އިޒްރޭލާއެކު ސިޔާސީ ގުޅުމެއް ގާއިމު ނުކުރާނެ ކަމަށާއި އެފަދަ ގުޅުމެއް އުފައްދައި ބަދަހިި ކުރުމަކީ މެދުއިރުމައްޗާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލެއް އަދި ޖަވާބެއް ވެސް ނޫން ކަމަށް ތެލުގެ މުއްސަނދިކަން ލިބިފައިވާ މުއްސަނދި ގައުމު ގަތަރުން ބުނެފި އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލޮލްވާ އަލް ހާތިރު ބްލޫމްބާގަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަރަބި އެހެން ގައުމުތަކާއި އެއްގޮތައް އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުމެއް ގަތަރުުން ގާއިމް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން [އިޒްރޭލާއެކު] ގުޅުން ބަދަހި ކުރުމަކީ [ފަލަސްތީން] މައްސަލަ އޮތް ހައްލެއް ކަމަކަށް އަދި އެއީ މިކަމަށް އޮތް ޖަވާބެއްވެސް ނޫން" ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ހިތްދަތި ހާލެވެ. އަދި ވިދާޅުވީ އެ ރައްޔިތުން އުޅެނީ އެމީހުންގެ އަމިއްލަ ބިމުގައި އެ މީހުން ނިސްބަތްވާ ގައުމެއް ނެތި ކަމަށާއި ދިރިއުޅޭ ސަރަހައްދު އޮތީ އިޒްރޭލުން ހިސާރު ކޮށްފައި ކަމަށެވެ.
ތަރުޖަމާނު އަލް ހާތިރުގެ ފަރާތްޕުޅުން މިފދަ ބަޔާނެއް އައީ ޔޫއޭއީ އާއި ބަހުރައިނުން އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމުގެ އެބަސްވުމެއްގައި އެމެރިކާގެ ވައިޓް ހައުސް ގައި އިއްޔެ ސޮއިކޮށްފައި ވަނިކޮށެވެ. އެ އެއްބަސްވުމުގެ ސަބަބުން އިޒްރޭލާއި އަރަބި ގައުމުތަކާއި ދެމެދު ހާރިޖީ އިގްތިސޯދީ އަދި ދިފާއީ ގުޅުމެއް ގާއިމް ވެގެން ދާނެ އެވެ.
ފަލަސްތީނުގެ ސަރުކާރުން ބޭނުން ވަނީ މިނިވަން ދައުލަތެކެވެ. އަދި އެ މިނިވަން ދައުލަތް އެކުލެވިގެން ވާންވާނީ 1967 ގެ އިޒްރޭލް އާއި އަރަބިން ކުރި ހަނގުރާމައިގެ ކުރިން އޮތް ނުރަސްމީ ބޯޑަރު ހިމެނޭ ގޮތަށް އޮތް ސަރަހައްދުގައި ގާއިމް ކުރެވޭ ދައުލަތަކަށެވެ މީގެތެރޭގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ގާޒާ ސްޓްރިޕާއި އިރުމަތީ ގުދުސް ވެސް ހިމެނެ އެވެ.
އަރަބި ގައުމުތަކުން އެންމެ ކުރީއްސުރެ ބުނަމުން އައީ އިޒްރޭލާއި ގުޅުން ގާއިމް ކުރެވޭނީ އޭގެ ބަދަލެއްގެ ގޮތުގައި ގާނޫނާއި ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލް ފޭބުމާއި ފަލަސްތީންގެ ރެފިއުޖީންގެ މައްސަލައަށް ހައްލެއް ގެނައުމާއި ހިފާފައިވާ ބިންތަކުގައި ޔަހޫދީން ޢަބާދީތައް ހެދުން ހުއްޓާލުމުންނެވެ.
މި މަހުގެ ކުރީކޮޅު ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީ ވައިޓް ހައުސް ގެ މުޝީރު ޖެރެޑް ކުޝްނާ އާއި ބައްދަލު ކުރައްވައި ވިދާޅުވީ އިޒްރޭލާއި އަރަބީންގެ މެދުގައި ހަމަނުޖެހުންތަކަށް އޮތް ހައްލަކީ ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް ގާއިމް ކުރުމާއި އަދި ފަލަސްތީނުގެ ވެރި ރަށަކަށް އިރުމަތީ ގުދުސް ހަމަޖެހުން ކަމަށެވެ.