ވާދަވެރި އިންތިހާބެކެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ އަހަރުގައި އަންނާނެ އެންމެ ބޮޑު އިންތިހާބަށް ޓީޓީގެ އިންތިހާބު ވެގެން ދިޔައީ އެވެ. ރާއްޖޭގެ ސްޕޯޓްސް ކައުންސިލުގެ އިތުރަށް އިންޓަނޭޝަނަލް ޓީޓީ ފެޑްރޭޝަނުން މައްސައްލައިގެ ތެރެއަށް ވަނެވެ. ސަސްޕެންޝަނުގެ އިންޒާރު ދީ، ކޯޓުން މައްސަލަ ނުބެލޭނެ ކަމަށް އައިޓީޓީއެފުން އެންގި އެވެ. އެވަރުން ވެސް މައްސަލަ ކޯޓަށް ދިޔަ އެވެ. އިންތިހާބަށް ދިޔައީ ކޯޓުން އިއްވި ހުކުމާއެކު މައްސަލަ ހުށަހެޅި ފަރާތުން ހަތިޔާރު ބެހެއްޓުމުންނެވެ.
މިހާ ވާދަވެރި ބުރަ އަދި ޗެލެންޖު އިންތިހާބެއް ނިންމާލުމަށް ފަހު ދެ ވަނަ ދައުރަށް ރައީސް ކަމަށް އިންތިހާބުވި އަލީ ރަޝީދު (އައްޔަ) އާއި އޭނާގެ ޒުވާން އެކްސްކޯގެ ކުރިމަތީގައި އޮތީ ވެސް ވަރުގަދަ ޗެލެންޖެކެވެ. ރާއްޖޭގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ކުޅިވަރުގައި އިންޓަނޭޝަނަލް ލެވެލްގައި ބޮޑެތި ކާމިޔާބުތަކެއް ހޯދައިފި އެވެ. މިއީ މިފަހުގެ ތާރީހުގައި ބައިނަލްއަގްވާމީ ލެވަލްގައި ރާއްޖެ ތަމްސީލު ކުރި އެންމެ ކާމިޔާބު ކުޅިވަރެވެ. ނަމަވެސް އެތެރޭގައި އޮތް އުނދަގޫ ހަލާތާއި ގެންނަން ބޭނުންވާ ބަދަލުތައް އޮތީ ކުޑަކުޑަ އޮފީހެއްގެ ތެރޭގައި ތާށިވެފަ އެވެ.
އެސޯސިއޭޝަންގެ ހިންގުމަށް ޒަމާނީ ބަދަލެއް ގެނައުމަށް ކުރަން ޖެހޭ ބައެއް މަސައްކަތް ވަނީ މިހާރުވެސް ފަށާފަ އެވެ. އައްޔަ އާއި ޝިއުރީ ވަނީ އޭގެތެރެއިން ބައެއް ކަންކަން ހިއްސާ ކޮށްފަ އެވެ. ކުޅުންތެރިންގެ ރޭކިން އާއި ޕާފޯމަންސްގެ މައުލޫމާތު ހިމެނޭ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ. މިއި ރާއްޖެއަށް ހާއްސަކޮށް އެސޯސިއޭޝަނަކުން މިފަދަ ޕްލެޓްފޯމެއް ގާއިމު ކުރާ ފުރަތަމަ ފަހަރަށް ވެސް ވެދާނެ އެވެ. އެ މަސައްކަތުގެ ބެންޗުމާކަކަށް ބަލާފައި ވަނީ އައިޓީޓީއެފް އާއި ޓެބަލްޓެނިސް އިންގްލެންޑެވެ. އެ މަސައްކަތް ކުރަހައި ޕްލޭން ކުރީ، އިންތިހާބުގައި އައްޔަގެ ޓީމުގައި ހިމެނިގެން އެކްސްކޯގެ އެސޯސިއޭޓް މެންބަރުކަމުގެ މަގާމު ކާމިޔާބު ކުރި އިސްމާއީލް ސުޖާއު އެވެ. އެ ޕްލެޓްފޯމް ވެގެން ދާނީ ކޮންމެ މީހަކަށް ވެސް އެކްސަސްވެވި މައުލޫމާތު ހޯދޭނެ ޕްލެޓްފޯމަކަށެވެ.
