ލައިފްސްޓައިލް

ރެސްޓޯރަންޓުން ކެއުމުން ކޮވިޑް ނުރައްކާ ބޮޑު: ދިރާސާ

އެމެރިކާގެ ސިއްހީ ޚިދުމަތްދޭ 11 ތަނަކަށް ގޮސް ޑޮކްޓަރަކަށް ދެއްކި ގިނަ އަދަދެއްގެ ބަލި މީހުންގެ މެދުގައި ހަދާފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ރެސްޓޯރަންޓްތަކުން ކެއުމަކީ ކޮވިޑް-19ގެ ނުރައްކާ އިތުރުވާ ކަމެކެވެ. މި ސިއްހީ މަރުކަޒުތަކަށް ދެއްކި ކޮވިޑް-19ގެ ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފާއިތުވީ 14 ދުވަހުގެ ތެރޭގައި އެއް ފަހަރު ނުވަތަ ދެ ފަހަރު ރެސްޓޯރަންޓް ތަކަށް ގޮސް ކައިފައި ތިބި ބައެކެވެ.

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މި ދިރާސާ ކުރުމަށް ބޮޑެތި މީހުންގެ 314 މީހަކު އޮބްޒާވް ކުރި އެވެ. މި މީހުންނަކީ ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޓެސްޓްކުރަން ދިޔަ މީހުންނެވެ. މި މީހުން ދިޔަ 11 ފެސިލިޓީޒް ހުރީ އެމެރިކާގެ 10 ސްޓޭޓެއްގަ އެވެ. މި ދިރާސާގައި މައުލޫމާތު އެއްކޮށްފައިވަނީ މިދިޔަ ޖުލައި މަހު ހެލްތު ފެސިލިޓިޒްތަކަށް ދިޔަ މީހުންގެ އެވެ.

މި ދިރާސާގައި އޮބްޒާވްކުރި މީހުންގެ ތެރެއިން 154 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އަދި 160 މީހެއްގެ ނަތީޖާ ނެގެޓިވް އެވެ. ދިރާސާކުރި ސައިންސްވެރިން ދެން ބެލީ މި މީހުން ފާއިތުވީ ދެ ހަފުތާ ތެރޭގައި ދިޔަ ތަންތަނާއި އެމީހުންގެ ހަރަކާތްތައް ހުރި ގޮތެވެ. އަދި އެމީހުންނާ ބައްދަލުވީ މީހުންނަކީ ކޮބައިތޯ އެވެ.

މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދިރާސާގެ ބައިވެރިންގެ ސިއްހީ ބޮޑު މައްސަލައެއް ހުރިތޯ އާއި އަދި އެމީހުންގެ ހަށިގަނޑު ހުރި ގޮތް އަދި ނަފްސާނީ ދުޅަހެޔޮކަން ހުރި ވަރުވެސް ބެލި އެވެ.

އަދި ބައިވެރިންނާ އެންމެ ގާތްކޮށް އުޅުނު އެންމެން ވެސް ދެނެގަތެވެ. ގާތްކޮށް އުޅުނު މީހުން ކަމަށް ބަލާފައިވަނީ 15 ވަރަކަށް މިނެޓަށް ވުރެ ގިނައިރު އެ މީހުންނާ ހަ ފޫޓަށް ވުރެ ކައިރީގައި ތިބި މީހުންނަށެވެ. އަދި އެމީހުން ވަޒީފާ އަދާކުރާ ތަނުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވޭތޯ އާއި އެމީހުން ބޭރަށް ނުކުންނަނަމަ މާސްކް އަޅާތޯ އާއި ބޭރުތެރޭގައި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅޭތޯ ވެސް ޗެކް ކުރި އެވެ.

މި ހުރިހާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ސައިންސްވެރިން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މީހުންގެ ތެރެއިން ކޮވިޑް-19 ޖެހުނު ގިނަ މީހުންނަށް އެބަލި ޖެހުނީ ރެސްޓޯރަންޓްތަކުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ މީހުން ކާން ތިބީ ރެސްޓޯރެންޓްގެ އައުޓްޑޯގައި ނަމަވެސް އިންޑޯ ގައި ނަމަވެސް މި މީހުންނަށް ބަލި އަރާފައިވަނީ އެތަންތަނުން ކަމަށް ސައިންސްވެރިން ލަފާ ކޮށްފައި ވެއެވެ.

"ކައި ބޮއި ހަދާއިރު މާސްކް އަޅައިގެނެއް ނުތިބެވޭނެ. އެހާ ފަސޭހައިން ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ބަލި އަރަނީ އެހެންވެ. މިސާލަކަށް ފިހާރަތަކަށް އެއްޗެހި ގަންނަން ދިއުމާއި އެނޫންވެސް ބޭރު ތެރޭގައި އެކި ކަންކަން ކޮށް އުޅޭއިރު މާސްކް ނަގާކަށް ނުޖެހޭ،" ހުކުރު ދުވަހު ނެރުނު ރިޕޯޓުގައި ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ.