އިދިކޮޅު ދެ ޕާޓީ އާއި ދިވެހިންގެ ވަރަށް ގިނަ ބަޔަކު ހިމެނޭ ގޮތަށް "އިންޑިއާ އައުޓް" ގެ ނަމުގައި ފުޅާ ކޮށްފައިވާ ކެމްޕޭނަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެ އިދިކޮޅު ނައިޖާޒު ފައިދާ ނަގާ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ތުހުމަތު ކުރެއްވުމުން "އެންމެ ފުރަތަމަ އިސްލާހު ވާންވީ ނަޝީދު" ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ވަޒީރު އަދި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް ވިދާޅުވީ "އެންމެ ފުރަތަމަ އިސްލާހު ވާންވީ މުހައްމަދު ނަޝީދު" ކަމަށެވެ.
އަދި ވިދާޅުވީ ހައްދުފަހަނައެޅުމުން ދުރަށް ޖެހި ޕާޓީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައިގެން ނިންމެވުމަށް އޭނާ އެދިވަޑައިގަންވާ ކަމަށާއު "ގައުމީ ކަންކަމުގައި ގޮތް ކިޔާނީ ދިވެހިން،" ކަމަށެވެ.
ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާ "އިންޑިއާ އައުޓް" ކެންޕޭނާމެދު ހިތްޕުޅު ހަމަޖެހި ވަޑައި ނުގެން އެ ހަަރަކާތަކީ އަޑީގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގަ އެވެ.
އެ މެސެޖެއްގައި ހަރުކަށި ފިކުރުގެ މީހުނަށް ތުހުމަތުތައް ކުރެއްވި އިރު ޕީޕީއެމާއި ކޮންގްރެސް ޕާޓީން އެ ފަރާތްތަކަށް އެ ޖާގަ ދޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހަމަ އެ މެސެޖްގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމުން އެފަދަ ހަރުކަށި މީހުންގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ވެސް ކަންތައް ކަމަށެވެ. އެ ތުހުމަތުތަކުގައި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް" ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ
"އިންޑިއާ އައުޓު" ކެމްޕޭން ފުޅާކޮށްފައިވާއިރު އެ ހަރަކާތުގައި އިދިކޮޅު ފަރާތްތައް ނޫނަސް އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ. "އިންޑިއާ އައުޓު" އެ ހަރަކާތާ ދެކޮޅަށް އަޑު އުފުލަނީ މި ސަރުކާރަށް ނިސްބަތްވާ ސަރުކާރުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކެވެ.