ލައިފްސްޓައިލް

"އެއްފަހަރާ ފަސް ކްރޯޑު ލިބުމުން ބުއްދި ގޯސްވި"

ސޮނީ ޓީވީގައި އަމީތާބު ބައްޗަން ހުށަހަޅައިދޭ ވަރަށް މަޝްހޫރު ކުއިޒް ޝޯ އެއް ކަމަށްވާ "ކޯން ބަނޭގާ ކްރޯޅްޕަތީ" ގެ ހަތަރު ވަނަ ސީޒަން ކާމިޔާބު ކުރީ ސުޝީލް ކުމާރު ކިޔާ ވަރަށް އާދައިގެ މީހެކެވެ. އެ ޝޯގައި ސުޝީލް ކުމާރަށް ފަސް ކްރޯޑު ރުޕީސް ލިބުމުން ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މަޝްހޫރުކަން އިންތިހާއަށް އިތުރުވެ ބޮޑު ސެލެބްރިޓީއެއްގެ ދަރަޖަ ލިބުނެވެ.

ސުޝީލް އަކީ މިހާތަނަށް ބޭއްވި މި ޝޯގެ ހުރިހާ ސީޒަނެއްގެ ބައިވެރިންގެ ތެރެއިން ވެސް ފަސް ކްރޯޑު ލިބުނު މަދު މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.

ކުއްލިއަކަށް މިހާ ގިނަ ފައިސާ އެއްފަހަރާ ލިބުމުން ސުޝީލްގެ ނަސީބު އަތުގައި ހިފައި އޭނާއަށް ދިރިއުޅުމުގައި ވަރަށް ކުރިޔަށް ދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. ނަމަވެސް ކަން ވީ އެހެނެއް ނޫނެވެ. ސުޝީލްގެ ފޭސްބުކް ޕޭޖްގައި އޭނާ ލިޔެފައިވާ ވަރަށް އަސަރުގަދަ ޕޯސްޓެއްގައި މިހާ ގިނަ ފައިސާ ލިބުމުން އޭނާއަށް ކުރިމަތިވީ ބޮޑު މުސީބާތްތަކުގެ ވާހަކަ ކިޔައިދީފައި ވެއެވެ.

ސުޝީލް ބުނެފައިވާ ގޮތުގައި ކޭބީސީން ފަސް ކްރޯޑު ލިބުމަށް ފަހު ފާއިތުވީ ދުވަސްތަކަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ހޭދަކުރި އެންމެ ވޭންދެނިވި ދުވަސްތަކެވެ. ޚުދް އޭނާއަށް އޭނާއަކީ ކާކުކަން އޮޅި ވިޔާނުދާ އަމަލުތަކަށް ދެވި ހިފައި އަނބިމީހާ އާ ވަކިވެ ދެން ވެސް ކުރެވުނީ މުޅިން ވެސް ގޯސް ކަންތައްތައް ކަމަށް އޭނާ ބުނެފައި ވެއެވެ.

ކުރިން އޭނާއަކީ އެއްގޮތަކަށް ވެސް ރާބޮއި، ސިނގިރޭޓް ބޮއި ހެދި މީހެއް ނޫނެވެ. ނަމަވެސް ޝޯގެ ކާމިޔާބުން އޭނާއަށް ލިބުނު ފޮނިކަމާއި ބޮޑާ ކަމާއެކު އޭނާ ރަލަށާއި ސިނގިރޭޓަށް ދެވިހިފި ކަމަށާއި މަކަރުހަދައިގެންނާއި އޮޅުވާލައިގެން ވެސް ބައެއް މީހުން އޭނާ އަތުން ފައިސާ ފޭރުނު ކަމަށް ސުޝީލް ބުންޏެވެ. ޝޯ އިން ލިބުނު ފައިސާ އާއެކު އޭނާގެ ވާހަކަތައް ނޫސްތަކުގައި ވަރަށް ގިނައިން ޖަހަން ފެށި އެވެ. އަދި އަބަދު އަބަދު ނޫސްވެރިން އޭނާއަށް ގުޅައިގެން އެ ފައިސާ އަށް ކުރަނީ ކީއްތޯ ސުވާލު ކުރަން ފެށި އެވެ. އެހެންވެ އެ މީހުންނަށް މޮޅެތި ޖަވާބު ދިނުމުގެ ގޮތުން އޭނާ އެ ވިޔަފާރިތަކުގެ ތަޖުރިބާ އެއްވެސް ވަރަކަށް ނެތް ބައެއް ކަހަލަ ބޮޑެތި ވިޔަފާރިތައް ފެށި ކަމަށް ސުޝީލް ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ވިޔަފާރިއެއް ވެސް ފަށާތާ މާ ގިނަ ދުވަހެއް ނުވެ އެ ވިޔަފާރި ބަނގުރޫޓުވެ އޭނާގެ ފައިސާތައް އޮޔަށް ވަޔަށް ދާން ފެށި އެވެ.

