ސައޫދީ އަރަބިޔާގެ އަންހެނަކަށް ޕޯސްޓުން ލިބުނު ޕާރުސަލެއްގައި އޮތް ކުޑަ ނަގުލަންދާއްޓެއް އެމީހާގެ ގަޔަށް ކަށި ޖަހައިފި އެވެ.
އަންހެންމީހާ އަކަށް އޭނާ ހުޅުވި ޕާރުސަލުގައި ނަގުލަންދާއްޓެއް އޮތް ކަމެއް ނޭނގެ އެވެ. އެމީހާ ބުނި ގޮތުގައި ރޭގަނޑު ދަންވަރު އޭނާ ނިދާފައި އޮވެފައި ހޭލެވުނީ ކަރަށް އެއްޗެއް ކަށި ޖެހިހެން ހީވެގެނެވެ. ރަނގަޅަށް ބަލާލިއިރު އެއީ ކުޑަ ނަގުލަންދާއްޓެއްކަން އެނގުމުން ބިރުން ގޮސް ހަލާކުވާވަރު ވީކަމަށް އަންހެންމީހާ ބުންޏެވެ.
"އަހަރެން ނިދާފައި އޮއްވާ ދަންވަރު ދޭއް ޖަހާ އެހާކަންހާއިރު ކަރުގައި އެއްޗެއް ކަށި ޖެހި ކަހަލަ ގޮތެއް ހީވެގެން ހޭލެވުނީ. އަހަރެން ފުރަތަމަ ހީކުރީ ކޮންމެވެސް ކަހަލަ އެލާޖީ މައްސަލައެކޭ. ނަމަވެސް އިރުކޮޅެއް ނުވެ އެއަށް ވުރެ ގަދަޔަށް ދެވަނަ ފަހަރަށް ކަށި ޖެހުމުން ކޮންމެވެސް ދިރޭ އެއްޗެއްކަން ޔަގީންވި. އަހަރެން ވަގުތުން ކަށި ޖެހިތަނުގައި އަތް ޖައްސާލިއިރު ދިރޭ އެއްޗެއްގައި އަތް ޖެހުނީ. ދެން ނަގާ ބަލާލިއިރު ކުޑަ ނަގުލަންދާއްޓެއް އޮތީ. އަހަރެންގެ ކަރަށް އޭރު އެ ސޮރު ދެ ފަހަރަށް ކަށިޖަހައި ވިހަތައް ދޫކޮށްފި،" ސައޫދީގެ "ހޭ ހާލާ" ޓީވީ ޝޯގައި ވާހަކަ ދައްކަމުން މުނީރާ ސުލައިމާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާއަށް އެ ވަގުތު ކުރެވުނު އިހްސާސަކީ ބަޔާން ކޮށްދޭން ވެސް ނޭނގޭ ކަހަލަ އިހްސާސެކެވެ. ތަދާއި ބިރާއި ވޭން އެއްވުމުން އޭނާއަށް ވީ ގޮތް ބުނަން ވެސް ނޭނގޭ ކަމަށް މުނީރާ ބުންޏެވެ.
މުނީރާ ގަޔަށް ކަށިޖެހި ނަގުލަންދާއްޓަކީ އާތުރޮޕޮޑް ކިޔާ ވައްތަރުގެ ކުޑަ އެއްޗެކެވެ. އެ ސޮރު ކަށިޖެހުމުގެ ސަބަބުން މާ ސީރިއަސް ސިއްހީ މައްސަލައެއް އޭނާއަށް ކުރިމަތި ނުވާ ކަމަށް މުނީރާ ބުންޏެވެ.
ޕާރުސަލްތައް ޕޯސްޓުން އެކި ފަރާތްތަކަށް ފޯރުކޮށްދޭ ކުންފުނިތަކުން މިހާރަށް ވުރެ ބޮޑަށް މިފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް މުނީރާ ބުންޏެވެ. އަދި ޚުދް އޭނާ ވެސް އެ ޕާރުސަލް ކަނޑާ ހެދުމުގައި އެކަށީގެންވާ ފަރުވާތެރިކަން ނުބެހެއްޓުނީތީ ހިތާމަ ކުރާކަމަށް ވެސް އަންހެންމީހާ ބުންޏެވެ.
"އަހަރެން ވެސް ޖެހޭނެ އެ ޕާރުސަލް ސްޓްރެލައިޒްކޮށް ހަދައިގެން އެ ފަރުވާތެރިކަމާއެކު ކަނޑައި އޭގައި ހުރި އެއްޗެތި ވަކިވަކިން ސްޓްރެލައިޒް ކުރަން،" އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ނަގުލަންދާށި އޮތީ އޭނާއަށް ލިބުނު އެތައް ޕާރުސަލުތަކެއްގެ ތެރެއިން އެއް ޕާރުސަލެއްގަ އެވެ.
ވީމާ ޕޯސްޓުން ޕާރުސަލް ލިބޭ މީހުން މި ފަދަ ކަމެއް ދިމާވެދާނެތީ ސަމާލުވުމަށް އޭނާ އިލްތިމާސް ކުރި އެވެ. އޭނާ މި ވާހަކަ އާންމުންނާ ހިއްސާކުރުމުގެ ބޭނުމަކީ ވެސް މިކަން މީހުންގެ ސަމާލުކަމަށް ގެނައުން ކަމަށް މުނީރާ ބުންޏެވެ.
އަންހެންމީހާއަށް މި ޕާރުސަލް ފޮނުވީ ކާކުކަމެއް ނޭނގެ އެވެ. އަދި އެއީ ގަސްތުގައި އަންހެންމީހާ އަށް ލަނޑެއް ދިނުމުގެ ގޮތުން މީހަކު ކުރި ކަމެއްތޯ އާއި މިކަން ހިނގާފައިވާ ގޮތް ބެލުމަށް ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ސައުދީ ފުލުހުން ބުނެފައި ވެއެވެ. އަދި މުނީރާ އާ ހަވާލުކުރެވުނު ޕާރުސަލްގައި ނަގުލަންދާށި އިނީ އެއްވެސް މީހަކު ގަސްތުގައި އެޔަށް އެ ލައިގެން ނޫންކަމަށާއި މިއީ ކޮންމެވެސް ގޮތަކުން އެ ޕާރުސަލަށް އަރާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.