އެސޯސިއޭޝަންގެ އަސާސީ ގަވާއިދަކީ ކުރީގެ ގަވާއިދެކެވެ. އެއީ ކުޅިވަރު އެސޯސިއޭޝަންތައް އިންތިހާބު ކުރުމުގެ އުސޫލަށް ފެއްތުމުގެ ގޮތުން 2008 ވަނަ އަހަރު އެކުލަވާލި އަސާސީ ގަވާއިދެކެވެ. އެ ގަވާއިދަށް ބަދަލު ގެންނަން ޖެހޭކަން އައްޔަ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ޓީޓީއޭއެމްގެ ގަވާއިދު އިސްލާހް ކުރުމުގެ ވިސްނުން އޮތުމުން އިންތިހާބުގެ ކުރިން ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމްގެ ހިޔާލު ހޯއްދެވި ކަމަށެވެ.
"ކޮމިޝަނާ ވިދާޅުވި އިންތިހާބެއް ކައިރިވެފައި އޮއްވައި އަސާސީ ގަވާއިދަށް ބަދަލު ގެނައުމުން އެސޯސިއޭޝަންގެ އޭރެއްގެ އޮންނަ އެކްސްކޯ އިތުރު ދައުރަކަށް ކުރިމަތި ލުމުގެ ހިޔާލު ގެންގުޅޭނަމަ ގަވާއިދު އިސްލާހް ކުރުމުގެ މަރުހަލާގައި އޭގެތެރެއަށް މަސްލަހަތު ވަނުމުގެ ފުރުސަތު އެވެދާނެތީ އިންތިހާބުވާ އެކްސްކޯއަކަށް އެމަސައްކަތް ކުރަން ބާއްވާށޭ،" އައްޔަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް އަސާސީ ގަވައިދު އިސްލާހް ގެނައުން، އެއީ އެސޯސިއޭޝަންގެ ހިންގުމަށް ޒަމާނީ ބަދަލެއް ގެންނަން މަސައްކަތް ކުރާއިރު އަސާސީީ ގަވާއިދަށް ބަދަލު ގެންނަން ޖެހޭނެ، އޭޖީއެމްއެއް ބާއްވައި އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން."
އެސޯސިއޭޝަންގެ އިންތިހާބަކަށް ކުރި ކެމްޕޭނާއެކު، ރާއްޖޭގެ އެހެން އެސޯސިއޭޝަންތަކުން ނުފެންނަ ވަރުގެ ވާދަވެރި އުސޫލުތައް ޓީޓީގެ އިންތިހާބުން ފެނުނެވެ. ދެ ފިކުރަކުން ދެ ޓީމެއްގެ ގޮތުގައި ކެމްޕޭންކޮށް އެއް ފިކުރެއްގައި ތިބި ބަޔަކު އިންތިހާބު ކާމިޔަބު ކުރުމެވެ. ކޮންމެ މަގަމަކަށް ވަކިން ވޯޓް ނެގި ނަމަވެސް އެސޯސިއޭޝަންގެ މެންބަރުންގެ މެދުގައި ދެފިކުރަކަށް ބެހިގެން ދިޔަ އެވެ. ދުރުން ބަލަން ތިބޭއިރު ފެންނަނީ ވަރަށް ހެލްދީ މަންޒަރެކެވެ. އެހާ ބޮޑު ވާދަވެރިކަން އުފެދޭނީ އެ ކުޅިވަރުގެ ސްކޯޕް ފުޅާވެފައި އޮތުމުންނެވެ.
ކުޅިވަރުން ހޯދާ ކާމިޔާބާ ބަލާއިރު، ޓީޓީއަށް ލިބިފައި އޮތް ވަސީލަތްތަކަކީ އެކަށީގެންވާ ވަސީލަތްތަކެއް ނޫނެވެ. އެއީ ޓީޓީ ކަހަލަ ކާމިޔާބު ކުޅިވަރަކަށް ހައްގު މިންވަރުކަމަށް ގަބޫލު ކުރަން ދައްޗެވެ. ކުޅިވަރު އެކުވެނީގައި ބޭނުން ކުރަމުން ދިޔަ އިމާރާތް ބާވެ ވީރާނާ ވުމުން ދެން ގެންގޮސް ވެއްދީ، ސޯޝަލް ސެންޓަރަށެވެ. ޖާގަ ކުޑަވެ ޓީޓީގެ މޭޒް ބެހެއްޓޭ އަދަދު މަދުވި އެވެ. ސޯޝަލް ސެންޓަރުގައި އިމާރާތް ކުރުމުގެ އެހެން މަސައްކަތެއް ކުރަން ހަމަޖެހުމުން އެތަނުން ނުކުންނަން ޖެހުނެވެ. ދެން ވެއްދީ ހެންވޭރުގައި ހުންނަ މުނިއުފާ ޔޫތު ސެންޓަރަށެވެ. އަށް މޭޒުން ފަސް މޭޒަށް މަދުވީ އެވެ. މި މައްސަލައަށް ހައްލެއް ނުލިބި އަނެއްކާ އެތަނުން ނުކުންނަން ޖެހޭނެމަ ދެން އެ ކުޅިވަރު ހުއްޓާލަން ޖެހިދާނެ އެވެ. މިހާރުވެސް ވާދަވެރި ކަމާއެކު މުބާރާތެއް ބާއްވާނެ އެކަށީގެންވާ ތަނެއް މި ރާއްޖޭގެ ފަސް ގަނޑެއްގައި ޓީޓީއަށް ހަމަޖެހިފައެއް ނެތެވެ.
