ދުނިޔެ

ގަތަރުގެ އަމީރު ކެބިިނެޓަށް ބަދަލު ގެންނަވައިފި

ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ ކެބިނެޓަށް ބަދަލު ގެންނަވައިފި އެވެ. ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމުގެ އެއް ބޭނުމަކީ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީއެއް އުފެއްދުމެވެ.

ފިނޭންސް މިނިސްޓަރު ކަމަށް އަލީ ބިން އަހްމަދް އަލް ކަވާރީ އައްޔަން ކުރެއްވިއިރު މިދިޔަ މެއި މަހުން ފެށިގެން އޭނާ ހުންނެވީ ވަގުތީ ވަޒީރެއް ގޮތުގަ އެވެ.

އެޑިއުކޭޝަނާއި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ ހިންގެވުން ދެ ކަނބަލަކާ ވަނީ ހަވާލު ކުރައްވާފަ އެވެ. ކެބިނެޓްގައި މީގެ ކުރިން ހިމެނިވަޑައިގެން އިންނެވީ އެންމެ ކަނބަލެކެވެ. އެއީ ހެލްތު މިނިސްޓަރު ހަނާން މުހައްމަދު އަލް ކުވާރީ އެވެ.

ޗީފް އޮފް ސްޓާފްގެ މަގާމު ދެއްވީ ލެފްޓަނެންޓް ޖެނެރަލް ސާލިމް ބިން ހަމަދު އަށެވެ. އެ މަގާމުގައި ކުރިން ހުންނެވި ޣާނިމް ބިން ޝާހީން އަލް ޣާނިމްއާ ހަވާލު ކުރައްވާފައި ވަނީ މިނިސްޓްރީ އޮފް އެންޑޯވްމެންޓްސް އެވެ.

ވަޒީރުންގެ މަޖިލީހަށް ގެނައި އެންމެ މުހިންމެ ބަދަލަކީ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީއެއް އުފެއްދުމެވެ. ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ފަލީހް ބިން ނާސިރު އަލް ސާނީ އެވެ.

އަމީރު ކެބިނެޓަށް ބަދަލު ގެންނެވި ނަމަވެސް ފޮރިން މިނިސްޓްރީ އާއި ޑިފެންސް، ހެލްތު އަދި ޖަސްޓިސް މިނިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެންނަވަ އެވެ.

ބޮޑުވަޒީރު ޚާލިދު ބިން ޚަލީފާ ބިން އަބްދުލްޢަޒީޒް ދާޚިލީ ވުޒާރާއާ ގުޅުހުން ހުރި ޒިންމާތައް ވަނީ ހަވާލު ކުރައްވާފަ އެވެ.

ގަތަރުގެ އަމީރު ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވިއިރު ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބޭއްވި ފަހުން ދުވަސްތަކެއް އަދި ނުވެ އެވެ.