ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސްއިން ފެމިލީ ހެލްތު ފޯރަމްތަކެއް އިންތިޒާމު ކޮށްފި އެވެ.
އިންޓަނޭޝަނަލް ސްޕެޝަލް އޮލިމްޕިކްސް އަދި މަލްޓި ސްޕޯޓްސް ގޭމްސްތަކުގައި ރާއްޖެ ތަމްސީލް ކުރާ ސްޕެޝަލް އޮލިމްޕިކްސްއިން ބޭއްވި ފޯރަމް އަމާޒު ކޮށްފައި ވަނީ، ރާއްޖޭގެ ތިން ސަރަހައްދަށް ނިސްބަތްވާ ތިން ރަށަކަށެވެ. އެއީ ނ. ކުޑަފަރީ، ޅ. ނައިފަރު އަދި ތ. ހިރިލަންދޫއަށެވެ.
ވެބްނާއެއްގެ ސިފައިގައި އޮންލައިންކޮށް ގެންދިޔަ ސިއްހީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެ ފާރަތްތަކުގެ އާއިލާ އަދި ބެލެނިވެރިންނާއި، އެދާއިރާތަކުގެ ސިއްޙީ މާހިރުން އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް މަޢުލޫމާތު ޙިއްސާ ކުރުމުގެގޮތުން ބާއްވާ ފޯރަމް ތަކެއް ކަމަށް ސްޕެޝަލް އޮލިމްޕިކްސްއިން ބުންޏެވެ.
އެ ތިން ރަށުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސްކޫލުތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ގެންދިޔަ ސެޝަންތަކުގައި ޖުމްލަ 194 ބައިވެރިން ބައިވެރިވެފައިވާ ކަމަށް ސްޕެޝަލް އޮލިމްޕިކްސް އިން ބުނެފައި ވެއެވެ.
ސްޕެޝަލް އޮލިމްޕިކްސް އިން 2013 އިން ފެށިގެން ކުރިއަށް ގެންދަމުންދާ ފެމިލީ ހެލްތު ފޯރަމްއަކީ ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން 45,000 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވަމުން އަންނަ ފޯރަމްތަކެއް ކަމަށް ސްޕެޝަލް އޮލިމްޕިކްސް އިން ބުންޏެވެ. ސްޕެޝަލް އޮލިމްޕިކްސްއިން ރާއްޖޭގައި މިފޯރަމް ހިންގާފައިވަނީ ކެއަރ ސޮސަޓީގެ އެހީތެރިކަމާއެކުގައެވެ.
ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސްއަށް އިންޓަނޭޝަނަލް ޕްރިލިމިނަރީ މެންބަރުކަން މިދިޔަ އަހަރު ވަނީ ލިބިފަ އެވެ. އެ ހައިސިއްޔަތު ސްޕެޝަލް އޮލިމްޕިކްސްއަށް ލިބުނީ މިދިޔަ އަހަރު ޖޫން 21 ގަ އެވެ.