ޑިއޭގޯ ސިމިއޯނޭ

ސިމިއޯނޭގެ ފާޑުކިޔުން އިނގިރޭސި އެފްއޭއަށް

އެތުލެޓިކޯ މެޑްރިޑްގެ އިނގިރޭސި ޑިފެންޑަރު ކިރަން ޓްރިޕިއާ އަށް އިނގިރޭސި އެފްއޭއިން އެޅީ 10 ހަފުތާގެ ސަސްޕެންޝަނާ ގުޅިގެން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭގެ ފާޑު ކިއުން އިނގިރޭސި އެފްއޭ އަށް އަމާޒު ވެއްޖެ އެވެ.

ސިމިއޯނޭ، ބުނީ އެތުލެޓިކޯ ޝާމިލު ނުވާ ކަމެއްގައި އެތުލެޓިކޯއަށް ގެއްލުން ވުމަކީ އިންސާފެއް ނޫން ކަމަށެވެ. ދިހަ ހަފުތާއަށް ޓްރިޕިއާ ސަސްޕެންޑް ކުރުމުން އޭނާ އަށް ގެއްލޭނީ އެތުލެޓިކޯގެ 13 މެޗެވެ. އިންގެލެންޑްގެ އެއްވެސް މެޗެއް ގެއްލޭކަށް ނެތެވެ.

"މި ހަފުތާ ހީވީ މަހެއް ނިމިގެން ދިޔަ ހެން، އަހަރެމެންނާ އެ ކުރިމަތިވީ ޓްރިޕިއާގެ މައްސަލަ އަހަރެން ނުދެކެން އެއީ އިންސާފުން ނިންމާފައިވާ ކަމެއް ކަމަކަށް،" ސިމިއޯނޭ ބުންޏެވެ. "އަހަރެން އުންމީދު ކުރަން މި ކަމުން އެތުލެޓިކޯ މެޑްރިޑަށް ލިބޭނެ ގެއްލުންތައް ރިއާޔަތްކޮށް އަލުން މުރާޖާ ކުރާނެ ކަމަށް. ސަބަބަކީ އެތުލެޓިކޯ ޝާމިލު ނުވާ ކަމެއް ގައި އެތުލެޓިކޯއަށް ގެއްލުން ވުމަކީ މައްސަލައެއް."

"އަހަރެން ގަބޫލު ކުރަނީ މި ކަމުން ފައިދާ ވަނީ އިނގިރޭސި ފެޑްރޭޝަނަށް ކަން."

އެތުލެޓިކޯގެ ކުރީގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ކޮންޓްރެކްޓް ބާތިލު ކުރަން އެދުމުން، އެ ކުލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ. ސިމިއޯނޭ ބުނީ، ކޮސްޓާ ދިޔަ ކޮންމެ ކުލަބެއްގައި އޭނާ ކާމިޔާބު ހޯދާނެ ކަމަށެވެ.