އައްޔަ، މިހާރުގެ އެކްސްކޯ އާއެކު ދެ ވަނަ ދައުރަކަށް ކުރިމަތިލީ މަގުމަތި ވެފައިވާ އެސޯސިއޭޝަނާއެކު އެވެ. ޓީޓީއަށް ލިބިފައިވާ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަކީ މި ދައުރުގައި އޭނާގެ އެންމެ ބޮޑު ޓާގެޓެވެ. އެކަންވެސް އޮތީ ޕްލޭން ކުރެވިފަ އެވެ. ކުޅޭނެ އިތުރު މޭޒުތައް އޭޝިއަން ޓޭބަލް ޓެނިސްއިން މިހާރުވެސް ހުރީ ފޯރުކޮށްދިފަ އެވެ، އެސޯސިއޭޝަންގެ އޮފީސް ތެރޭގައި އެ ސާމާނުތައް ގުދަން ކޮށްފައި އެބަ ހުއްޓެވެ. އިންފްރާސްޓްރަކްޗާގެ ޕްލޭންގައި އޮތް ޓީޓީގެ އޮފީހާއި ހޯލް ވެގެންދަނީ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭ ވަރުގެ ހޯލަކަށެވެ. ޓީޓީ 60 މޭޒް ޖެހޭ ވަރުގެ ހޯލެވެ. ފުރަތަމަ ފަހަރަށް ގާއިމު ކުރާ ޓީޓީއަށް ހާއްސަ ސްޕޯޓްސް ޝޮޕެއް ހިމެނޭނެ ގޮތަށް އޮފީސް އިމާރާތް ކުރުމަށް އައްޔަ ވަނީ އިއުލާން ކޮށްފަ އެވެ. އިމާރާތް ކޮށް ނިމުމުން އިންޓަނޭޝަނަލް މުބާރާތެއް ކަނޑައެޅޭ ވަކި އަހަރުތަކުގައި ބޭއްވުމަށް އޮތީ ޕްލޭން ކުރެވިފަ އެވެ. އެ މަސައްކަތް ކާމިޔާބު ކުރެވިޖެނަމަ އައްޔަގެ އެކްސްކޯއަށް ދުރަށް ފިޔަވަޅެއް އެޅުނީ އެވެ. އެއީ 60 އަހަރަށް ވުރެ ގިނަ ދުވަސްވީ ކުޅިވަރުގައި މިހާތަނަށް ވާސިލު ނުވެ އޮތް ހިސާބެކެވެ.
ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެއްގައި ރާއްޖެއިން ބޭރަށް ދިޔަ ފުރަތަމަ ކުޅިވަރަކީ ޓީޓީ އެވެ. ޓީޓީގެ ފިރިހެން ޓީމު ވަނީ 1973 ވަނަ އަހަރު ޗައިނާގައި ބޭއްވި ޓީޓީ މުބާރާތެއްގައި ވާދަ ކޮށްފަ އެވެ. މިހާރު ޓީޓީގައި ނަގާކިޔަން ތިބީ އަންހެން ކުޅުންތެރިންނެވެ. އިންޓަނޭޝަނަލް ލެވަލްގައި ކާމިޔާބު ހޯދަނީ އަންހެން ކުޅުންތެރިންނެވެ. އިންޓަނޭޝަނަލް ލެވަލްގައި ފިރިހެން ކުޅުންތެރިން ވިދުވަރު ފަނޑެވެ. ކުރިން ގައުމީ ޓީމަށް ކުޅުވި މިހާރުނައިބު ރައީސް ޝިއުރީގެ ހިޔާލު އެކަމުގައި ތަފާތެވެ. ފިރިހެން ޓީމަށް މެޑަލް ނުލިބުނަސް އެ ޓީމުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ތި ވެދާނެ އަންހެން ކުޅުންތެރިން މެޑަލް ގެންނާތީ މާ ބޮޑަށް އެކަން ފާހަގަ ވަނީ ކަމަށް،" އިންތިހާބާ ހަމައަށް ގައުމީ ޓީމުގައި މަސައްކަތް ކުރި ޝިއުރީ ވިދާޅުވި އެވެ. "އެހެންނަމަވެސް އައިއޯއައިޖީގައި ފިރިހެން ކުޅުންތެރިން ވަނީ އޭގެ ކުރީ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި ކުޅުންތެރިޔަކު ބަލި ކޮށްފަ، މާނައަކީ ފިރިހެން ކުޅުންތެރިންގެ ފަރާތުންވެސް ކުރިއެރުން އެބަ ފެނޭ، ހޯދަމުން އަންނަ ކުރިއެރުމާ ބަލާފައި ބުނަން ކެރޭ ފިރިހެން ކުޅުންތެރިންވެސް އެ ބެރިއާ ނައްތާލާނެޔޭ."
އެ ވާހަކައިގެ ތެރެއިން ކުރިފަޅައިގެން އައީ ޓެކްނިކަލް އޭންގަލްގައި އައްޔަގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު ޕޮއިންޓަށެވެ. "ވަރުގަދަ ގައުމީ ޓީމެއް އެކުލަވާލުމެވެ." މި މަސައްކަތަށް ކުރިން އޮތީ މަސައްކަތް ފެށިފަ އެވެ. ކުރިން ހަމަޖެހިފައި އޮތީ ޔޫރަޕްގެ ކޯޗެއް ގެނައުމަށެވެ. އެކަން ކުރަން ރާވާފައި އޮތީ ސައުތު އޭޝިއަން ގޭމްސްއަށް ފަހު އެވެ. ނަމަވެސް އެ ގޭމްސް ނިންމާފައި ރާއްޖެއައިސް ހަމަޖެހިލިއރު ކޮވިޑް-19 ގެ ވިލާގަނޑު ރާއްޖެއާވެސް ބޯމަތި ވެއްޖެ އެވެ. ހުރިހާ ދާއިރާއަކަށްވެސް ކޮވިޑް އަސަރު ކުރިހެން ޓީޓީއަށްވެސް އަސަރު ކުރި އެވެ. ޔޫރަޕްގެ ކޯޗެއް ގެނެސް މަސައްކަތް ފެށުމަށް އޮތް ޕްލޭން މަޑުޖައްސާލަން ޖެހުނީ އެވެ. އާ އިންތިހާބާއެކު މަސައްކަތް ފެށުމުގެ އުންމީދު އާ ވެއެވެ.
ރާއްޖޭގެ ކުޅިވަރުގައި ޓީޓީއަށް ލިބިފައި އޮތް ލެގެސީ ދެމެހެއްޓުމުގެ އެންމެ އިސްސަފުގައި މިތިއްބެވީ އައްޔަ އާއި ޝިއުރީ އެވެ. އެކުގައި ގައުމީ ޓީމުގައި ހިމެނި އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަ ކުރި ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނެވެ. އެ ލެގެސީ ދެމެހެއްޓުމަށް ހުރި ހުރިހާ ގޮންޖެހުންތަކެއް ގިރާ ކުރުމަށް ދެ ބޭފުޅުން ތިއްބެވީ އެކުގަ އެވެ. މިދިޔަ ދައުރުގައި އެކްސްކޯގައި ހިމެނުނު ބައެއް މެންބަރުން ހިޔާލު ދެކަފިވެ އޭރު ކުރަމުން ދިޔަ ބައެއް މަސައްކަތްތަކާ ފެއަށް ޖެހުނެވެ. އެހެންނަމަވެސް މިފަހަރު އެއް ފިކުރެއް ހުށަހަޅައިގެން އެއް ޓީމެއްގެ ގޮތުގައި އައުމުން އެ ޖާގަ މިފަހަރު ނޯންނާނެ ކަމުގެ ޔަގީންކަން އައްޔަ އާއި ޝިއުރީއަށް އެބައޮތެވެ.