ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެގެން އެޑެން ހަޒާޑް އަސްލު ކުޅުން ފެނިގެންދާނީ ކިހިނެއްކަން ބުނަން ނޭންގޭ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޗެލްސީން ޖޫން 2019 ގައި 100 މިލިއަން ޑޮލަރަށް ރެއާލް މެޑްރިޑަށް ވިއްކާލި ހަޒާޑް މެޑްރިޑަށް ބަދަލުވި ފަހުން އޭނާ ގިނައިން ހޭދަ ކުރަނީ އަނިޔާގަ އެވެ. މިދިޔަ ސީޒަން ފެށިއިރުވެސް އޭނާ ހުރީ އަނިޔާގަ އެވެ. އަދި މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ލިބުނު އަނިޔާ އާ ގުޅިގެން މި ސީޒަންވެސް ފެށީ އަނިޔާގަ އެވެ.
ސީޒަންގައި އޭނާގެ ފުރަތަމަ މެޗު ފެނިގެން ދިޔައީ ބުދަ ދުވަހުގެ ރޭ، ޗެމްޕިއަންސް ލީގްގައި ބުރޫޝިއާ މޮންޗެންގްލެޖްބާކް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ވިނީޝިއުސް ޖޫނިއާގެ ބަދަލުގައި ހަޒާޑް ސިޒަންގެ ފުރަތަމަ ފަހަރަށް ދަނޑަށް ނުކުތީ މެޗުގެ އެންމެ ފަހު 20 މިނެޓަށެވެ.
ފަހު ވަގުތު، ކާލޯސް ކަސެމީރޯ ކާމިޔާބު ކުރި ލަނޑުން ރެއާލް ބަލި ނުވެ ސަލާމަތްވި މެޗަށް ފަހު ވާހަކަ ދައްކަމުން، ޒިދާން ބުނިީ ހަޒާޑަށް ފުރުސަތު ދިނުމުގައި ވިސްނުމަކީ މަޑުމަޑުން ކެތްތެރި ކަމާއެކު އޭނާ ކުޅުމުގެ ތެރެއަށް ގެނައުން ކަމަށެވެ.
"އެއީ ޕްލޭންއަކީ،" ހަޒާޑް މެޗަށް ނެރުނު ގޮތާ ބެހޭގޮތުން ޒިދާން ވާހަކަ ދެއްކި އެވެ. "މަސައްކަތް މި ކުރަނީ އޭނާއަށް ކުޅެވޭނެ ގޮތަށް ވޭތޯ. މިހާރު މި ކުޅޭހެން ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެގެން އަހަންނަށްކަށް ނޭންގެ އޭނަ (އަސްލު ކުޅުމަށް) އެނބުރި އަންނާނީ ކިހިނެއްތޯ ބުނާކަށް. އަހަރެމެން ބަލާނަން."
ކޮވިޑް-19 ގެ ހަކލާތާއެކު ދެ ސީޒަންގެ ދެމެދުން އެކަށީގެންވާ ވަގުތު ނުލިބުމުން ކުލަބު ފުޓްބޯޅައިގެ މެޗުތައް ކުޅެން ޖެހިފައި ވަނީ ކައިރިކަރީގަ އެވެ. ދެ މެޗު ދޭތެރެއިން އަރާމުކުރަން ލިބޭ ވަގުތު ކޮޅު ކުޑަ އެވެ.
ހަޒާޑްއަށް ދިން ފުރުސަތުގައި އޭނާ ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގުލެޖްބާކްގެ ގޯލްގެ އަރިމަތީ ދާގަނަޑަށެވެ. ހަޒާޑް ބުނީ ތިން މަސް ދުވަހު ނުކުޅެ ހުރެ އަލުން ދަނޑަށް ނުކުމެވުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށެވެ.
"އަހަރެމެން މެޗުގައި ކުޅުނީ ވަރަށް ރަނގަޅަށް ޓީމެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް މެޗުގައި ފެނުނު،" ގްލެޖްބާކް އާ ދެކޮޅަށް ކުޅުނު މެޗާ ބެހޭގޮތުން ހަޒާޑް ވާހަކަ ދެއްކި އެވެ. "ލަނޑު ޖަހާނެ އެހެން ފުރުސަތުތައްވެސް ލިބުނު ނަމަވެސް އަހަންނަށް އެ ބޯޅަ މިސްކޮށްލެވުނީ، އަހަރެމެން އެބުރި މެޑްރިޑަށް ދަނީ ރަނގަޅު ރޫހެއްގައި ތިބެ. އެންމެ ފަހު ވަގުތު ދެއްކުނު ކުޅުމާއެކު އިހްސާސް ކުރެވޭނީ މޮޅެއް ލިބުން ފަދަ ކަމެއްގެ ގޮތުގައި."