ދެން ކުނިޖެހެން ފެށީ އަނބިމީހާ އާއެވެ. އޭނާގެ އަންހެނުން އޭނާ އުޅޭ ގޮތާ ހިތްހަމަނުޖެހިގެން ތަކުރާރުކޮށް އޭނާ ކައިރީ އެ ވާހަކަ ދައްކަން ފެށުމުން އަންހެނުން ދެކެ ވެސް ސުޝީލް ރުޅި އަންނަން ފަށައި ދެ މީހުންގެ މެދުގައި ކުރެވޭ ޒުވާބުތައް އިތުރުވެ ހޫނުވާން ފެށި އެވެ. އޭނާ ކޮންމެ ވިޔަފާރިއެއް ފަށަން އުޅޭ އިރަށް ވެސް އަންހެނުން އޭނާއަށް ހުރަސް އަޅައި އެކަން ނުކުރުމަށް ގަދައަޅައި ނަސޭހަތް ދެއެވެ. ނަމަވެސް ފައިސާގެ މަސްތުގައި ޖެހިފައިވާލެއް ބޮޑުކަމުން ސުޝީލް އަށް އަންހެނުން ދައްކާ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. އެންމެ ފަހުން އަންހެނުން ރުޅިއައިސްގެން މައިންބަފައިން ކައިރިއަށް ގޮސް ވަރިވާން ކޯޓަށް މައްސަލަ ލީ ކަމަށް ސުޝީލް ލިޔެފައި ވެއެވެ.

"ކޭބީސީން ފަސް ކްރޯޑު ލިބުމަށްފަހު ވޭތުވި 2015 އާއި 2016 ވަނަ އަހަރަކީ އަހަރެންގެ ހަޔާތުގެ ވެސް އެންމެ ބަނަ އަދި އެންމެ ގޯސް ކަންތައްތައް ކުރެވުނު ދުވަސްތައް. އެއީ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް ވެސް މެ. ޚުދް އަހަންނަށް ވެސް ކުރަންވީ ކީއް ކަމެއް ނުކުރަންވީ ކީއްކަމެއް އޭރަކު ނޭނގުނު. ފައިސާގެ މަސްތުގައި ޖެހި އަހަންނަށް ވަނީ އަހަރެން އޮޅިފައި،" ހިންދީ ބަހުން ސުޝީލް ލިޔެފައިވާ ޕޯސްޓުގައި އޭނާ ބުނެފައި ވެއެވެ.

ޝޯގައި ބައިވެރިވުމުގެ ކުރިން ސުޝީލް އަކީ ޓީޗަރެކެވެ. ނަމަވެސް ޝޯ އިން އެހާ ގިނަ ފައިސާ ލިބުމަށްފަހު އޭނާ ޓީޗަރުކަން ވެސް ކުރާ ހިތެއް ނުވި އެވެ. އެހެންވެ ނޫސްވެރިން ގުޅީމަ މޮޅެތި ޖަވާބު ދިނުމުގެ ބޭނުމުގައި އެކި އެކި އިންވެސްޓްމަންޓްތައް ގަނެ ވިޔަފާރިތައް ފަށައި ފައިސާތައް އެގޮތް މިގޮތަށް ބޭކާރު ކުރެވުނީ އެވެ. އެއްވެސް އިންވެސްޓްމަންޓަކުން އެއްވެސް ވިޔަފާރިއަކުން އޭނާއަކަށް އެއްވެސް ފައިދާއެއް ނުކުރި އެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރިމަތިވީ ބޮޑެތި ގެއްލުން ތަކެވެ. އެކަންކަމާ ގުޅޭ މައުލޫމާތާއި ތަޖުރިބާނެތި އެކަން ކަން ކުރަން އުޅުނީމަ އެވެ. މިއީ މިހާރު ސުޝީލް އަމިއްލައަށް ވެސް ގަބޫލުކުރާ ހަގީގަތެކެވެ.

ފައިސާތައް ލިބުމުން އޭގެން ބައެއް ހެޔޮގޮތުގައި ވެސް ސުޝީލް ހޭދަކުރި އެވެ. އެގޮތުން މަހަކު 50،000 ރުޕީސް ޑޮނޭޝަންގެ ގޮތުގައި އޭނާ ދެމުން ގެންދިޔަ އެވެ. އޭނާއަށް މި ފައިސާ ވެސް ދެވުނީ ހަގީގަތުގައި ދޭންޖެހޭ ބަޔަކަށް ނޫން ކަމާއި ބަޔަކު މަކަރާއި އޮޅުވާލުމުގެ ތެރެއިން ޑޮނޭޝަނޭ ކިޔައިގެން އޭނާ އަތުން ފައިސާ އަތުލީކަން ސުޝީލް އަށް އެނގުނީ ވެސް މާ ފަހުންނެވެ. އެހިސާބުން ސްކޫލް ދައުރުގެ ރައްޓެހިންތަކަކާ ދިމާވެ ސިނގިރެޓާއި ރާ ބުއިމުގެ ކަންތައް އެމީހުންނާއެކު ކުރަން ފަށައި އެ އެއްޗިއްސަށް ދެވި ހިފި އެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓަށް ފައިސާތައް ޚަރަދު ކުރީ ރައްޓެހިން ދިން މޮޅު ޚިޔާލު ތަކަށެވެ.

