އެމްޑީޕީ

"އީސީއަށް ޕާޓީގެ އިސް ފަރާތް ކަނޑައެއް ނޭޅޭނެ"

އިލެކްޝަންސް ކޮމިޝަނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް ފަރާތަކީ ކޮބައިކަން ކަނޑައަޅާ މުއައްސަސާއެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަމަށް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ހަސަން ލަތީފު މި ގޮތަށް ވިދާޅުވެފައި ވަނީ، ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްހަލަތު އިސް ކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ޕާޓީ ގުރުބާން ކުރައްވައިގެން ކަމަށާއި އެއީ "ޣައްދާރުވުން" ކަމަށް ބުނެ އެކަން ޕާޓީގެ ފަރާތުން ހުއްޓުވައި ދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައީސް ނަޝީދު ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް، އޭގެ ރައްދުގައި ޝުއައިބު ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ.

އެހެންކަމުން ވަޒީރުންނަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ހަސަން ލަތީފުގެ ކިބައިން ޝުއައިބް ވަނީ އެދިވަޑައިގެންފައި އެވެ.

އެ ސިޓީއާ ގުޅިގެން ޝުއައިބަށް ހަސަން ލަތީފު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާ ކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެމްޑީޕީއަށް ދިމާވެފައިވާ ހާލަތާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ އިލެކްޝަންސް ކޮމިޝަނާ ވެސް ސުވާލުތައް ކުރިމަތި ކުރަމުންނެވެ. އެ ސުވާލުތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް ފަރާތަކީ ކޮން ފަރާތެއްކަން ކަނޑައަޅާ މުއައްސަސާއެއް ނޫން ކަމަށެވެ.

"އެކަން [ޕާޓީގެ އިސް ފަރާތް] އިނގޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިދު އޮންނަ ގޮތަކުން. އެމްޑީޕީގެ އަސާސީ ގަވާއިދުގެ ވަނަ ބާބު މާއްދާތަކުން އެކަން އެނގެން އެބައޮތް،" ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި ވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާ އެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް،" ކަމަށެވެ.

އެހެންކަމުން، މިވަގުތު އެމްޑީޕީގެ އިސް ފަރާތަކީ ރައީސް ސޯލިހު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.