޓައިމްގައި ޑިފެންޑަރު ފާލެންޑް މެންޑީ ގާތު ބެންޒެމާ ބުނެފައި ވަނީ ވިނީސިއުސްއަށް ބޯޅަ ނުދިނުމަށެވެ. ސްޓޭޑިއަމްގެ ޓަނަލްގައި ހަރުކޮށްފައިވާ ކެމެރާތަކަށް އެ މެންޒަރާއި އަޑު ވަނީ އަރާފަ އެވެ. ފްރާންސަށް ނިސްބަތްވާ ބެންޒެމާ އާއި މެންޑީ ފްރާންސް ބަހުން ކުރި މުއާމަލާތްތަކުގައި ބެންޒެމާ ބުނެފައި ވަނީ މިހެންނެވެ.
"ބްރޯ އޭނާއަށް [ވިނީސިއުސްއަށް] ޕާސް ނުކުރާތި.. އޭނާ ކުޅެނީ އަހަރެމެން ޓީމާ ދެކޮޅަށް."
ބެންޒެމާ އެހެން ބުނެފައި ވަނީ ފުރަތަމަ ހާފުގައި ވިނީސިއުސްއަށް ދިން ބޯޅަތަކުގެ ބޭނުން އޭނާއަށް ނުހިފުމުންނެވެ. ދެ ވަނަ ހާފުގައި ބެންޒެމާގެ ފަރާތުން އެއްވެސް ޕާހެއް ވިނީސިއުސްއަށް ދީފައެއް ނުވެ އެވެ.
މިއަދު ހުއެސްކާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެކަމާ ބެހޭގޮތުން ޒިދާން އާ ސުވާލު ކުރުމުން އޭނާ ބުނީ މެޗުގައި ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އާންމު ކަމެއް ކަމަށެވެ. ޒިދާން ބުނީ އެންމެ މުހިންމު ކަމަކީ މެޗަށް ފަހު އެކަން ހައްލުވެ ކުޅުންތެރިން އެކަކު އަނެކަކާ ވާހަކަ ދެއްކުން ކަމަށެވެ.
"ދަނޑުމަތީގައި އެތައް ބައިވަރު ވާހަކަތަކެއް ދައްކާ،" ގްލެޖްބާކްގެ މެޗުގެ ހާފް ޓައިމްގައި ބެންޒެމާ ދެއްކި ވާހަކަތަކާ ބެހޭގޮތުން ޒިދާން ވާހަކަ ދެއްކި އެވެ. "ޓީމެއްގެ ގޮތުގައި އަހަރެމެންނަށް ހަކަތަ ބޭނުންވޭ އެހެނިހެން ކަންކަމުގައި. އެހެވީމަ އޭގެ މާނައަކީ އަހަރެމެން އޮތީ ރަނގަޅު ރޫހެއްގަ އޭ. އެ ކުޅުންތެރިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފި."
ޒިދާން ބުނީ، ދަނޑު މަތީގައި އޭނާ އާ ބެހޭގޮތުން ވެސް ގިނަ ވާހަކަތަކެއް ދެކެވިފައި އެބަހުރި ކަމަށެވެ. އަދި ބެންޒެމާ ކަންކުރި ގޮތުން އޭނާގެ ޝަހުސިއްޔަތަށް އަސަރު ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ފްރާންސްގެ ކޯޗް ބުންޏެވެ. އެ މެޗަށް ފަހު ބެންޒެމާ ވަނީ ޓީމުގެ ކިބައިންނާއި ވިނީސިއުސްގެ ކިބައިން އެކަމާ މާފަށް އެދިފަ އެވެ. ރެއާލް މެޑްރިޑާއި ހުއެސްކާގެ މެޗު ފަށާނީ ހަވީރު 6:00 ގަ އެވެ.