ލައިފްސްޓައިލް

އަންހެނަކަށް ފޭސް މާސްކް އަޅަން ބުނެދިނީ ރޭރެއް!

ސްވޯން އެއް އަންހެނަކަށް ފޭސް މާސްކް އަޅަން ބުނެދޭ ވީޑީއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަރަށް ގިނަ ބަޔަކަށް ކަމުގޮސްގެން އެބައުޅެ އެވެ. ކޮރޯނާވައިރަހުގެ ވަބާ ފެށުމާއެކު ދުނިޔެއަށް އެންމެ އާންމުވީ އެއްޗަކީ ފޭސް މާސްކެވެ. އެގޮތުން އެމީހަކު ލާ އަންނައުނު ވެސް މިހާރު ހަމަވަނީ ފޭސް މާސްކް ވެސް އޮތިއްޔާ އެވެ.

މި ވީޑިއޯ އިން ފެންނަނީ ފޭސް މާސްކް ތިރިކޮށް އަނގަޔާއި ނޭފަތް ހާމަކޮށްގެން ހުރި އަންހެނަކު ސްވޯން އިން ފެންގަނޑު ކައިރިއަށް އެސޮރު ކައިރިއަށް ތިރިވެލާތަނެވެ. އަންހެންމީހާ ފޭސް މާސްކް ނާޅާ އިނީމަ ސްވޯން ހިތްހަމަނުޖެހުނު ހެން ހީވާ ކަހަލަ ގޮތެއް އެސޮރު ހަދާލަ އެވެ. ކުއްލިއަކަށް ސްވޯން އަންހެންމީހާއާ ކައިރިއަށް ޖެހިލާފައި އެސޮރުގެ ތުންގަނޑުން އެ މީހާގެ މާސްކް މޫނުގައި އަޅުވަ އެވެ. އަންހެންމީހާ އަށް މާސްކް އަޅަންވީ ގޮތުގެ އިރުޝާދު އެ ސޮރު ދެނީ ހެން ހީވާ ކަހަލަ ގޮތަކަށެވެ.

ފްރާންސްގައި ހިނގި މި ހާދިސާގެ ވީޑީއޯ ޓުވިޓާގައި ޝެއާ ކޮށްފައިވަނީ ވެސް ފްރާންސް މީހެކެވެ. ވީޑިއޯގެ ކެޕްޝަންގައި އޭނާ ފްރެންޗް މަހުން ލިޔެފައިވަނީ "ތިބާ ކައިރީ އެ ބުނަނީ މާސްކް އަޅާށޭ އެވެ" މިހެންނެވެ.
ކުއްލިއަކަށް ސްވޯންގެ ތުންގަނޑުން އަންހެންމީހާގެ މާސްކް އެޅުވުމުން އެ އަންހެންމީހާއަށް ކުއްލިއަކަށް ހައިރާންކަމާއި ޝޮކެއް ލިބިގެން ފަހަތަށް ޖެހޭތަން ވީޑީއޯގައި ފެނެ އެވެ.

ބުރާސްފަތި ދުވަހު މި ވީޑިއޯ ކްލިޕް ވައިރަލް ވުމާއެކު 25 މިލިއަން ވިއުޒް މި ވީޑީއޯއަށް ލިބިފައި ވެއެވެ. އަދި އެތައް ހާސް ބަޔަކު ވީޑިއޯ އަށް ލައިކް ދީ ކޮމެންޓް ކޮށްފައި ވެސް ވެއެވެ.

ވަރަށް ގިނަ މީހުންގެ ކޮމެންޓުގައި ބުނެފައިވަނީ މި ވީޑިއޯ އިން ހާމަވީ އިންސާނުންނަށް ވުރެ މިހާޜު ސްވޯން ވެސް މާ ވިސްނުންތޫނުކަން ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހުގެ ވަބާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ ފްރާންސެވެ. މިހާރުވެސް ކޮންމެ ދުވަހަކު އެ ގައުމުގެ 10،000 މީހުންނަށް އެވްރެޖްކޮށް މި ބަލި ޖެހެމުން ދެއެވެ.