ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަރު

އިސްމާއީލް ޒަކަރިއްޔާ އަވަހާރަވެއްޖެ

Sep 14, 2020

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސްމާއީލް ޒަކަރިއްޔާ ކޮވިޑް ބަލީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު އަވަހާރަ ވެއްޖެ އެވެ.

މިއަދު މެންދުރު ފަހު އިސްމާއީލް ޒަކަރިއްޔާ އަވަހާރަވި އިރު އުމުރުފުޅަކީ 79 އަހަރެވެ. އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ޕޮޒިޓިވްވެ ފުރަތަމަ އެޑްމިޓް ކުރީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގަ އެވެ. އެއީ މިދިއަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގަ އެވެ.

އިސްމާއީލް ޒަކަރިއްޔާ އެންމެ ގިނަ ދުވަހު އަދި އެންމެ ފަހުން މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގަ އެވެ.

ވަރަށް ހިތް ހެޔޮ މިޒާޖަކާއެކު އެންމެނާ ގާތް ކަމެއް ބާއްވައިގެން ދިރިއުޅުއްވަމުން ވަޑައިގެންނެވި އިސްމާއީލްގެ 15 ބޭފުޅުން ތިއްބަ އެވެ. އޭގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއީލް އާއި މާދިހު އިސްމާއީލް އާއި އެމްއެންޑީއެފްގެ މޭޖާ އިބްރާހިމް އާޒިމަކީ އޭނާގެ ބޭފުުޅުންގެ ތެރެއިން ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ހިދުމަތްތެރިންނެވެ. މިއަދު އިސްމާއީލް ޒަކަރިއްޔާ އަވަހާރަވި އިރު އަންބަކު ދުނިޔޭގައި އެބައިންނެވި އެވެ.

އިސްމާއިލް ޒަކަރިއްޔާ އަވަހާރަ ވުމުން ކޮވިޑްގައި ރާއްޖެއިން މަރުވި މީހުހުންގެ އަދަދު 33 އަށް އެރީ އެވެ. މިހާރު ރާއްޖޭގައި 1809 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، 113 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގަ އެވެ. މިހާތަނަށް 9،173 މީހުންނަށް ބަލި ޖެހުނުއިރު، 7،326 މީހަކު ވަނީ ބަލިން ރަނގަޅުވެފައި ވެއެވެ.