މީގެން އެއްވެސް ކަމަކުން ކުރިއެރުން ނުލިބުމުން ދެން އަނެއްކާވެސް ސުޝީލްގެ ހިތަށް މޮޅު ޚިޔާލުތަކެއް އައެވެ. ފިލްމު ޑައިރެކްޓަރަކަށް ވެގެން ފިލްމު އުފައްދަން ފެށުމުގެ ޚިޔާލެވެ. އެގޮތުން މުމްބައި އަށް ގޮސް ޓީވީ ޝޯތަކާއި ފިލްމުތައް ޑައިރެކްޓްކުރަން ފުރުސަތު ހޯދަން މަސައްކަތް ފެށި އެވެ. އަދި ބައެއް ޝޯތަކުގެ ސްކްރިޕްޓް ވެސް ލިޔުނެވެ. އެގޮތުން އޭނާ ލިޔުނު އެއް ސްކްރިޕްޓަކަށް 20،000 ރުޕީސް ލިބުނެވެ. އެ ނޫނީ މިކަމުން ވެސް އޭނާއަށް އެއްވެސް ފައިދާ އެއް ނުލިބެ އެވެ.

ސުޝީލް އަށް ހަމަބިމަށް ފޭބުނީ ފިލްމު އުފެއްދުން މީވެސް އޭނާއަށް ކުރެވޭނެކަމެއް ނޫންކަން ޔަގީންވީ ހިސާބުންނެވެ. އެހިސާބުން އޭނާ އަމިއްލަ ރަށަށް އެނބުރި ދިޔަ އެވެ. އަދި ކުރިން ކުރެވުނު ކަންތައްތަކާ މެދު ވިސްނާ އެއީ އޭނާއާ އެއްގޮތަކަށް ވެސް އެކަށީގެން ވާ ކަންތައްތަކެއް ނޫންކަން ހިތުން ރުހުމުން ގަބޫލު ކުރި އެވެ. އަދި ކުރީގެ ދިރިއުޅުން އަނބުރާ އިއާދަކުރަން މަސައްކަތް ފެށި އެވެ.

އެހާތަނުން އޭނާގެ ހަމަ ވިސްނުން އަނބުރާ އައެވެ. މަޝްހޫރު މީހަކަށް ވުމަށް ވުރެ ރަނގަޅު އިންސާނަކަށް ވުމީ ހުރިހާ ގޮތަކުން ވެސް ދިރިއުޅުން އުފާވެރިވެފައި ހަމަޖެހޭނެ ކަމެއްކަން އޭނާއަށް ވިސްނުނީ އެހިސާބުންނެވެ. ނަމަވެސް އޭރު ލިބުނު ހުރިހާ ފައިސާއެއް އެގޮތް މިގޮތަށް ގޮސް ހުސްވެއްޖެ އެވެ.

ހެޔޮ ވިސްނުން ލިބުމުން ފުރަތަމަ ވެސް އޭނާ ކުރި ކަމަކީ ޓީޗަރެއްގެ ވަޒީފާއަށް އެނބުރި ދިއުމެވެ. އަދި ސިނގިރެޓާއި ރަލުގެ މަސްތުން ވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ. މިހާރު އޭނާ އެއްގޮތަކަށް ވެސް އެ ތަކެތި ބޭނުން ނުކުރާ ކަމަށް ސުނިލް ބުންޏެވެ.

ސުޝީލްގެ މި ވާހަކައަކީ ހުރިހާ އެންމެންނަށް ވެސް ވަރަށް ރަނގަޅު އިބުރަތްތެރި ފިލާވަޅެކެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ އިންސާނަކަށް ކުއްލިއަކަށް ގިނަ އަދަދެއްގެ ފައިސާ ލިބިއްޖެނަމަ އެ މީހާއަށް މަގުއޮޅުން އޮންނާނީ ދާދި ގާތުގައި ކަމެވެ.

ސުޝީލް މިހާރު ގަބޫލުކުރާ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. ދިރިއުޅުމަށް ކޮންމެހެން އެހާ ގިނަ ފައިސާ ބޭނުން ނުވާ ކަމެވެ. އާދައިގެ ގޮތެއްގައި ދިރިއުޅެވޭ ވަރަށް ފައިސާ ލިބޭނަމަ ދިރިއުޅުން މާ އުފާވެރިވެފައި ހަމަޖެހޭ ކަމެވެ.