ލައިފްސްޓައިލް

ސައޫދީ އަންހެނަކު ފިރިމިހާގެ ދެވަނަ ކައިވެންޏަށް ކީ މަރުހަބާ!

ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރުމަކީ އަންހެނުންނަށް އެހާ ގަބޫލު ކުރެވޭނެ އަދި ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. ނަމަވެސް ސައޫދީ އަރަބިޔާގެ މި އަންހެންމީހާ އަކީ ވަރަށް ތަފާތު ވިސްނުމެއް ގެންގުޅޭ މީހެކެވެ. ސޯޝަލް މީޑިއާގައި މި އަންހެންމީހާ ޝެއާ ކުރި ޕޯސްޓަކަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މި ސަބަބާ ހުރެ އެވެ.

އުއްމު އުމަރު ނަމަކަށް ކިޔާ އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާގެ ދެވަނަ ކައިވެންޏަށް މަރުހަބާ ކިޔައި ވީޑިއޯއެއް ތައްޔާރުކޮށް ޓުވިޓާގައި ޝެއާ ކޮށްފަ އެވެ. މި ވީޑިއޯގައި ފިރިމީހާގެ ދެވަނަ ކައިވެނީގެ ހަފުލާގެ ބައެއް މަންޒަރުތައް ހިމަނާފައި ވެއެވެ. އަދި އެ ދެ މީހުންގެ ދެ ދަރިން އެކުދިންގެ ބައްޕައަށް ކައިވެނީގެ ތަހުނިޔާ ކިޔާ މަންޒަރު ހިމަނާފައި ވެއެވެ. އިއްޔެ ސޯޝަލް މީޑިއާގައި އެންމެ ބާރަށް ހިނގި އެއް ޓުވީޓަކީ މިއެވެ.

އުއްމު އުމަރުގެ ޓުވީޓްގައި ޝެއާ ކުރި ވީޑިއޯއާއެކު އޭނާ ލިޔެފައިވާ ކެޕްޝަންގައި ބުނެފައިވާ ގޮތުގައި މިއީ އޭނާގެ ފިރިމީހާގެ ދެ ވަނަ ކައިވެނީގެ މުނާސަބަތުގައި އޭނާ ކުރާ ހަދިޔާ އެކެވެ. ސައޫދީ އާއިލާތަކުގެ މެދުގައި އެކުވެރިކަން އޮންނަން އޭނާ ބޭނުމެވެ. އަދި ކައިވެނީގެ ހަޔާތުގެ ޕޮޒިޓިވް މޮޑެލް އެއް މިޒަމާނުގައި އޮންނަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.

އޭނާގެ ހެޔޮ ދުއާ އާއި ހެޔޮ އެދުން މި ކައިވެންޏަށް އޮތް ކަން އުއްމު އުމަރު ހާމަ ކޮށްފައި ވެއެވެ. އަދި މި ކައިވެނި ގަބޫލުކުރަން އޭނާ ތައްޔާރުވާތާ ހަތަރު އަހަރު ވެއްޖެ ކަމަށް އަންހެންމީހާ ބުންޏެވެ.

"އަހަރެންގެ ފިރިމީހާ ދިރިއުޅެނީ އެހެން ސިޓީއެއްގައި. އެއީ އޭނާ ވަޒީފާ އަދާ ކުރަނީ އެ ސިޓީގައި ކަމަށް ވާތީ. އަހަރެން ދިރިއުޅެނީ މަދީނާގައި. އަހަންނަކަށް ފިރިމީހާ ދިރިއުޅޭ ރަށަށް ދެވޭކަށް ނެތް. މިގޮތަށް އަހަރުމެން ދިރިއުޅޭތާ ހަ އަހަރު ވެއްޖެ. އެހެންވެ އަހަރެން އަމިއްލައަށް ވިސްނީ ފިރިމީހާ ދެ ވަނަ ކައިވެންޏަކަށް އެއްބަސް ކުރުވަން،" އުއްމު އުމަރުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ބައްޕަގެ ދެ ވަނަ ކައިވެނީގެ އުފަލުގައި އެ ދެމަފިރިންނަށް ލިބިފައިވާ ދަރިން ވެސް އުއްމު އުމަރު ވަނީ ބައިވެރި ކުރުވާފަ އެވެ. އޭނާ ބުނި ގޮތުގައި މުސްތަގްބަލްގައި އެ ކުދިން ވެގެން ދާނީ ބައްޕަގެ ދެ ވަނަ އާއިލާގެ ވެސް ބައެއްގެ ގޮތުގަ އެވެ. އެ އާއިލާ އާއެކު ވެސް އެކުދިން ވަގުތު ހޭދަކުރާނެ އެވެ. އެކުދިންގެ ހިތުގައި ދޮންމަންމަ އާއި ބައްޕަ އަށް ނަފްރަތާއި ރުޅި އުފައްދައިގެން އެކުދިންގެ ހަޔާތަށް މައްސަލަތައް ކުރިމަތިކުރުވަން އޭނާ ބޭނުމެއް ނޫނެވެ.

ފިރިމީހާގެ ދެ ވަނަ ކައިވެނީގެ މުނާސަބަތުގައި އޭނާ ދިން ހަދިޔާ އާ ގުޅޭ ގޮތުން އުއްމު އުމަރު ބުނީ ފިރިމީހާއަށް އޭނާ ދިން އެންމެ ބޮޑު ހަދިޔާއަކީ އޭނާގެ ހެޔޮ އެދުންތައް ކަމަށެވެ. އޭގެ އިތުރުން އެންމެ ރަނގަޅު މާމުއިގެ ޕެކޭޖެއް އޭނާ ފިރިމީހާއަށް ހަދިޔާކުރި ކަމަށާއި އެއީ މުސްތަގްބަލުގައި ފިރިމީހާގެ ދެ އަނބިންގެ ދެ އާއިލާ މާމުއި ފަދަ ފޮނި އުފާވެރި ހަޔާތެއް އުޅުމުގެ އުންމީދުގައި ކަމަށެވެ.

