ކޮވިޑް-19 އިގެ ސަބަބުން އާމްދަނީ ދަށްވެފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ދެމުންދާ އިންކަމް ސަޕޯޓު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް ނުލިބޭތީ، ކަންބޮޑުވުންފާޅުކޮށްފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ބުނީ ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން މިދިއަ އޭޕްރިލް މަހުން ފެށިގެން ބޮޑު ކަންނެލި ގަންނަމުން އަންނަނީ 35 ރުފިޔާ އިން ދަށް އަގުތަކެއްގައި ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ މަސްވެރިންނަށް އެވްރެޖުކޮށް މަހެއްގެ މައްޗަށް 5،000 ރުފިޔާ ނުލިބޭ ކަމަށް އެ ޔޫނިއަނުން ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ ސަރުކާރުން މަސް ގަންނަ ފަރާތްތަކަށް، މަސް ގަތުމަށް ފައިސާ ދޫކޮށްފައިވާތީ މަސްވެރިންނަށް އިންކަމް ސަޕޯޓު ނުލިބޭގޮތަށް ނިންމާފައިވާތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށެވެ.
އަދި ވީހާ ވެސް އަވަހަށް މިކަން ހައްލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެސް އެ އެލަވެންސް ލިބޭގޮތް ހަދައި ދިނުމަށް އެ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.
"ސަރުކާރުގެ ފަރާތުން ކޮވިޑް-19 ގައި މަސްގަންނަ ފަރާތްތަކަށް މަސްގަތުމަށް ފައިސާ ދޫކޮށްފައިވާތީ ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ކޮވިޑާ ގުޅިގެން އާމްދަނީ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާނެ ކަމަށް ނިންމާފައިވާތީ މި ޔޫނިއަންގެ ފަރާތުން އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.