ވިޔަފާރި

ބީއެމްއެލް ކާޑުން ބޭރުގައި 750 ޑޮލަރު، ރާއްޖޭގައި 250 ޑޮލަރު

Sep 16, 2020
2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޭޝް ކާޑުން ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރު ނެގޭ ގޮތަށް ބަދަލު ގެނެސްފި އެވެ.

ރާއްޖެއަށް ބޭރު ފައިސާ ލިބުން މަދުވެ، ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާ ވަގުތެއްގައި ބީއެމްއެލް އިން ގެނައި މި ބަދަލާ ބެހޭ ގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއް ފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހީނަރު ކަމަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ދުނިޔޭގެ ދަތުރު ފަތުރަށް ހުރަސް އެޅުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީއަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމާފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމުގެ ގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ އަދަދަކީ 250 ޑޮލަރު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މިވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

"މި އަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ އެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.

ބޭސް ފަރުވާއާއި ސިއްހީ ބޭނުންތަކަށް ހާއްސަކަން

ބީއެމްއެލް އިން އިތުރަށް ބުނީ މި ގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދަށް ބަދަލު ގެނައި ނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރިކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދޭނެ ކަމަށެވެ. މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމުން ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓް ކަސްޓަމަރުންނަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށެވެ. އަދި ހަމައެހެންމެ މިއީ މި ވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން ޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށާ، މި ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއުއަ ކުރާނެ ކަމަށެވެ. އަދި ކޮވިޑް- 19 ގެ ބަލިމަޑުކަމުގެ ސަބަބުން މިވަނީ މިހާތަނަށް ރާއްޖެއަށް އިތުރުން ދުނިޔެވެސް ނުދެކޭފަދަ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެ ބޭންކުން ދަނީ ޑޮލަރު ލިކިއުޑިޓީއަކީ ދިމާވެފައިވާ ބޮޑު ގޮން ޖެހުމަށްވާއިރު، ބައިނަލް އަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމަށް ބީއެމްއެލް އިން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ގައުމީ ބޭންކުގެ ގޮތުގައި މިދަތި ހާލަތުގައި ވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެ އެވެ.