އަރަބި ގައުމުތަކުގައި ކައިވެނީގެ މުނާސަބާ ފާހަގަކުރުމުގެ ސަގާފަތް އޮންނަނީ އެހެން ގައުމުތަކާ ވަރަށް ތަފާތު ގޮތަކަށެވެ. އަދި ސައޫދީ އަރަބިޔާގައި ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާ ގޮތް އެހެން އަރަބި ގައުމުތަކާ ތަފާތެވެ. ސައޫދީގައި ކައިވެނިކުރާ ދެމަފިރިން ޕާޓީ ބާއްވާނީ ވަކި ވަކިންނެވެ. ފިރިމީހާ އަށް ވަކި ޕާޓީއެއް އަނބިމީހާއަށް ވަކި ޕާޓީ އެކެވެ. މި ދެ ޕާޓީ އޮންނާނީ ވެސް ތަފާތު ދެ ދުވަހަކު އެވެ.

"ފިރިހެން ޕާޓީ"ގައި އޮންނާނީ ސަޔާއި ކޮފީ އަދި ރޭގަނޑުގެ ކެއުމާއި އެކަކު އަނެކަކާ ވާހަކަ ދައްކާ މަޖާކޮށްލުމެވެ. މި ޕާޓީ ހަތަރު ގަޑިއިރަށް ވުރެ ދިގެއް ނުވާނެ އެވެ. "އަންހެން ޕާޓީ" ގެ ފޯރި މާ ގަދަވާނެ އެވެ. ވެއިޓަރުން ކާ އެއްޗެތި ފޯރުކޮށްދޭން ތިބޭނެ އެވެ. އާޓީސްޓުން ޕާފޯމް ކުރުން ވެސް މި ޕާޓީގައި އޮންނާނެ އެވެ. މި ޕާޓީގައި އެއްގޮތަކަށް ވެސް ފިރިހެނުންނެއް ނުތިބޭނެ އެވެ. މިއީ އަންހެނުންނަށް ޚާއްސަ ޕާޓީ އެކެވެ.

އާއްމުކޮށް ހިޖާބުގައި ތިބޭ އަންހެންވެރިން މި ޕާޓީގައި ތިބޭނީ ހިޖާބު ބާލައި އެންމެ މިހާރުގެ ޑިޒައިނާ ހެދުންތަކުގަ އެވެ. އަގުބޮޑު ފައިވާނާއި ހެދުންތައް އަޅައިގެން ޑައިމަންޑާއި އެކި ކަހަލަ ޖަވާހިރުގެ ގަހަނާތައް އަޅައި ޒީނަތްތެރި ވެގެންނެވެ. އެއްވެސް ފިރިހެނަކަށް މި ޕާޓީގައި ބައިވެރި ނުވެވެނީ މި ސަބަބާ ހުރެ އެވެ.

އަންހެންވެރިން އެމީހުންނަށް ދެއްކުނު ތިއްތިއެއް މި ފަދަ ޕާޓީތަކުގައި ދައްކާލާނެ އެވެ. އެކަކަށް ވުރެ އަނެކަކު އަގުބޮޑު ގަހަނާ އެޅުމާއި އަގު ބޮޑު ހެދުންލައިގެން ދެއްކުން މި ޕާޓީގެ އެންމެ މައިގަނޑު ކަމެއްގެ ގޮތުގައި އޮވެ އެވެ.

މި ޕާޓީގައި ސްޓާފުންގެ ގޮތުގައި ވެސް ތިބޭނީ އަންހެނުންނެވެ. ފޮޓޯގްރާފަރުންނާއި ލަވަކިޔުންތެރިންގެ ގޮތުގައި ވެސް ތިބޭނީ ހަމައެކަނި އަންހެނުންނެވެ. މަޝްހޫރު ފިރިހެން ލަވަކިޔުންތެރިއަކު މި ޕާޓީއަށް ދައުވަތު ދީގެން ގެނަޔަސް އޭނާ ހުންނަން ޖެހޭނީ އެހެން ކޮޓަރިއެއްގައި ފަރުދާއެއްގެ ފުރަގަހުގަ އެވެ. ޕާޓީއަށް ގޮސް ތިބި އެއްވެސް އަންހެނަކު އޭނާއަކަށް ނުފެންނާނެ އެވެ. އޭނާ ލަވަ ކިޔާ މަންޒަރު ހޯލުގައި ބަހައްޓާފައިވާ ސްކްރީންތަކުން އަންހެންވެރިންނަށް އަޑު އިވި ފެންނާނެ އެވެ.

މި ޕާޓީ އަށް ކައިވެނިކުރާ ފިރިމީހާ ޒިޔާރަތް ކުރާނެ އެވެ. އެ ވަގުތު ޖެހުމުން ހޯލުގައި އެކަން އިއުލާން ކުރުމާއެކު ހުރިހާ އަންހެންވެރިން އަބާޔާ ލާނެ އެވެ. ފިރިމީހާ އަންނާނީ އޭނާގެ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހުންނާ އެކުގަ އެވެ. އެވަގުތު ކައިވެނިކުރި އަންހެންމީހާ ވެސް ހުދުކުލައިގެ އަބާޔާއަކުން ފޮރުވޭނެ އެވެ. ސަބަބަކީ ފިރިމީހާގެ އާއިލާގެ މީހުންނަށްވެސް އޭނާގެ ރީތިކަން ނުދެއްކުމަށެވެ.