ގެސްޓް ހައުސްތައް

ގެސްޓްހައުސް ވެރިންގެ ޝަކުވާ އޮއްސާލައިފި

Sep 14, 2020

ގެސްޓްހައުސް ތަކަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ގިނަ ޝަކުވާ ތަކެއް އާ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ކުރިމަތިކޮށްފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އިސް ނަގައިގެން ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުގެ ވެރިން ހިމެނޭ ގޮތަށް އިއްޔެ ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ މައިގަނޑު ޝަކުވާއަކަށް ހުށަހަޅާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އެ މީހުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައި ގަނެވޭނެ ގޮތެއް ފެންނަން ނެތުމެވެ. އަދި މި ހާލަތު އޮއްވާ ވެސް ކަރަންޓު ބިލާއި ފެން ބިލް ފަދަ ޔޫޓިލިޓީ ބިލްތައް ދައްކަން ޖެހިފައިވުމުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވަމުންދާ މައްސަލަތަކެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އަލުން ހުޅުވާއިރު އަމަލު ކުރަންޖެހޭ އުސޫލުތަކާއި އެ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ނޭނގޭތީ ވެސް ބައެއް ގެސްޓްހައުސްތަކުން ވަނީ ޝަކުވާ ކޮށްފަ އެވެ.

ބައްދަލުވުމުގައި އެ ކަންކަން ހައްލު ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

ގޭމް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސް ސިނާއަތަށް ކުރިމަތިވެފައިވާ ގެއްލުންތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ބަލަން ސާވޭއެއް ވެސް ކޮށްފަ އެވެ. އެ ސާވޭ ދައްކާ ގޮތުގައި މި ސިނާއަތަށް ލިބުނު ގެއްލުން 30 މިލިއަން ޑޮލަރަށް އަރަ އެވެ.

ސަރުކާރުން ވަނީ ގެސްޓްހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވަން ނިންމާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންއެއް ގެނާއިރު 600 އަށްވުރެ ގެސްޓްހައުސް އޮޕަރޭޝަންގައި ހުއްޓެވެ.