ހަބަރު

ދިވެހި ބަޔަކު ޕާޓީކުރި ސަފާރީ އަޑިއަށް ގޮސްފި

ބަނގުރަލާ އެކު ޕާޓީ ކުރަން ދިވެހިންތަކެއް އިއްޔެ ތިިބި ސަފާރީ، މިއަދު އަޑިއަށް ހިނގައްޖެ އެވެ. އއ. މަތިވެރި ކައިރީގައި އޮތް އެ ސަފާރީ އިން ބަނގުރަލާ އެކު ފުލުހުން އިއްޔެ ހައްޔަރު ކުރީ ފަސް ދިވެހިންނާއި ބިދޭސީ އެކެވެ.

މަތިވެރި ކައުންސިލްގެ ރައީސް، އިސްމާއިލް އާތިފް ވިދާޅުވީ އެ ރަށު ބޭރުގައި އަޅާފައި އޮތް "އައުފް" ކިޔާ އެ ސަފާރީ އަޑިއަށް ދިޔައީ މިއަދު ހެނދުނު 6:00 އެހާކަން ހާއިރު ކަމަށެވެ. ސަފާރީ އަޑިއަށް ދިޔައިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، ސަފާރީ އަޑިއަށް ދިޔައީ އޭތި ބަލަހައްޓާނެ މީހަކު ނެތިގެން ދިޔަވެގެން ކަމަށް ބެލެވޭ ކަމަށެވެ.

އެ ސަފާރީ ބަލަހައްޓަން ހުންނަ ބިދޭސީ މީހާ ވެސް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

"އެސަފާރީގެ ބޮޑު ބައި މިހާރު ވަނީ އެކީ އަޑިޔަށް ގޮސްފައި،" އާތިފް ވިދާޅުވި އެވެ.

މި ހާދިސާޔާ ގުޅިގެން ފުލުހުން ބުނީ ސަފާރީ ތިލަ ކުރުމަށް މިހާރު ހަރަކާތް ތެރިވަމުން އަންނަ ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާބޯން ތިއްބާ ސަފާރީ އިން އިއްޔެ ހައްޔަރު ކުރީ ހަ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުނާއި ދެ ފިރިހެނުން އަދި ބިދޭސީ އެކެެވެ.