ކުޅިވަރު

ސަސްޕަޓީސްގެ ކޯޗަކަށް ނާދު ހަމަޖައްސައިފި

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރަން ތައްޔާރު ވަމުން އަންނަ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) ގެ ކޯޗަކަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ހަމަޖައްސައިފި އެވެ.

ނާދުގެ ކޯޗް ކަމުގެ ދަށުން، އަންހެން ޓީމުން ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ބްރޯންޒް މެޑަލް ހޯދާފަ އެވެ. ފުރަތަމަ ޑިވިޝަންގައި ކުރިން ވިކްޓަރީ އަދި އޭވައިއެލްއަށް ކޯޗްކޮށްދިން ނާދު ވަނީ އެއް އަހަރު ތެރޭ ދެ ޑިވިޝަންގެ ޗެމްޕިއަންކަން ދެ ޓީމަކަށް ހޯދައިދީފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ކުރީކޮޅު އޭނާ ވަނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލްއަށް ހޯދައިދީފަ އެވެ. އަދި އެ އަހަރު ފަހު ކޮޅު ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް ހޯދައިދިނެވެ.

ވެލެންސިއާ 2010 ވަނަ އަހަރު ރެލިގޭޓްވާން ދަނިކޮށް، ނާދު ވަނީ އެ ޓީމާ ހަވާލުވެ ރެލިގޭޝަންގެ ޕްލޭއޮފް ކާމިޔާބު ކޮށް ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ޔަގީން ކޮށްދީފަ އެވެ. މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދައިގެން ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވެގެންދާނީ، ފުރަތަމަ ޑިވިޝަންގައި ނާދު ކޯޗްކޮށްދޭ ހަތަރު ވަނަ ކުލަބަށެވެ.

ސަސްޕަޓީސްގެ ކޮންޓްރެކްޓްގައި ނާދު ސޮއި ކުރީ އެއް އަހަރަށެވެ. ނާދު މިއަދު އަވަސް އާ ވާހަކަ ދައްކަމުން ބުނީ ސަސްއަކީ އޭނާގެ އެކުވެރި ކުދިންތަކެއް ހިނގާ ރަނގަޅު ޕްލޭނެއް އޮތް ކުލަބެއް ކަމަށެވެ.

"ފުޓްބޯޅައިގެ ރަނގަޅު ވިސްނުތަކެއް ގެންގުޅޭ އަހަންނާވެސް ވަރަށް ގާތް އެކުވެރި ކުދިންތަކެއް ހިންގާ ކުލަބެއް، އަނެއްކާ ރަނގަޅު ޕްލޭނަކާއެކު ދުރު މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ވިސްނުންތަކެއް މި ކުލަބުގައި އެބަހުރި." ނާދު ބުންޏެވެ.

ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހު ފެށުމަށް އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.