އޮފްބީޓް

ވައްކަން ކުރާ މީހުން ސެނިޓައިޒާ ބޭނުންކުރާ ވީޑީއޯއެއް

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން މުޅިން ހުރިހާ ވިޔަފާރިތަކެއް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް މަޑުމަޑުން ފަށައިގަނެގެން އުޅޭއިރު ރެސްޓޯރަންޓްތަކާއި ސައިބޯ ތަންތަނުގެ އިތުރުން ވަގުންގެ ވައްކަން ތައް ވެސް ހަމަ އެހާ ޖޯޝާއި ފޯރީގައި އަލުން ވަނީ ފަށާފަ އެވެ.

ރެސްޓޯރަންޓް ފަދަ ތަންތަނުގެ ވިޔަފާރި އަލުން ހުޅުވާއިރު ސިއްހީ ގައިޑްލައިން ތަކަށް ހުރިހާ އެންމެން ވެސް ތަބާ ވާން ޖެހެ އެވެ. ހަމަ އެގޮތަށް އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ގަހަނާ ފިހާރައެއް ލޫޓޫވާލި ވަގުންތައް ވެސް އެ ތަން ލޫޓުވީ ސިއްހީ ގޮތުން ތަބާ ވާން ޖެހޭ ހުރިހާ ގައިޑްލައިންތަކެއް ފުރިހަމަ ކޮށްގެންނެވެ. މިހާރު އޮންލައިންގައި ވައިރަލް ވެފައިވާ ވީޑިއޯއަކީ މި މީހުން ގަހަނާ ފިހާރަ ލޫޓުވަނިކޮށް އެ ތާނގައި ހުރި ސީސީޓީވީ އަށް ރެކޯޑް ކުރެވިފައިވާ ވީޑިއޯ އެކެވެ.

އަލީގަޅްގައި ހުރި މި ގަހަނާ ފިހާރަ އަށް އެމީހުން ވަނީ މާސްކް އަޅައިގެން ތިބެ އެވެ. އަދި ފިހާރައިގައި ހުރި މީހަކު ސެނިޓައިޒާ ފުޅިއެއް ދިއްކުރީމަ އެ ފުޅިން ސެނިޓައިޒާ ވެސް އަތުގައި ހާކަ އެވެ. އޭގެ ފަހުން ބަޑި ދިއްކޮށްގެން އެ ފިހާރައިގައި ހުރި 40 ލައްކަ ރުޕީސްގެ އަގުހުރި ގަހަނާ ލޫޓުވާ މަންޒަރު ވެސް މި ވީޑިއޯގައި ފެނެ އެވެ.

މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު 2.00 ހާއިރު އެވެ. އަލީގަޅްގައި ހުންނަ ސުންދަރް ޖުވެލާޒް ކިޔާ މި ފިހާރައަށް ދެ ފިރިހެނަކު ހަމަ އާދައިގެ ގޮތަކަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

އެ ފިހާރައިގެ މުވައްޒަފަކު ހީކުރަނީ އެ ދެ މީހުންނަކީ ކަސްޓަމަރުން ކަމަށެވެ. އެހެންވެ އެމީހުންގެ އަތަށް ސެނިޓައިޒާ ވެސް އަޅާ ދެ އެވެ.
އެ ދެ ވަގުން އަތުގައި ރަނގަޅަށް ސެނިޓައިޒާ ހޭކުމަށްފަހު ބަޑި ނަގައި ފިހާރައިގައި ތިބި މީހުންނަށް ބިރު ދައްކާ އެތަނުގައި ހުރި ހުރިހާ އަގުހުރި ގަހަނާތައް ލޫޓުވާން ފަށަ އެވެ. އެއާއެކު ތިން ވަނަ މީހަކު ވެސް އައިސް އެމީހުންނާ ބައިވެރިވެ އެވެ.

އެ ފިހާރައިގައި މަސައްކަތްކުރާ މީހަކު ދެ އަތް ޖޯޑު ކޮށްގެން ހުއްޓާ ވަގުން ތެރޭން އެކަކު ކައުންޓަރު މައްޗަށް ފުންމައިގެން އަރާ ލޮކަރުގައި ހުރި އަގުހުރި ގަހަނާތަކާއި ފައިސާތައް ވެސް ވަގުކަލޭގެ ނަގާތަން މި ވީޑިއޯ އިން ފެނެ އެވެ. އެ ވަގުތު އެތަނުގައި ވިޔަފާރިކުރަން ވަދެ ކަސްޓަމަރުން ވެސް ތިއްބެވެ. ނަމަވެސް ވަގުންގެ އަތުގައި ބަޑި ހުރީމަ އެ އެންމެން ވެސް ބިރުން ގޮސް ހަދާނެ ގޮތެއް ނޭނގިފައި ތިބީ އެވެ. މި ހުރިހާ ކަމެއް ހިނގީ އެންމެ 30 ސިކުންތުގެ ތެރޭގަ އެވެ. ފިހާރައިގެ ވެރި މީހާ ބުނި ގޮތުގައި އެ ތަނުން ލޫޓުވާލައިގެން ގެންދިޔަ ގަހަނާގެ އަގު 35 ލައްކަ ރުޕީސް އަށް އަރަ އެވެ. އަދި 50،000 ރުޕީސްގެ ނަގުދު ފައިސާ ވެސް ވަގުން ވަނީ ގެންގޮއްސަ އެވެ. މި މީހުން ހޯދުމުގެ މަސައްކަތް އެ ހިސާބުގަނޑުގެ ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.