އިޒްރޭލުގެ ޔަހޫދީއަކަށް އެ ގައުމުގެ ކޯޓަކުން އުމުރަށް ޖަލަށް ލުމުގެ ތިން ހުކުމެއް އެއް ފަހަރާ ކޮށްފި އެވެ. އުމުރުން 27 އަހަރުގެ ޔަހޫދީ ޒުވާނާ، އަމިރާމް ބެން އުލީލް އަށް މި ހުކުމްތައް އިއްވީ އިޒުރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނުގައި ކުޑަކުއްޖަކާއި އެކުއްޖާގެ ބައްޕަ އާއި މަންމަ މަރާލުމުގެ ކުށް ސާބިތު ވެގެނެވެ.
އަމިރާމް ބެން އުލީލް ވަނީ 2015 ވަނަ އަހަރު ވަނީ ފަލަސްތީނު އާއިލާއެއް ކަމަށްވާ ދަވާބް ޝޭހުގެ އާއިލާ ދިރިއުޅުނު ގޭގެ ކުޑަ ދޮރަކުން ނިދާ ކޮޓަރިއަށް ޕެޓްރޯލް ބޮމެއް އެއްލާފަ އެވެ. އެވަގުތު ކުޑަ ދެ ކުދިންނާއި އެކުދިންގެ މައިން ބަފައިން ތިބީ އެ ކޮޓަރީ ގައި ނިދާފަ އެވެ. އެ ބޮމުގެ ސަބަބުން ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 18 މަހުގެ އަލީ ދަވާބު ޝޭހް އާއި އޭނަގެ މަންމަ ރިހާމް އަދި ބައްޕަ ނާދު މަރުވެފައި ވެއެވެ. ނާދު މަރުވެފައި ވަނީ ޢޭނައަށް ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަމުން ދަނިކޮށެވެ. މަރުވި ކުޑަ ކުއްޖާ އަލީގެ ބޭބެ އުމުރުން ހަތަރު އަހަރުގެ އަހުމަދު ސަލާމަތްވި އެވެ. އެކަމަކު އޭނާގެ ވެސް ހަށިގަނޑުން ބައެއް ވަނީ އަނދާފަ އެވެ.
ގާތިލް ބެން އުލީލް އަށް ވަނީ ދެ މީހުން މެރުމާއި ގެއެއްގައި އަލިފާން ރޯ ކުރިކަމުގެ ކުށް ސާބިތު ވެފައެވެ. މީގެ އިތުރަށް މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދާ އަނިޔާވެރި އަމަލު ހިންގުމަށް ރޭވި ކަމުގެ ކުށް ވެސް އޭނަގެ މައްޗައް ސަބިތުވި އެވެ.
އިޒްރޭލްގެ ކޯޓުން ބުނެފައި ވަނީ މި ހަމަލަ ރާވަފައި ވަނީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ. އަދި އިއްވި ހުކުމަކީ ކުއްވެރިޔާއަށް ގާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބާއި ގަތްކުރާ އަދަބެއް ކަމަށެވެ.
ދަވާބް ޝޭހުގެ އާއިލާ ގެ ފަރާތުން މަރުވި ކުޑަކުއްޖާގެ ކާފަ ބުނީ މި ހުކުމު އެ ކުރި ކުށަށް ހައްގު އަދަބެއް ނުލިބޭނެ ކަމަށެވެ.
"ކޯޓުގެ ހުކުމުން އަހަންނަށް ލިބުނީ ކޯއްޗެއް. އަހުމަދު [މަރުން ސަލާމަތްވި] އަށް ލިބުނީ ކޯއްޗެއް؟" ކޯޓުގެ ބޭރުގައި އެއްވެފައިވާ ނޫސްވެރިންނާއި މުހާތަބުކޮށް އިއްޔެ ބުންޏެވެ.