ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފެސިލިޓީއަކަށް ނެގި ރިސޯޓަކަށް އިތުރަށް ދެލައްކަ ރުފިޔާ

އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ފެންމަތި ކޮށްފި އެވެ.

އެ އޮފީހުން މިއަދު ވަނީ އެންޑީއެމްއޭއިން ކޮވިޑްގެ ބަލިމަޑުކަމުގައި ކޮށްފައިވާ ހަރަދުތަކާއި އެ ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލްތައް ހިމަނާ ކޮންޕްލަޔަންސް އޮޑިޓް ރިޕޯޓް އާންމު ކޮށްފަ އެވެ. އެ ރިޕޯޓްގައި އެ އޮތޯރިޓީން ގޯސްކޮށް ކޮށްފައިވާ ގިނަަ ކަންތައްތަކެއް ފާހަގަ ކޮށްފައި ވެއެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ފެސިލިޓީތަކަށް ނަގާ ރިސޯޓްތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލުކޮށްފައިވާ ކަމަށެވެ. އެ އަދަދަށް ފައިސާ ދައްކާފައި ވަނީ ޓީޖީއެސްޓީއަށްވާ 12 ޕަސެންޓް ހިމަނައިގެން ކަމަށެވެ. އެހެން ކަމުން އެ ރިސޯޓަށް 206,280 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އޮޑިޓްގައި ނެތެވެ.

އޮޑިޓް އޮފީހުން ވަނީ އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި އެ ރިސޯޓަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އަންގާފަ އެވެ. އަދި ކުރިއަށް އޮތްތާ ބިލްތަކަށް ފައިސާ ދައްކާއިރު އެކަން ކަމަށް ސަމާލު ވުމަށް ވަނީ އަންގާފަ އެވެ.

ކޮވިޑްގެ ބަލި މީހުންނާއި ކަރަންޓީން ކުރާ މީހުން އަދި އައިސޮލޭޓް ކުރާ މީހުން ބެއިތިއްބުމަށް ވަރަށް ގިނަ ރިސޯޓްތައް ސަރުކާރުން ވަގުތީ ގޮތުން ނެގިއެވެ. އަދި އެ ރިސޯޓްތަކުގައި ބޭނުންކުރާ ކޮންމެ ކޮޓަރިއަަކަށް ދުވާލަކު 750 ރުފިޔާ ހަރަދުކުރަމުންދާކަން ސަރުކާރުން ހާމަ ކުރި އެވެ.

މިވަގުތު ވެސް ކަރަންޓީން ކުރާ މީހުންނާއި ކޮވިޑްގެ ބަލި މީހުން ބައިތިއްބަން ހަތަރު ފަސް ރިސޯޓެއް ދަނީ ބޭނުން ކުރަމުންނެވެ.