ރެއާލް މެޑްރިޑްގައި ކުޅުންތެރިންނަށް ކާމިޔަބާ ހޯދުމުގައި އުނދަގޫވުމުގެ މައްސަލަ އޭނާގެ ބޮލުގައި ނޭޅުވޭނެ ކަމަށް، އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލްގެ ސާބިއާ ފޯވަޑް، ލުކަ ޔޯވިޗް އެ ކުލަބުގައި ކާމިޔާބު ނުވުމުން ލޯން އުސޫލުން އެނބުރި ފުރޭންކްފާޓަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި އެވެ. ފްރޭންކްފާޓްގައި ޔޯވިޗް މޮޅަށް ކުޅެން ފެށުމުން އެކަމުގެ ފާޑު ކިޔުން ޒިދާނަށް އަމާޒުވި އެވެ. ޒިދާންއަށް ފާޑު ކިއުން އަމާޒުވީ، ޔޯވިޗް އެހެން ކުލަބެއްގައި މޮޅަށް ކުޅެން ފެށުމުން އެކަންޏެއް ނޫނެވެ. ޓޮޓެންހަމް ހޮޓްސްޕާސް އަދި އިންޓަ މިލާން އަށް ރެއާލްއިން ދޫކޮށްލި ސާޖިއޯ ރެގިޔޯން އާއި އަޝްރަފް ހަކީމީ އެ ކުލަބުތަކުގައި މޮޅަށް ކުޅޭތަން ފެނުމުން ވެސް ޒިދާނަށް ވަނީ ފާޑު ކިއުން އަމާޒުވެފަ އެވެ.
އޭނާއަށް ކުރިމަތިވި ފާޑުކިއުންތަކަށް ޖަވާބު ދެމުން، ޒިދާން ބުނީ، ކޮންމެ ކަމެއްގައި ކޯޗް ބޮލަށް މައްސަލަ ކަނޑާލުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ރެއާލް އަކީ ކުޅެން އުނދަގޫ ކުލަބެއް ކަމަށް ޒިދާން ބުންޏެވެ.
"ކޯޗްގެ ބޮލުގައި ކަންކަން އެޅުވުމަކީ ވަރަށް ފަސޭހަ ކަމެއް އެކަމަކު ރެއާލް މެޑްރިޑަކީ ކުޅެން ވަރަށް އުނދަގޫ ތަނެއް،" ކޮޕަ ޑެލްރޭގައި އަލްކޮޔާނޯ އާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "މިތަނަކީ ކުޅެން އުނދަގޫ ތަނެއްކަން އެނގިވެސް ބައެއް ކުޅުންތެރިން ނިންމާ މަޑުކުރަން. ބައެއް އެހެން ކުޅުންތެރިން ލުކަ [ޔޯވިޗް] ކަހަލަ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރު ދައްކައި ދިނުމަށް ޖެހުނީ އެހެން ޓީމަކަށް ދާން."
ފްރާންކްފާޓަށް 72.28 މިލިއަން ޑޮލަރު ދިނުމަށް ފަހު ރެއާލްއިން ޔޯވިޗް އެ ޓީމަށް ގެނައީ 2019 ގެ ޖޫން މަހު އެވެ. ރެއާލްގައި ހޭދަ ކުރި ދޮޅު އަހަރުގެ މުއްދަތުގައި އެ ކުލަބަށް އޭާ އަށް ޖެހުނީ އެންމެ ދެ ލަނޑެވެ.
ޒިދާންގެ ޓީމު އެކަށީގެންވާ ފުރުސަތު ނުލިބޭތީ ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކުރި އަނެއް ކުޅުންތެރިޔަކީ މިޑްފީލްޑާ މާޓެން އޮޑެގާޑް އެވެ. މިދިޔަ ސީޒަންގައި ރެއާލް ސޮސިއެޑާޑްގައި މޮޅަށް ކުޅުނު އޮޑެގާޑްގެ ލޯން އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮއްވައި، ރެއާލްއިން އޭނާ އަނބުރައި ގެނައީ ސޮސިއެޑާޑްގައި ދެއްކި މޮޅު ކުޅުމާއެކު ރެއާލްގެ މިޑްފީލްޑްގައި މުހިންމު މަގާމެއް އޮޑެގާޑްއަށް އަދާ ކުރެވޭނެ ކަމަށް ދެކިގެންނެވެ.
އެހެންނަމަވެސް، ރެއާލްގެ ޓީމުން ނޯވޭގެ މިޑްފީލްޑަރަށް ފުރުސަތު ލިބުމުގައި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. ލޯން އުސޫލުން އެހެން ކުލަބަކަށް ދާަން ބޭނުންވާ ކަމަށް އޮޑެގާޑް ހާމަ ކުރީ އިއްޔަ އެވެ.
އޭގެ ކުރިން އޮތް ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޒިދާން ބުނެފައި ވނީ، ރެއާލްގެ ސްކޮޑްގައި ވަރުގަދަ ވާދަވެރި ކަމެއް އުފެދިފައި އޮންނަ ކަމަށާއި އެކަމަކީ ކޯޗްގެ ކުށެއް ނޫން ކަމަށެވެ.
"ލުކަ [ޔޯވިޗް] އަކީ ކުރިމަގު އޮތް ކުޅުންތެރިން އަދި މި ކުލަބުގައި އޭނާ އަށްވެސް އޭނާގެ ކުޅުން ދައްކާ ލެވޭނެ. އެހެން ކުޅުންތެރިންނަށްވެސ އެ ފުރުސަތު އޮންނާނެ. މި ކުލަބުގެ ސްކޮޑްގައި އެބައޮތް ވަރަށް ވަރުގަދަ ވާދަވެރި ކަމެއް އަދި އެއީ ކޯޗްގެ މައްސަލައެއް ނޫން."