ދުނިޔެ

އައްބާސް އެދިވަޑައިގަންނަވަނީ ގަތަރާ އޮމާނުން އިޒްރޭލާ ގުޅުން ބަދަހި ނުކުރަން

ގަތަރުގެ އަމީރު، ޝައިހު ތަމީމް ބިން ހަމަދު ބިން ހަލީފާ އާލްސާނީއާ ދޯހާގައި ބައްދަލު ކުރައްވައި، ފަލަސްތީންގެ ރައީސް، މަހްމޫދު އައްބާސް ވިދާޅުވީ، އިޒްރޭލާއެކު މި ވަގުތު ގުޅުން ބަދަހި ކުރުމަކީ ސުލްހައަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. ފަލަސްތީނާ ބެހޭ ގޮތުން އިޒްރޭލާއެކު އެއްވެސް މައުލޫއަކަށް މަޝްވަރާ ނުކުރެއްވުމަށް ވެސް، އަމީރުގެ ކިބައިން އައްބާސް އެދިވަޑައިތެވެ.

އަމީރުގެ އަރިހުގައި އައްބާސް ވިދާޅުވި ކަމަށް، ސައޫދީ އަރަބިއްޔާގެ އީލާފް ނޫހުގައި ބުނެފައި ވަނީ، އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން ހުންނެވި ޖޯ ބައިޑަން، ފަލަސްތީން-އިޒްރޭލް މައުލޫ ހުޅުވައި ލައްވާނެ ކަމަށެވެ. އަދި މަޝްވަރާއަށް ފުރުސަތު ހޯދަވައި ދެއްވާނެ ކަމަށެވެ.

އިޒްރޭލަކީ އިމެއް ނެތި ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރަށް ސަޕޯޓްކުރާ ގައުމެކެވެ. ގަތަރުން އިޒްރޭލާއެކު މިހާރު ގުޅުން ބަދަހިކޮށްފި ނަމަ، ފަލަސްތީނަށް މިނިވަން ގައުމެއްގެ ދަރަޖަ ދިނުމަށް އިޒްރޭލަށް ޕްރެޝަ ކުރުން، ބައިޑަން ސަރުކާރަށް ވާނީ ދަތި ކަމަކަށެވެ.

އީލާފް ނޫހުން ރިޕޯޓް ކުރާ ގޮތުގައި، އައްބާސް ވަނީ އޮމާނަށް ވެސް ވަފުދެއް ފޮނުއްވާފަ އެވެ. އެއީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރުން މި ވަގުތު ބުއްދިވެރި ނޫން ކަމަށް ދަންނަވައި މަސްއޫލްވެރިން ސަމާލު ކުރެއްވުމަށެވެ. އަދި ފަލަސްތީނަށް ފުރުސަތު ގެއްލޭ ގޮތަށް މަޝްވަރާ ނުކުރެއްވުމަށް ދެންނެވުމަށެވެ.