މިނިވަން ފަންސާސް ފާހަގަ ކުރުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތް އިންތިޒާމު ކުރަން ނިއުޕޯޓާއި ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެށި ތަހުގީގު ލަސްވަނީ މައުލޫމާތު ނުލިބިގެން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހިދުމަތަށް ނުކުތް ނިއު ޕޯޓަށް، މިނިވަން ފަންސާހުގެ ރަސްމީ ޖާފަތް ހަވާލުކޮށްފައިވަނީ އެ ޖާފަތާ އެކަށީގެން ނުވާ ފައިސާގެ އަދަދަކަށް ކަމަށާއި އެއީ ކޮރަޕްޝަން ހިމެނޭ މަސައްކަތެއް ކަމަށް ބުނެ ގިނަ ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށް އޭސީސީއިން ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ. އޭރު އެ ކޮމިޝަނުން ބުނީ ހަފުތާއެއްގެ ތެރޭގައި މަައްސަލައިގެ ތަހުގީގު ނިންމާ ނަތީޖާ ނެރޭނެ ކަމަށެވެ.
"އަވަސް" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، ރަސްމީ ޖާފަތުގެ ތަހުގީގު ހުއްޓާ ނުލާ ކަމަށާއި އެކަން އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ލަސްވަނީ ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު އެކަންކަމާބެހޭ ފަރާތްތަކުން ނުލިބިގެން ކަމަށެވެ. އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެއެވެ.
"މިވަރުގެ މައްސަލައެއްގެ ތެރެއަށް އަޅުގަނޑުމެން ވަދެގެން އުޅޭއިރު ކަމުގައި ޝާމިލުވާ އެކި ފަރާތްތަކުގެ މައުލޫމާތު ބޭނުންވާނެ، ބޭނުންވާ ލިޔެކިޔުންތައް ވެސް ހުންނާނެ. އެހެންވެ އަޅުގަނޑުމެން މިދަނީ އެކަން ބަލަމުން. އެއީ ކޮރަޕްޝަންގެ އަމަލެއްތޯ ނޫންތޯ ވެސް ބުނަން އެނގޭނީ އެކަންކަން ފުރިހަމަވެގެން،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވި ގޮތުގައި މައްސަލަ މިހާރު އޮތް ހިސާބަށް ބަލައި އެކަން ނިމޭނެ ދުވަހެއް އަދި ބުނަން ދައްޗެވެ.
ރައީސްގެ ރަސްމީ ޖާފަތަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދު ކުރިއެވެ. ނަމަވެސް އެ ޖާފަތުގައި ހުރި ކެއުމުގެ ބާވަތްތައް މަދު ވުމާއި ރަހަ ނުބައިވުމުގެ އިތުރުން އޯޑަރު ދިން ކާއެއްޗެހި ނުލިބި ވަރަށް ބޮޑަށް ލަސްވުން ފަދަ ކަންކަމާ ގުޅިގެން ޖާފަތަށް ދިޔަ އެތައް ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ.
ޖުލައި 26 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތަށް 800 އެއްހައި މީހުންނަށް ދައުވަތު ދިން އިރު، ރާއްޖެއިން ބޭރުގެ ބޮޑެތި އިއްޒަތްތެރިން ވެސް ވަނީ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.