ކުޅިވަރު

ވެސްޓްހަމް ގަންނަން ދެވަނަ ބިޑް ހުށަހަޅަނީ

ވެސްޓްހަމް ގަންނަން އެމެރިކާގެ ކޮންސާޓިއަމްއިން ހުށަހެޅި ފުރަތަމަ ބިޑް ބަލައި ނުގަތުމުން ދެ ވަނަ ބިޑެއް ހުށަހެޅުމަށް ތައްޔާރު ވެއްޖެ އެވެ.

އެމެރިކާގެ ސްޕޯޓްސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުންޏަކުން، ވެސްޓްހަމް ގަންނަން ހުށަހެޅީ މިދިޔަ މަހު އެވެ. އެ ހުށަހެޅުމުގެ އަގަކީ 350 މިލިއަން ޕައުންޑެވެ. ކުލަބު ގަތުމުގެ އަގަކީ 300 މިލިއަނެވެ. ލަންޑަނަށް ނިސްބާތްވާ ކުލަބެއް ކަމަށްވެފައި އަދި ވެސްޓްހަމް ސްޓޭޑިއަމް ހުރި ހިސާބަކީ ރަނގަޅު ސަރަހައްދަކަށް ވުމުން އެކަމުގެ ވެލިއުއެއްގެ ގޮތުގައި އިތުރު 50 މިލިއަނެވެ.

ވެސްޓަހަމްގެ މިހާރުގެ ވެރިން ކަމަށްވާ ޑޭވިޑް ގޯލްޑް އަދި ޑޭވިޑް ސަލްވަން އެ ކުލަބު ގަތީ 2010 ވަނަ އަހަރު އެވެ. ޓީމުގެ ވެރިންނާއި ސަޕޯޓަރުންނާ ދެމެދު ވަނީ ގުޅުން ކެނޑިފަ އެވެ. ސަޕޯޓަރުންނާއި ކުލަބުގެ ވެރިންނާ މައްސަލަ ޖެހުނީ، ކުލަބުގެ ކުރީގެ ސްޓޭޑިއަމް އަޕްޓަން ޕާކް ދޫކޮށް މިހާރުގެ ސްޓޭޑިއަމްއަށް ކުލަބު ބަދަލުވި ހިސާބުންނެވެ. މިހާރުގެ ސްޓޭޑިއަމްއަކީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

އެ ސްޓޭޑިއަމްއަށް ބަދަލުވުމާއެކު އިނގިރޭސި ފުޓްބޯޅައިގެ އެލީޓް ލެވަލްއާ ވާދަ ކުރުމަށް ވެސްޓްހަމްއަށް މަގުފަހި ވެގެންދާނެ ކަމަށް އެ ޓީމުވެރިން އޭރު ބުނެފައި ވެއެވެ. މިދިޔަ ސިޒަންގައި ވެސްޓްހަމް ރެލިގޭޓް ނުވެ ސަލަމާތް ވީ ކިރިޔާ އެވެ،

ކުލަބު ގަންނަން ހުށަހެޅި ބިޑް ނާކާމިޔާބު ވީ މުޅި ކުލަބު ވިއްކާލުމަށް ސަލްވަން ބޭނުން ނުވުމުންނެވެ. އުމުރުން 71 އަހަރުގެ ޗެއާމަން ބޭނުން ވަނީ ކުލަބުގެ މެޖޯރިޓީ ހިއްސާ އޭނާގެ އަތުގައި އޮތުމަށެވެ. އެއީ 51.5 ޕަސަންޓް ހިއްސާ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ބާކީ 49 ޕަސަންޓް ހިއްސާ ކުލަބު ގަންނަށް ހުށަހަލާފައިވާ ކޮންސޯޓީއަމްއަށް ގަނެވިދާނެ އެވެ. އެހެންނަމަވެސް ކޮންސޯޓީއަމްއިން ބޭނުން ވަނީ މުޅި ކުލަބު އެކީ ގަތުމަށެވެ.

މިއަހަރު ސައުދީ އަރަބިއްޔާގެ ކޮންސޯޓީއަމްއިން ވަނީ ނިއުކާސަލް ޔުނައިޓެޑް ގަންނަން ހުށަހަޅާފަ އެވެ. ކުލަބު ވެރިން އެއްބަސްވެ ކުލަބު ވިއްކާލަން ނިންމި ނަމަވެސް ޕްރިމިއާ ލީގުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމުމުން ސައުދީގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައި ހުށަހެޅި ބިޑް އަނބުރާ ގެންދިއުމަށް ނިންމި އެވެ.

ޕްރިމިއާ ލީގަށް މައްސަލަ ހުށަހެޅިތާ ހަތަރު މަސްވީއިރުވެސް ވަކި ގޮތެއް ނިންމާފައި ނުވެ އެވެ. އެކަމާ ގުޅިގެން ނިއުކާސްލ އާއި ޕްރިމިއާ ލީގް އާމެދު ހިތްހަމަނުޖެހުންތަކެއްވެސް ފެންމަތިވި އެވެ.