ހަބަރު

ރާއްޖޭގެ "މަލްޓި ހަޒާޑް އެޓްލާސް" އިފްތިތާހު ކޮށްފި

Sep 15, 2020

ދިވެހިރާއްޖޭގެ "މަލްޓި ހަޒާޑް އެޓްލާސް" އެންވަޔަރަމަންޓް މިނިސްޓްރީން އިފްތިތާހު ކޮށްފި އެވެ.

މި އެޓްލަސް އިފްތިތާހް ކޮށްފައި ވަނީ ވާޗުއަލް ކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ މި އެޓްލަސްގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކާބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކަށް ބަލައި ޑިސިޝަން ނަގަން އެހީތެރި ވެދޭނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރަން ލީ އެހީ ދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން އެފަރާތްތަކަށް އިތުރު ކޮށްދެވޭނެ ކަމަށެވެ.

މި އެޓްލަސްއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީ އާއިއެކު، ދިރާސާކޮށް ތައްޔާރުކުރި އެޓްލަސް އެކެވެ. މި އެޓަލަސްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ބައްޓަން ކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އަދި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ފަރުމާ ކުރުމުގައި އެހީތެރި ވެދޭނެ މައުލޫމާތުތަކެވެ.

މި އެޓްލަސް ތައްޔާރު ކޮށްފައިވަނީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޕްލެޓްފޯމެއްގެ މައްޗަށެވެ.